ރޮޒައިނާ އާދަމް

މެންބަރުން އެދޭ ގޮތަށް އަންހެނުންގެ ރޫހު ހިންގައި ދޭނަން: ރޮޒައިނާ

އެމްޑީޕީގެ އަންހެން މެންބަރުން އެދޭ ގޮތަށް އެ ޕާޓީގެ އަންހެނުންގެ ރޫހު ހިންގައިދޭނެ ކަމަށް އަންހެނުންގެ ރޫހުގެ ރައީސާ ކަމަށް އިންތިހާބުވި އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެ އެވެ.

މި މަހުގެ 14 ވަނަ ދުވަހު އޮތް އެމްޑީޕީގެ އެތެރޭގެ އިންތިހާބުގެ ދާއިމީ ނަތީޖާ ރޭ ވަނީ އިއުލާނުކޮށްފައެވެ. އަންހެނުންގެ ރޫހުގެ ރައީސާ ކަމަށް އިންތިހާބުވެފައިވަނީ ރޮޒައިނާ އާދަމެވެ. ރޮޒައިނާ ވަނީ 11،754 ވޯޓް ހޯއްދަވާފައެވެ. އެއީ ވޯޓްލީ މީހުންގެ 60 ޕަސެންޓް ވޯޓެވެ. މި އިންތިހާބުގައި ރޮޒައިނާ ނިކުންނެވީ ޗެއާޕާސަން ކަމަށް ވަޑައިގެންނެވި ފައްޔާޒު އިސްމާއީލްގެ "ހިންގާލަން" ޓީމާއެކުގައެވެ.

ރޮޒައިނާއާ ވާދަކުރެއްވި އެމްޑީޕީގެ ޒުވާނުންގެ ގޮފީގެ މެންބަރު ސަފާތު އަހުމަދު ޒާހިރަށް ލިބިފައިވަނީ 7،847 ވޯޓެވެ. މިއީ ވޯޓްލީ މީހުންގެ 40 ޕަސެންޓް ވޯޓެވެ.

މި އިންތިހާބުގައި 20،768 މީހަކު ވަނީ ވޯޓް ދީފައެވެ. ސައްހަ ވޯޓްގެ އަދަދަކީ 19،601 އެވެ. ބާތިލް ވޯޓްގެ ގޮތުގައި 1167 ވޯޓް ގުނާފައިވެއެވެ.

އިންތިހާބުގައި ވޯޓް ދިން މެންބަރުންނަށް ޝުކުރުއަދާކުރައްވާ ރޮޒައިނާ ވިދާޅުވީ އެމްޑީޕީގެ އަންހެން މެންބަރުން އެދޭ ގޮތަށް އެ ޕާޓީގެ އަންހެނުންގެ ރޫހު ހިންގައިދޭނެ ކަމަށެވެ. އަދި މީގެ ކުރީން އަންހެނުންގެ ރޫހުގެ ހަރަކާތްތައް ބޮޑަށް ފޯކަސް ކޮށްފައި އޮތީ މާލެއަށް ނަމަވެސް އެކަން ބަދަލު ކުރައްވާނެ ކަމަށެވެ.

އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގެ ނަތީޖާ ދައްކާގޮތުން މި އިންތިހާބު ކާމިޔާބު ކުރައްވާ ޗެއާޕާސަން ކަމަށް ވަޑައިގެންނެވި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް (ފައްޔަ) އަށް ލިބިވަޑައިގެންފައިވަނީ 27،406 ވޯޓެވެ. ފައްޔާޒު އާއި ވާދަކުރެއްވި މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހްމީ (އިންތި) އަށް ލިބިވަޑައިގަތީ 20،217 ވޯޓެވެ.

ވޯޓްލީ މީހުންގެ 58 ޕަސެންޓް ވޯޓާއެކު ޗެެއާޕާސަންގެ މަގާމަށް ވަޑައިގެންނެވީ ފައްޔާޒެވެ. އިމްތިޔާޒަށް ލިބިފައިވަނީ 42 ޕަސެންޓް ވޯޓެވެ.

މިއީ އެމްޑީޕީން އިއުލާނުކުރި ވަގުތީ ނަތީޖާއާ ތަފާތު އަދަދެކެވެ. ކޮންމެ ބޭފުޅަކަށް ތިންސަތޭކައެއްހާ ވޯޓް އިތުރުވެފައިވެއެވެ.

މި އިންތިހާބުގައި 48،583 މީހަކު ވަނީ ވޯޓްލާފައެވެ. ސައްހަ ވޯޓްގެ އަދަދަކީ 47،623 ވޯޓެވެ. ބާތިލު ވޯޓްގެ ގޮތުގައި 960 ވޯޓް ގުނާފައިވެއެވެ.