އެމްޑީޕީގެ ޗެއާޕާސަން ހޮވުމުގެ އިންތިހާބުގައި މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހްމީއަށް ތާއީދު ކުރާ ހުރިހާ މީހުންނަށް ވަގު ތުހުމަަތު އަޅުވާ އެއީ ކޮރަޕްޓް ބައެއްގެ ގޮތުގައި ސިފަ ކުރާތީ ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ރައްދު ދެއްވައިފި އެވެ.
ހައިކޯޓްގެ ދެ ފަނޑިޔާރަކު ވަކިކުރުމާމެދު އުފެދިފައިވާ ހިޔާލު ތަފާތުވުންތަކާއި ގުޅިގެން އައްޑޫއަށް ނިސްބަތްވާ ފޭދޫ ދާއިރާގެ މެންބަރު ނިހާދު މުހައްމަދު ކުރެއްވި ޓްވީޓަކަށް ޖަވާބު ދެއްވާ ހިސާން ވިދާޅުވީ އެމްޑީޕީގެ ޗެއާޕާސަން ހޮވުމުގެ އިންތިހާބުގައި މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހްމީއަށް ތާއީދު ނުކުރާ ހުރިހާ މީހުންނަށް ވަގު ތުހުމަަތު އަޅުވާ އެއީ ކޮރަޕްޓް ބައެއް ކަމަށް ކިޔުމަކީ އެމްޑީޕީއަށް އެންމެ ފައިދާ ހުރި ގޮތެއް ނޫން ކަމަށެވެ.
ހިސާން ވަނީ އޭނާގެ ފިރިކަލުން ހިތަދޫ ދެކުނު ދާއިރާގެ މެންބަރު ނާޒިލްއާ ގުޅުވާ ދައްކަވާ ވާހަކަތަކަށްވެސް ރައްދު ދެއްވާފައެވެ. ހިސާން ވިދާޅުވީ ނާޒިލް އަކީ މި ސަރުކާރުގެ އެއްވެސް ޕްރޮޖެކްޓެއް ނަގައިގެން އުޅޭ މީހެއް ނޫން ކަމަށެވެ. އަދި ސަރުކާރުގެ އެއްވެސް އިއުލާނަކަށް ނާޒިމް ބިޑް ކުރައްވާފައިވެސް ނުވާނެ ކަމަށެވެ.
އެމްޑީޕީއަށް ޗެއާޕާސަނެއް ހޮވުމަށް ބާއްވާ އިންތިހާބުގެ ފޯރި ވަނީ ވަރަށް ގަދަވެފައެވެ. މި އިންތިހާބުގައި ހިސާން އާއި ނާޒިލްގެ ތާއީދުވެސް އޮތީ ފައްޔާޒް އިސްމާއީލަށެވެ.
މި ދެ ބޭފުޅުންނަކީ ކުރީން ރައީސް ނަޝީދަށް ވަރަށް ވަފާތެރި ކަމަށް ބެލެވުނު ދެ މެންބަރުންނެވެ.