ފައްޔާޒް އިސްމާއީލް

މުހިއްމު ދެ ބިލެއް އެޖެންޑާ ނުކުރާތީ ފައްޔާޒުގެ ނުރުހުން

ސަރުކާރުން އިސްކަންދޭ ބިލްތަކުގެ ތެރޭގައި ހިމެނޭ "އޮކިއުޕޭޝަނަލް ސޭފްޓީ އެންޑް ހެލްތު ބިލް" އަދި "އިންޑަސްޓްރިއަލް ރިލޭޝަންސް ބިލް" ރައްޔިތުންގެ މަަޖިލީހުގެ ޖަލްސާއަށް އެޖެންޑާ ނުކުރާތީ އިކޮނޮމިކް މިނިސްޓަރު އަދި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ނުރުހުން ފާޅުކުރައްވައިފި އެވެ.

ރައްޔިތުންގެ މަޖިލީހަށް މި ދެ ބިލް ސަރުކާރުން ފޮނުވީ މަޖިލީހުގެ މިދިޔަ ދައުރަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ޓެގް ކުރައްވާ ފައްޔާޒު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިންޑަސްޓްރިއަލް ރިލޭޝަންސް އަދި އޮކިއުޕޭޝަނަލް ސޭފްޓީ ބިލަކީ މަސައްކަތްތެރިންގެ ހައްގުތައް ހިމާޔަތްކުރުމަށް އަދި އިގްތިސޯދަށް ވަރަށް މުހިއްމު ދެ ބިލް ކަމަށެވެ.

"މި އެޖެންޑާކޮށް ބަހުސްކޮށް ފާސްކުރުން އެއީ ކޮންމެހެން ކުރަންޖެހޭ ކަމެއް. ގަރާރުތަކެކޭ އެއްފަދައިން މުހިއްމު،" ފައްޔާޒު ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީގެ މެޖޯރިޓީ އޮތް ނަމަވެސް އަދި ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ތާއީދުކުރައްވާ މެންބަރުން ގިނަ ނަމަވެސް މަޖިލީހުގެ ޖަލްސާގެ އެޖެންޑާ ސެޓް ކުރުމަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސްއަށް އޮންނަ ބާރެކެވެ.

މަޖިލީހުގެ މިދިޔަ ދައުރުގެ ޖަލްސާއެއްގައި ރައީސް ނަޝީދު ވަނީ ސަރުކާރުން އަންގާހާ ގޮތަކަށް މަޖިލީހުގެ މަސައްކަތްތައް ކުރިއަށް ނުގެންދަވާނެ ކަމަށް ވިދާޅުވެފަ އެވެ.