ރޮޒައިނާ އާދަމް

ޝަފާތު ބަލިކޮށް އަންހެނުންގެ ރޫހަށް ރޮޒައިނާ

ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ އަންހެނުންގެ ރޫހުގެ ރައީސާގެ މަގާމަށް އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް އިންތިހާބުކޮށްފި އެވެ.

އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ރައީސާގެ މަގާމަށް ރޮޒައިނާ އިންތިހާބުކޮށްފައިވަނީ މިއަދު އޮތް އެ ޕާޓީގެ އެތެރޭގެ އިންތިހާބުގެ ވޯޓްގައެވެ. މި ފަހަރުގެ އިންތިހާބުގައި އަންހެނުންގެ ރޫހުގެ ރައީސާ ކަމަށް ދެ ބޭފުޅަކު ވާދަކުރެއްވިއެވެ. އެއީ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް އާއި އެމްޑީޕީގެ ޒުވާނުންގެ ގޮފީގެ މެންބަރު ޝަފާއަތު އަހުމަދު ޒާހިރެވެ.

މި ފަހަރުގެ އިންތިހާބުގައި ރޮޒައިނާ ކެމްޕެއިން ކުރެއްވީ ފައްޔާޒްގެ "ހިންގާލަން" ޓީމާއެކުގައެވެ. އިންތިހާބު ކާމިޔާބު ކުރެއްވީވެސް އޭނާއެވެ. ރޮޒައިނާއަށް އަމާޒުކުރައްވާވެސް ރައީސް ނަޝީދުގެ ވަފާތެރި މެންބަރުން ވަނީ އެކި ތުހުމަތުތައް ކުރައްވާފައެވެ. އެ ތުހުމަތުތަކަށް ރޮޒައިނާ ވަރުގަދައަށް ރައްދު ދެއްވިއެވެ.

އިމްތިޔާޒް ފަހްމީގެ ކެމްޕެއިންގައި އިސްކޮށް އުޅުއްވި ބޭފުޅުންގެ ތާއީދު އޮތީ ޝަފާތަށެވެ. ނަމަވެސް ޝަފާތުގެ ކެމްޕެއިން ހިންގެވީ ވަކީން އަމިއްލައަށެވެ.

އެމްޑީޕީގެ ޗެއާޕާސަން ހޮވުމަަށް މިއަދު ބޭއްވި އިންތިހާބު ކާމިޔާބު ކުރެއްވީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލެވެ. މިއަދުގެ އިންތިހާބަށް 281 ވޯޓް ފޮށި ބަހައްޓާފައިވާއިރު މަދު ފޮޓަކުން ނޫނީ އަޣުލަބިއްޔަތު ހޯއްދެވީ ފައްޔާޒެވެ. ފައްޔާޒަަށް ތާއީދު އޮތް ކަމަަށް ބެލެވުނު ދާއިރާތަކުން ވަރަށް ބޮޑު އަޣުލަބިއްޔަތެއް ހޯއްދަވާފައިވެއެވެ. ބައެއް ވޯޓް ފޮށިތަކުން 90 ޕަސެންޓް ވޯޓް ހޯއްދަވާފައިވެއެވެ. އިމްތިޔާޒް ފަހްމީއަށް ބޮޑު ތާއީދެއް އޮތް ރަށްރަށުން ފައްޔާޒަށް ބޮޑު ނާކާމިޔާބަކާ ކުރިމަތިލާންވެސް ޖެހުނެވެ.