އެމްޑީޕީގެ ޗެއާޕާސަން ހޮވުމުގެ އިންތިހާބުގެ ކެމްޕޭނުގައި އެ މަގާމަށް ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް (ފައްޔަ) ގެ ވާދަވެރި ކެންޑިޑޭޓް އިމްތިޔާޒު ފަހުމީ (އިންތި) ގެ ޓީމުން ދޮގު ހެދުން ނޫން ކަމެއް ނުކުރާ ކަމަށް އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ރަައީސާ ކަމަށް ވާދަކުރައްވާ އައްޑޫ މީދޫ ދާއިރާގެ މެެންބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެ އެވެ.
ރޮޒައިނާ މިހެން ވިދާޅުވީ ފައްޔާޒްގެ ކެމްޕެއިން ޓީމުން ގއ. ނިލަންދޫގެ ފެނަކަ އޮފީހުގައި ކެންޕޭން ބައްދަލުވުމެއް ބޭއްވި މައްސަލަ ބަލާ ތަހުގީގުކޮށް ފިޔަވަޅު އަޅައިދިނުމަށް ފައްޔާޒް އާއި ވާދަކުރައްވާ އިމްތިޔާޒް ފަހުމީގެ ކެންޕޭނުން ދައުލަތުގެ ކަމާއިބެހޭ އިދާރާތަކާއި އެމްޑީޕީގެ އިންތިހާބާއި ބެހޭ ކޮމިޓީއަށް ގޮވާލާ މައްސަލަ ހުށައެޅުމާއި ގުޅިގެން އެކަމަށް އިޝާރާތް ކުރައްވައެވެ.
އެމްޑީޕީގެ އެތެރޭގެ އިންތިހާބުގެ ކެމްޕެއިން ފޯރީގައި ކުރިއަށްދާއިރު ފައްޔާޒު އާއި ރޮޒައިނާ މަސައްކަތް ކުރައްވަނީ އެއް ޓީމެއްގެ ގޮތުގައެވެ. އެ ދެ ބޭފުޅުން އެކުގައި އިންތިހާބަށް ނިކުންނެވީ "އެމްޑީޕީ ހިންގާލަން" މި ޝިއާރުގެ ދަށުންނެވެ. އިމްތިޔާޒު ފަހުމީ ވާދަކުރައްވަނީ "ތިލަފަތުގެ ރަމްޒު" މި ޝިއާރުގެ ދަށުންނެވެ.
އިމްތިޔާޒުގެ ކެމްޕެއިން ޓީމް މަޑަލެވީ ފެނަކަ އޮފީހުގައި ތިއްބަވާ މަންޒަރު ފެންނަ ފޮޓޯއަކާއެކު ރޮޒައިނާ ވަނީ ފެނަކަ މުވައްޒިފުން އެދިގެން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު އެ މުވައްޒިފުންނާއި ބައްދަލުކޮށްލެއްވުމުން ނޫސް ބަޔާން ނެރެ މައްސަލަ ހުށައެޅުއްވި ބޭފުޅުން މަޑަވެލީ ފެނަކަ އޮފީހަށް ވަޑައިގެން ކުރެއްވީ ކޮން ކަމެއްތޯ ސުވާލު ކުރައްވާފައެވެ.
އަދި އިންތިގެ ކެމްޕެއިން ޓީމަށް އިޝާރާތް ކުރައްވާ ވިދާޅުވީ "ތިލަފަތުގެ ރަމްޒު" ން ދޮގު ހެދުމާއި އޮޅުވާލުން ނޫން ކަމެއް ނުކުރައްވާ ކަމަށެވެ. އަދި އެ ޓީމުން ދެން ކުރާހާވެސް ކަމަކީ ސަރުކާރާއެކު މަސައްކަތް ކުރަން ރައްޔިތުން އިންތިހާބު ކުރުމުން ސަރުކާރު ބަދުނާމު ކުރުމުގެ މަސައްކަތް ކަމަށް ވިދާޅުވިއެވެ.
އާންމުވެފައިވާ ފޮޓޯގައި ފެންނަނީ މަޑަވެލީ ފެނަކަ އޮފީހުގައި އިމްތިޔާޒުގެ ކެމްޕެއިން ތަރުޖަމާން މުހައްމަދު ވަހީދު އާއި އެމްޑީޕީގެ ނާއިބު ރައީސް މުހައްމަދު ޝިފާޒް އަދި ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ހުންނަވާ މަންޒަރެވެ.
އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގައި އިމްތިޔާޒް ފަހުމީއަށް ތާއީދުކުރާ މީހުންނަށް ވަޒީފާގެ ބިރުދެއްކުމާއި ވާދަވެރި ކެންޑިޑޭޓްގެ ކެންޕޭނަށް ދައުލަތުގެ ވަސީލަތާއި މުދަލާއި މުއައްޒަފުން ބޭނުން ކުރާކަމުގެ މައުލޫމާތު ލިބެމުންދާ ކަމަށް އިންތިގެ ކެމްޕެއިން ޓީމުން ބުނެއެވެ.
ނަމަވެސް ފައްޔާޒު އާއި އޭނާގެ ކެމްޕެއިން ޓީމުން އެ ތުހުމަތުތައް ދޮގު ކުރެއެވެ. ފައްޔާޒު ވިދާޅުވީ ދައުލަތުގެ އެއްވެސް ވަސީލަތެއް އޭނާގެ ކެމްޕެއިނަށް ބޭނުން ކުރަމުން ނުގެންދާ ކަމަށެވެ. އަދި އޭނާއަކީ ރައީސް ސޯލިހްގެ ކެބިނެޓް މިނިސްޓަރެއް ކަމުން ދާއިރާއާ ގުޅުންހުރި ކަންކަމާއި ސަރުކާރުގެ ބައެއް މަޝްރޫއުތަކުގެ ތަފްސީލު ހޯދުމަށް ރައްޔިތުން ބައްދަލު ކުރާ ކަމަށާ އެ މައުލޫމާތުތައް އެނގިހުރި މިންވަރަކުން ހާމަކޮށްދެއްވާ ކަމަށެވެ. އަދި އެއީ ނުފޫޒު ފޯރުވުން ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ.
ޗެއާޕާސަންގެ އިންތިހާބުގެ ކެމްޕެއިން ފޯރި ގަދަވެފައިވާއިރު އެމްޑީޕީގެ ގައުމީ މަޖިލީހާއި ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީ ތަމްސީލު ކުރާ މެންބަރުންގެ ސާފު އަޣުލަބިއްޔަތެއް އޮތީ ފައްޔާޒާއެކުގައެވެ. ރަށްރަށުންވެސް ފައްޔާޒުގެ ކެމްޕެއިން ޓީމަށް ބޮޑު ތަރުހީބެއް އޮވެއެވެ.
އިންތިގެ ޓީމުގައި އިސްކޮށް ތިއްބެވީ ރައީސް ނަޝީދުގެ އާއިލީ ބޭފުޅުންނާއި އެމަނިކުފާނަށް ވަފާތެރި މަޖިލީސް މެންބަރުންނާއި ގައުމީ މަޖިލީހުގެ މެންބަރުންނެވެ. އިންތިވެސް ގެންދަވަނީ ތާއީދު ހޯއްދެވުމަށް ރަށްރަށަށް ވަޑައިގެން ވަރުގަދަ ކެމްޕެއިނެއް ހިންގަވަމުންނެވެ.