އަހުމަދު ނަސީމް

ނަފްސާނީ ބަލިތައް އިތުރުވީ ހަލަބޮލި ދިރިއުޅުމުގެ ސަބަބުން: ނަސީމު

ރާއްޖޭގައި ނަފްސާނީ ބަލިތައް އިތުރުވެފައިވަނީ ދިރިއުޅެން ޖެހިފައި އޮތް މުޖުތަމައުގެ ހަލަނބޮލިކަމުގެ ސަބަބުން ކަމަށް ހެލްތު މިނިސްޓަރު އަހްމަދު ނަސީމް ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މިހެން ވިދާޅުވީ ބ. ތުޅާދޫގައި އަޅާ ހޮސްޕިޓަލްގެ އާ އިމާރާތުގެ ބިންގާ އެޅުމަށް މިއަދު އެރަށުގައި ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ.

މިނިސްޓަރު ވިދާޅުވީ ދިވެހި ރައްޔިތުންނަށް ސިއްހީ ހިދުމަތް ހޯދުން ފަސޭހަކޮށްދިނުމަކީ ރައީސް ސޯލިހް އެންމެ ބޮޑު އެއް އަމާޒު ކަމަށެވެ. ސިއްހީ ހިދުމަތް ދޭން ހުރި ތަންތަނުގެ ހާލަތު ދެނެގަނެ އެކަމަށް ހައްލުތަކެއް ހޯދުމަށްޓަކައި ސަރުކާރުން މިހާރުވެސް ގިނަ މަސަތްކަތްތަކެއް ކުރަމުންދާ ކަމަށްވެސް ވިދާޅުވި އެވެ.

ނަފްސާނީ ބަލިތަކާ ގުޅޭގޮތުން މިނިސްޓަރު ނަސީމު ވިދާޅުވީ އެފަދަ ބަލިތައް ރާއްޖޭގައި އިތުރުވެގެން ގޮސްފައިވަނީ ދިރިއުޅުމުގެ މާހައުލުގެ ހަލަނބޮލިކަމުން ކަމަށެވެ.

ކަން މިހެން ދިމާވާން ޖެހޭ ސަބަބުތަކުގެ ތެރޭގައި ބޭރުތެރޭގައި އަޑުގަދަވުމުގެ ސަބަބުން ނިދަން އުދަނގޫވުން ފަދަ ކަންކަންވެސް ހިމެނޭ،" ނަސީމު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ ގިނަ ރައްޔިތުންނަށް ލޭގެ ޕްރެޝަރު މައްޗައް ދިޔުމުގެ މައްސަލަ ދިމާވެ އެކަން ދުރާލައި ނޭގެނީ ރައްޔިތުން ޑޮކްޓަރަށް ދެއްކުން މަދުވެ އެކަން ދެނެގަންނާނެ ގޮތް ނޭނގުމުގެ ސަބަބުންނެވެ. ބަލިތަކަށް ފަރުވާ ދެވޭނީ ވީހާވެސް އަވަހަށް އެ ބައްޔެއް ޑައިގްނޯސް ކުރެވިގެން ކަމުގައިވެސް ވިދާޅުވި އެވެ.

މީގެ އިތުރުން ދިވެހިންގެ ތެރޭގައި އަށަގަނެފައިވާ ދިރިއުޅުމުގެ ގޯސްއާދަތަކަށް ބަދަލު ގެނައުމުގެ މުހިއްމު ކަންވެސް މިނިސްޓަރު ފާހަގަކުރެއްވި އެވެ. އެގޮތުން ރޭގަނޑު އަވަހަށް ކެއުމާއި ކޮންމެ ދުވަހަކުވެސް ކަސްރަތު ކުރުން މުހިއްމު ވިޔަސް ގިނަ މީހުންނަށް އެގޮތަށް އަމަލުނުކުރެވޭ ކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

"އަހަރަކު ހަތް ފަހަރު މަދުވެގެން ޑޮކްޓަރަށް ދެއްކުމަށް އަޅުގަނޑު އިލްތިމާސް ކުރަން،" ރާއްޖޭގައި ޑޮކްޓަރަށް ދެއްކުމަކީ ހިލޭ ކުރެވޭ ކަމަކަށްވާތީ ޑޮކްޓަރަށް ދެއްކުމުގެ މުހިއްމުކަން ފާހަގަކުރައްވާ ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ރައްޔިތުންނާ ވީހާވެސް ގާތުން ވީހާވެސް އަވަހަށް ސިއްހީ ހިދުމަތް ދިނުމަށްޓަކައި ފ. އަތޮޅުގައި ޕްރައިމަރީ ހެލްތްކެއާގެ ޕްރޮގްރާމެއް ޑަބްލިއުއެޗް.އޯއާއި ގުޅިގެން ފަށާފައިވާނެ ކަމަށެވެ. ފ. އަތޮޅުގެ ރައްޔިތުންގެ ހެލްތު ސްކްރީނިން ޕްރޮގްރާމެއްް ނިންމާފައިވާ ކަމަށްވެސް ފާހަގަކުރެއްވި އެވެ. އަދި ކުރިއަށް އޮތް އެއްމަސް ދުވަހުގެ ތެރޭގައި ރާއްޖޭގެ ދެންހުރި ސަރަހައްދުތަކުގައި ޕްރައިމަރީ ހެލްތްކެއާގެ ހިދުމަތް ފެށުމަށް ތައްޔާރުވަމުންދާ ކަމުގައިވެސް ވިދާޅުވި އެވެ.

ރާއްޖެއަށް ކުރިމަތި ވެފައިވާ ޑްރަގްގެ މައްސަލައިގައި މިނިސްޓަރު ވިދާޅުވީ މިމައްސަލައަކީ ސިއްހީ ދާއިރާގެ ބޭފުޅުންވެސް ކަންބޮޑުވާ މައްސަލައެއް ކަމަށެވެ. ސަބަބަކީ މި ވަބާގައި ޖެހިފައިވާ މީހުންނަށް ފަރުވާ ކުރުމަކީ ސިއްހީ ދާއިރާގައި މަސްއޫލިއްޔަތަކަށް ވުމުން ކަމުގައި ވިދާޅުވި އެވެ.

މައިންބަފައިންނަށް އެމީހެއްގެ ދަރިއެއް ޑްރަގު ބޭނުން ކުރާކަން އެނގިއްޖެނަމަ އެކަމާ މެދު އަމަލުކުރަންޖެހޭ ގޮތަށް ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ. މިއަހަރު މިކަމާ ގުޅޭ ހާއްސަ ޕްރޮގްރާމެއް ފަށާނެ ކަމުގައިވެސް ވިދާޅުވު އެވެ.

"މައިންބަފައިން އެބަޖެހޭ ދަރިއަކު ޑްރަގު ބޭނުންކުރާނަމަ ފެނިގެންދާނެ ބަދަލުތައް ދަސްކުރަން،" މިނިސްޓަރު ވިދާޅުވި އެވެ.