އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް (ފައްޔަ) ގެ ކެންޕެއިން ޓީމުން އިންތިހާބަށް ނުފޫޒު ފޯރުވާ ކަމަށް ތުހުމަތުކޮށް ހުށައެޅި މައްސަލަތައް ބެލުމަށް ފަހު ނަހަމަ ނުފޫޒު ފޯރުވާ ދައުލަތުގެ މުދަލާއި ވަސީލަތް ނަހަމަ ގޮތުގައި ބޭނުން ކުރާ ކަމަށް އެމްޑީޕީގެ ކަމާގުޅޭ ކޮމެޓީން ނިންމާފައިވާ ނިންމުމަށް އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ރައީސާ ކަމަށް ވާދަކުރައްވާ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ފާޑުވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ޗެެއާޕާސަން ކަމަށް ވާދަކުރައްވާ ފައްޔާޒް އިސްމާއީލްގެ ކެމްޕެއިން ޓީމުން އަމަލު ކުރާ ގޮތާ ގުޅޭގޮތުން އިމްތިޔާޒް ފަހްމީގެ ކެމްޕެއިން ޓީމުން ވަނީ އެމްޑީޕީގެ ޝަކުވާ ބަލާ ކޮމެޓީއަށް މައްސަލަތަކެއް ހުށައަޅާފައެވެ. އޭގެ ތެރެއިން ހަތަރު ޝަކުވާއެއްގެ ޖަވާބު މިހާރު ވަނީ ދީފައެވެ. އެއީ ގއ. ނިލަންދޫ ފެނަކަ އޮފީހުގައި ފައްޔާޒްގެ ކެމްޕެއިން ބައްދަލްވުމެއް ބޭއްވުމުން ހުށައެޅި ޝަކުވާ އާއި ބ. ފެހެންދޫ މީހަކު އިމްތިޔާޒަށް ތާއީދު ކުރާތީ އޭނާ އަދާކުރަމުން އައި މަގާމުގެ މަސްއޫލިއްޔަތުން އެކަހެރި ކުރުމުން ހުށައެޅި ޝަކުވާ އާއި ގދ. ގައްދޫ ފެނަކަ ބްރާންޗްގެ މެނޭޖަރު އެ ކުންފުނީގެ އެހެން މުވައްޒިފަކަށް ބިރުދެއްކި ކަމަށް ބުނެ ހުށައެޅި ޝަކުވާ އެވެ.
އިމްތިޔާޒްގެ ކެމްޕެއިން ޓީމުން ބުނީ އެ ޝަކުވާތައް ބެލުމަށް ފަހު ވާދަވެރި ކެންޑިޑޭޓްގެ ފަރާތުން މުވައްޒިފުންނަށް ބިރު ދައްކާ ނަހަމަ ނުފޫޒު ފޯރުވާ އަދި ދައުލަތުގެ މުދަލާއި ވަސީލަތް ނަހަމަގޮތުގައި ބޭނުން ކުރާ ކަމަށް ކޮމެޓީން ބުނެފައިވާ ކަމަށެވެ.
އެކަމަށް އިޝާރާތް ކުރައްވާ ރޮޒައިނާ ވިދާޅުވީ ޗެެއާޕާސަން އިންތިހާބުގެ ކުރީން ފައްޔާޒް އެމްޑީޕީން ވަކިނުކޮށްފިއްޔާ ކިތަންމެ ހާވެސް ރަނގަޅު ކަމަށެވެ. އަދި ނުފޫޒުގެ ވާހަކަ ދައްކަވާތީ އިމްތިޔާޒްގެ ކެމްޕެއިން ޓީމަށް ފާޑުވިދާޅުވިއެވެ. ވިދާޅުވީ އެއީ ދައުލަތުގެ ނިޝާން ޖަހާފައިވާ ކުރީގެ ރައީސެއްގެ ރަސްމީ އޮފީސް ކެމްޕެއިން ޖަގަހައަކަށް ހެދި ބައެއް ކަމަށެވެ.
ރޮޒައިނާ އެ އިޝާރާތް ކުރައްވަނީ އައްޑޫ ސިޓީގައި ހުންނަ ރައީސް ނަޝީދުގެ ރަސްމީ އޮފީހުގައި އިމްތިޔާޒްގެ ކެމްޕެއިން ހިންގާ ހިންގުމަށެވެ.
"އިންތިހާބުގެ ނިމުމުގެ ކުރީން ފައްޔާޒް ޕާޓީ އިން ކަނޑާނުލައިފިއްޔާ ކިތަންމެހާވެސް ރަނގަޅު. ދައުލަތުގެ ނިޝާން ޖަހާފައި ހުރި ކުރީގެ ރައީސެއްގެ އޮފީސް ކެމްޕެއިން ޖަހަގަ އަކަށް ހެދި ބަޔަކު ނުފޫޒުގެ ވާހަކައެއް ދައްކަނީ،" ފައްޔާޒަށް ތާއީދު ކުރައްވާ އަދި ފައްޔާޒްގެ ޓީމުގެ ތާއީދުވެސް އޮތް ރޮޒައިނާ ވިދާޅުވިއެވެ.
