އަހުމަދު ނަސީމް

ފައްޔާާޒަށް ތާއީދު ހޯދުމަށް ނަސީމް އަތޮޅުތަކަށް

އެމްޑީޕީގެ ޗެއާޕާސަން ހޮވުމުގެ އިންތިހާބުގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލަށް ތާއީދު ހޯއްދެވުމަށް ހެލްތް މިނިސްޓަރު އަހުމަދު ނަސީމް އަތޮޅުތެރެއަށް ވަޑައިގެންފި އެވެ. ނަސީމް ވަނީ ފައްޔާޒަށް ތާއީދު ކުރައްވާކަން ހާމަކުރައްވާފައެވެ.

ނަސީމް މިއަދު ވަނީ ބ ތުޅާދު އާއި ހިތަދޫއަށް ވަޑައިގެން އެމްޑީޕީގެ މެންބަރުންނާއި ބައްދަލު ކުރައްވާފައެވެ. އެ ދެ ރަށުގެ ގޭގެއަށް ޒިޔާރަތް ކުރައްވާ ފައްޔާޒަށް ތާއީދު ހޯއްދެވުމަށް މަސައްކަތް ކުރެއްވިއެވެ. ނަސީމްގެ އަރިހުގައި ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިންވެސް ވަޑައިގެންނެވިއެވެ.

ނަސީމަކީ، އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ އާއިލީ ބޭފުޅެކެވެ. އެމަނިކުފާނުގެ ބޮޑުބޭބޭއެކެވެ.

ޗެެއާޕާސަން ހޮވުމުގެ އިންތިހާބުގައި ނަޝީދުގެ އާއިލާގެ ބޭފުޅުންގެ ތާއީދު އޮތީ ފައްޔާޒާ ވާދަކުރައްވާ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހްމީ އަށެވެ. އިމްތިޔާޒަށް ތާއީދު ކުރައްވާކަން ސާފުކޮށް ވިދާޅުނުވި ނަމަވެސް ނަޝީދު ގެންދަވަނީ އެކި ގޮތްގޮތުން އިމްތިޔާޒަށް ތާއީދު ހޯއްދެވުމަށް މަސައްކަތް ކުރައްވަމުންނެވެ. އަދި ސަރުކާރާއި ފައްޔާޒަށް ނިސްބަތްކޮށް އެކި ކަހަލަ ވާހަކަ ދައްކަވަމުންނެވެ.

އިންތިއަށް ތާއީދުކުރައްވާކަން ފާޅުގައި ހާމަކުރައްވަން ނަޝީދަށް ކެރިވަޑައިނުގަންނަވަނީ އެމަނިކުފާނު އެކަން ކުރައްވައިފިނަމަ އެމްޑީޕީގެ އިސް ލީޑަރު އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، ފައްޔާޒުގެ ދިފާއުގައި ނިކުންނަވާނެތީ ކަމަށް ގިނަ ބަޔަކު ދެކެއެވެ.

އެމްޑީޕީގެ ޕާލިމަންޓަރީ ގުރޫޕާއި ގައުމީ މަޖިލީހާއި ސަރުކާރުގެ ވަރަށް ތަނަވަސް އަޣުލަބިއްޔަތެއް ފައްޔާޒަށް ތާއީދު ކުރެއެވެ.

އިންތިހާބު އޮތީ އަންނަ ހޮނިހިރު ދުވަހު އެވެ.