އެމްޑީޕީގެ ޗެއާޕާސަން ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލްއާ ވާދަކުރައްވާ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީގެ ކެމްޕެއިން ބިނާކޮށްފައިވަނީ ރުޅިވެރިކަމާއި ފިތުނައިގެ މައްޗަށް ކަމަށް ވިދާޅުވީ އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ރައީސާ ކަމަށް ވާދަކުރައްވާ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް، އިންތިއަށް ފާޑުވިދާޅުވެއްޖެ އެވެ.
ރޮޒައިނާގެ ފާޑުވިދާޅުވުން އިންތިއަށް އަމާޒު ކުރެއްވީ ކެމްޕެއިނަށް ރަށަަކަށް ވަޑައިގެން ފައްޔާޒަށް ފާޑުވިދާޅުވެ އިންތި ވާހަކަ ދައްކަވާ ވީޑިއޯއަކާއެކު ކުރެއްވި ޓްވީޓެއްގައެވެ. ވަރަށް ޖޯޝާ ފޯރީގައި ވާހަކަ ދައްކަވަމުން އިންތި ވިދާޅުވީ ޗެއާޕާސަން ހޮވަން އުޅެނީ ދޮޅު އަހަރަކަށް ނޫން ކަމަށާ ކުރިއަށް އޮތީ ވަޒީރުންގެ މެދުގައި އޮންނަ ރީތީގެ މުބާރާތެއް ނޫން ކަމަށެވެ.
އަދި އެމްޑީޕީގެ ޗެއާޕާސަން ކަމަށް ގެންނަން ޖެހޭނީ ކޮންމެ ހާލަތެއްގައިވެސް އެމްޑީޕީގެ އުސޫލުތައް ހިފަހައްޓާނެ ބޭފުޅެއް ކަމަށާ ވައްކަމާއި ހިޔާނާތަށް ފުރުސަތު ދީގެން ނުވާނެ ކަމަށެވެ.
އެ ވީޑިއޯއާއެކު ރޮޒައިނާ ކުރެއްވި ޓްވީޓްގައި ވިދާޅުވީ އިންތިގެ އެ ވާހަކަތަކުންވެސް ސާފުވަނީ ޗެއާޕާސަން ކަމަށް އިންތިހާބު ކުރަން ޖެހެނީ ފައްޔާޒު ކަމަށެވެ. އަދި އެމްޑީޕީގެ ޗެއާޕާސަން ކަމަށް އިންތިހާބުވާ ބޭފުޅަކަށް އެމްޑީޕީއަކީ ސަރުކާރު ހިންގާ ޕާޓީކަން އެނގެން ޖެހޭ ކަމަށާ އިދިކޮޅުގެ މުޒާހަރާއެއް ހެން އެތެރޭގެ އިންތިހާބު ސިފަވާ އަދި އިދިކޮޅު ސްޓައިލްގައި ތާށިވެފައި ހުރި ބޭފުޅަކަށް އެމްޑީޕީ ނުހިންގޭނެ ކަމަށެވެ.
"އެމްޑީޕީގެ ސީޕީ [ޗެއާޕާސަން] އަކަށް އަންނަ މީހަކީ ޕާޓީ އެއްކޮށް ސަރުކާރާ ޕާޓީގެ އާންމު މެންބަރުންނާއި ގުޅުވާލާ، ރައްޔިތުންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދާދެވޭ ގޮތަށް އެމްޑީޕީ ހިންގާލެވޭ މީހަކަށް ވާން ޖެހޭ. މިހާ ފިތުނަވެރިކޮށް ހަޑިކޮށް ރުޅިވެރިކަމާއެކު ވާހަކަ ދައްކައިގެން ޕާޓީ އެކަތިގަނޑަކަށް ނުހެދޭނެ،" އިންތިއަށް އިޝާރާތް ކުރައްވާ ރޮޒައިނާ ވިދާޅުވިއެވެ.
ރޮޒައިނާ ވިދާޅުވީ އެމްޑީޕީގެ އާންމު މެންބަރުން ބޭނުންވަނީ ސަރުކާރު ދޮޅު އަހަރަށް ދެމި އޮންނަން ނޫން ކަމަށާ 2023 ގެ ފަހުންވެސް އެމްޑީޕީގެ ސަރުކާރު ދެމި އޮތުމަށް ކަމަށެވެ. އަދި ހިނގަމުންދާ އެމްޑީޕީގެ ސަރުކާރު ދޮޅު އަހަރުން ނިންމާލަން އުޅޭ ބޭފުޅަކު ޗެެއާޕާސަން އަކަށް ގެނައުމީ ބުއްދިވެރި ކަމެއްތޯ ސުވާލު ކުރެއްވިއެވެ.
"އަޅުގަނޑު ބޭނުމީ ސަރުކާރާ ގުޅިގެން 2023 ހޯދަން މަސައްކަތް ކުރާނެ ޗެެއާޕާސަނެއް،" ފައްޔާޒާއެކު އެއް ޓީމެއްގެ ގޮތުގައި މަސައްކަތް ކުރައްވާ ރޮޒައިނާ ވިދާޅުވިއެވެ.