ފައްޔާޒްގެ "ހިންގާލަން" ކެމްޕެއިން ޓީމުން ބުނީ ފައްޔާޒް އިސްމާއީލްއާ ގުޅޭގޮތުން ނިންމާފައިވާ ނިންމުންތަކަކީ އެމްޑީޕީން އާއްމުކޮށްފައިވާ ގަވާއިދުތަކާއި އަމަލު ކުރަމުންދާ އުސޫލުތަކާވެސް ހިލާފު ނިންމުންތަކެއް ކަމަށެވެ. އަދި އެ ނިންމުންތައް ނިންމާފައިވާ ކޮމެޓީއަކީ އެމްޑީޕީގެ އިންތިހާބާ ބެހޭ ގަވާއިދުގެ 46 ވަނަ މާއްދާގައި ބަޔާންކުރާ "އިންތިހާބުތަކާ ގުޅިގެން ހުށައެޅޭ މައްސަލަތައް ބެލުމަށް އިންތިހާބާ ބެހޭ ކޮމެޓީގެ މެންބަރަކު ހިމެނޭ ގޮތަށް ތިން މެންބަރުންގެ ކޮމެޓީއެއް އިންތިހާބަށް ކުރިމަތިލުމަށް އިއުލާނު ކުރުމާއެކު އިންތިހާބާ ބެހޭ ކޮމެޓީން އުފައްދަންވާނެ" ކަމަށް ބުނާ މާއްދާއާ ހިލާފަށް އެކުލަވާލާފައިވާ ކޮމެޓީއެއް ކަމަށެވެ.
އަދި ކޮމެޓީން މައްސަލަތައް ބަލާފައިވަނީ އިންތިހާބާބެހޭ ގަވާއިދުގެ 46 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރާ "ކޮމްޕްލެއިންޓްސް ކޮމިޓީއަށް މައްސަލައެއް ހުށަހެޅިއްޖެނަމަ ގިނަވެގެން 48 ގަޑިއިރު ތެރޭގައި އެމައްސަލަ ބަލައި އެމައްސަލައަކާމެދު ގޮތެއް ނިންމައި މައްސަލަހުށައެޅި ފަރާތަށް އަންގަންވާނެ" ކަމަށް ބުނާ މާއްދާ އާއި ހިލާފަށްކަންވެސް ބުނެފައިވެއެވެ.
"އެމްޑީޕީއަކީ އަމަލު ކުރަން ޖެހޭ ގަވައިދުތައް ވަރަށް ސަރީހަކޮށް ލިޔެ އާއްމުކުރެވިފައިވާ ޕާޓީއެކެވެ. އެހެންކަމުން މި ދެންނެވި ގަވައިދުތަކާއި އުސޫލުތަކާ ހިލާފަށް އެކުލަވާލެވިފައިވާ ކޮމެޓީއަކުން މި ކެމްޕެއިންގެ ކެނޑިޑޭޓުގެ ހައްގުތަކެއް ގެއްލޭ އަދި ވާދަވެރި ކެނޑިޑޭޓަށް ފަހިވާ ގޮތަށް ނިންމާފައިވާ ނިންމުންތައް މި ކެމްޕެއިނުން ހަރުކަށި އިބާރާތުން ކުށްވެރިކޮށް އަދި އެ ނިންމުންތައް ބަލައި ނުގަންނަވާހަކަ ދަންނަވަމެވެ،"
އެ ބަޔާނުގައި ބުނެފައިވަނީ ފައްޔާޒުގެ ކެމްޕެއިން ޓީމުން ގަބޫލު ކުރާ ގޮތުގައި ކޮމެޓީއަށް ހުށަހެޅިގެން ބަލާފައިވާ ޝަކުވާތަކަކީ އިންތިހާބާގުޅޭ ޝަކުވާތަކެއް ނޫން ކަމަށެވެ. އަދި އެމްޑީޕީގެ ގުނަންތަކުން މި އިންތިހާބަށް ނުފޫޒު ފޯރުވާ އިންތިހާބުގެ ކަންކަމުގައި ވަކި ފަރާތަކަށް ފަހިވާ ގޮތަށް ހިންގާކަން ހާމަވާ ކަމަށެވެ.
"މި ކެމްޕެއިންގެ ފަރާތުން ޕާޓީގެ ގަވައިދުތަކާއި އުސޫލުތަކާއި ހިލާފަށް ނިންމާފައިވާ ނިންމުންތައް އިސްތިއުނާފަށް ހުށަހަޅާނެ ވާހަކަ ދެންނެވީމެވެ،"