ހިިސާން ހުސައިން

ހިސާންވެސް ފައްޔާޒާއެކު އެމްޑީޕީ ހިންގާލަން ނިކުމެއްޖެ

އެމްޑީޕީގެ ޗެއާޕާސަން ކަމަަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް (ފައްޔަ) ގެނަައުމަށް ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ނިކުންނަވައިފި އެވެ.

ފައްޔާޒު މިއަދު ވަނީ އޭނާގެ ކެމްޕެއިން ބ އަތޮޅުގައި ފައްޓަވާފައެވެ. އެ ގޮތުން ހިސާން ތަމްސީލު ކުރައްވާ ތުޅާދޫއަށް ފައްޔާޒު އާއި ކެމްޕެއިން ޓީމު ވަޑައިގަތުމުން ތުޅާދޫ އެމްޑީޕީގެ ސަޕޯޓަރުންނާއެކު ހިސާން ވަނީ ފައްޔާޒަށް ހޫނު މަރުހަބާއެއް ކިޔާފައެވެ.

އެމްޑީޕީއަށް ބޮޑު ތާއީދެއް އޮތް ތުޅާދޫގެ ގިނަ ބަޔަކު ވަނީ ފައްޔާޒަށް މަރުހަބާ ކިޔުމަށް ޖަމާވެފައެވެ. ހިސާންގެ އިތުރުން ހިސާންގެ ފިިރިކަލުން މެންބަރު ނާޒިލްވެސް ހުންނެވީ ފައްޔާޒާއެކުގައެވެ.

ފައްޔާޒު އެމްޑީޕީގެ ޗެއާޕާސަން ކަމަށް ކެމްޕޭން ކުރައްވަނީ އެމްޑީޕީ "ހިންގާލަން" ޝިއާރުގެ ދަށުންނެވެ. އެމްޑީޕީ ހިންގަން ޖެހޭ ވަރާ ގާތަށް ވެސް އެ ޕާޓީ ހިންގަމުން ނުދާ ކަމަށް ފައްޔާޒު ގެންދަަވަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ.

ޕާޓީ އަލުން ވަރުގަދައަށް ހިންގާލުމަށްޓަކައި ޕާޓީ އަށް ލިބޭ ފައިސާގެ ބޮޑު ބައެއް ދާއިރާތަކުގެ އޮފީސްތައް ހިންގުމަށް ހަރަދުކުރަން ޖެހޭ ކަމަށް ފައްޔާޒު އިއްޔެ ވިދާޅުވި އެވެ. އެފަދަ ވާހަކަތަކަކީ ކެމްޕޭންތަކުގައި ސިޔާސީ ބޭފުޅުން ފޮންޏަކަށް ދައްކަވާ ވާހަކަތަކެއް ކަމަށާއި ނަމަވެސް އެމްޑީޕީގެ ހިންގުން ހަރުދަނާކުރުމަށްޓަކައި އެކަން ކުރައްވާނެ ކަމުގައި ވިދާޅުވި އެވެ. އަދި ކުރިއަށް އޮތް އެމްޑީޕީގެ ކޮންގްރެސް އަށް ވެސް އެކަން ކުރަން ހުށަހަޅުއްވާނެ ކަމަށް ވިދާޅުވި އެވެ.

"އޭރު ފާސްކުރީ 55 ޕަސެންޓް ބަހަން. އެކަމަކު އޭރުގެ ޗެއާޕާސަނާއި އޭރު ހިންގަވަން ތިއްބެވި ބޭފުޅުން އެކަމެއް ނުކުރައްވާ. ފަހަރުގައި ވެދާނެ ގައުމީ މަޖިލީހުގެ ނިންމުމެއްގެ ބާރު ދެރައީ ކަމަށް،" ފައްޔާޒު ވިދާޅުވި އެވެ.

އެމްޑީޕީގެ ދާއިރާތަކުގެ އޮފީސްތައް ހިންގަން ފައިސާ ދޫކުރަން އެމްޑީޕީގެ ގައުމީ މަޖިލީހުން ފާސްކޮށްފައިވީ ނަމަވެސް މިއަދާ ހަމައަށް ވެސް އެ އެންގުމަށް އަދި އަމަލުކޮށްފައެއް ނުވެ އެވެ.

ފައްޔާޒު ވިދާޅުވީ ޕާޓީއަށް ލިބޭ ފައިސާގެ 60 އިންސައްތަ ދާއިރާތަކަށް ހަރަދުކުރާ ވާހަކަ އަސާސީ ގަވައިދުގައި ލިޔަންވެސް ބޭނުންވާ ކަމަށެވެ. ރަށްރަށުގައި ތިބި އެމްޑީޕީގެ މެންބަރުންނަށް ޕާޓީގެ ކަންކަމުގައި އަޑުއުފުލޭނެ ގޮތްތަކެއް މިހާރަށް ވުރެ ބޮޑަށް ހަމަޖައްސަންޖެހޭ ކަމަށްވެސް ވިދާޅުވި އެވެ.

ޕާޓީގެ މައި އޮފީހާ ގޮފިތަކުގެ ގުޅުން މިހާރަށް ވުރެ ވަރުގަދަކުރުމަށްޓަކައި މަހަކު އެއްފަހަރު ޕާޓީގެ ދާއިރާތަކުގެ ހިންގާ ކޮމިޓީތަކާ ބައްދަލުކުރެއްވުމަށް އޭނާ މަސައްކަތް ކުރައްވާނެ ކަމަށެވެ. އޭރުން މެންބަރުންގެ ހުރި ކަންބޮޑުވުންތައް ޗެއާޕާސަނާ ހިއްސާކުރެވޭނެ ފަސޭހަ ގޮތެއް ހަމަޖެހޭނެ ކަމުގައިވެސް ވިދާޅުވި އެވެ.