ރޮޒައިނާ އާދަމް

ތަފާތު ކުރުން ނައްތާލަން ޖެހޭ ކަމަށް ވިދާޅުވެ ނަޝީދަށް ރައްދު ދެއްވައިފި

އެމްޑީޕީގެ ތެރެއިން ތަފާތު ކުރުން ނައްތާލަން ޖެހޭ ކަމަށް ވިދާޅުވެ އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދަށް، އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ނުސީދާކޮށް ރައްދު ދެއްވައިފި އެވެ.

ރޮޒައިނާގެ ފާޑުވިދާޅުވުން ނަޝީދަށް އަމާޒު ކުރެއްވީ އެމްޑީޕީގެ ގައުމީ މަޖިލިސް މެންބަރުން ތިއްބަވާ ވަޓްސްއަޕް ގުރޫޕްގައި ކުރެއްވި މެސެޖެއްގައި އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް އާއި އަންހެނުންގެ ރޫހުގެ ރައީސާ ކަމަށް ވާދަކުރައްވާ ރޮޒައިނާ އާދަމަށް އަމާޒު ކުރައްވާ ފާޑުވިދާޅުވުމުންނެވެ.

އެ ދެ ބޭފުޅުންނަށް ވަރަށް އިހްތިރާމް ކުޑަކުރައްވާ ނަޝީދު ވިދާޅުވީ "އެހާ ބޮޑަށް އަތް އުކާފައި ކަނޑިކި ނަގާ، ކަރުބުޑުން ނެރޭ އަޑުފަށްގަނޑު ނެރި، ހަޅޭއްލެވުން އެއީ އެމްޑީޕީއަށް ލިބޭ ވަރަށް ބޮޑު ހުތުރެއް" ކަމަށެވެ. ނަޝީދު އެ ގޮތަށް އިޝާރާތް ކުރެއްވީ މިދިޔަ އަންގާރަ ދުވަހުގެ ރޭ އޮތް އެމްޑީޕީގެ ގައުމީ މަޖިލީހުގައި އެ ދެ ބޭފުޅުން އަޑުއުފުއްލެވި އުފުއްލެވުމަށް އިޝާރާތް ކުރައްވައެވެ.

ގައުމީ މަޖިލީހުގެ ޖަލްސާ ހޫނުވީ ރައީސް ނަޝީދުގެ ފަޅީގައި ހުންނެވި މެންބަރު އަލީ އާޒިމް އަމަލު ކުރެއްވި ގޮތުންނެވެ. 115 މެންބަރުން ބައިވެރިވި ގައުމީ މަޖިލީހުގެ އެ ޖަލްސާގައި 100 މެންބަރުންނަކީ ފައްޔާޒާއި ރޮޒައިނާއަށް ތާއީދު ކުރައްވާ މެންބަރުންނެވެ. އެހެން ކަމުން އާޒިމް އެ ގޮތަށް އަމަލު ކުރެއްވުމުން މެންބަރުން ރުޅިގަދަވެ އަޑުގަދަ ކުރައްވަން ފެއްޓެވުމުން ގައުމީ މަޖިލީހުގެ ނިޒާމު ގެއްލުނީއެވެ.

އެ ވަގުތު ފައްޔާޒު އާއި ރޮޒައިނާއާ ދެ ބޭފުޅުންވެސް ކޮޅަށް ތެދުވެވަޑައިގެން އާޒިމްގެ އަމަލުތައް ހުއްޓުވަން މަސައްކަތް ކުރެއްވިއެވެ. އަދި އިންތިހާބުގެ ތާރީހު ފަސްކުރަން މަސައްކަތް ކުރަނީ އެމްޑީޕީގެ މެންބަރުންގެ ހައްގުގައި ކަމަށް ވިދާޅުވެ އެ ބޭފުޅުންގެ ހުށައެޅުން ދިފާއު ކުރެއްވިއެވެ.

ނަޝީދުގެ ވާހަކަފުޅަށް ރައްދު ދެއްވުމުގެ ގޮތުން ރޮޒައިނާ ވަނީ ރައީސް ޔާމީންގެ ސަރުކާރުގައި އޭރުގެ ފިނޭންސް މިނިސްޓަރު ބަޖެޓް ހުށައެޅުއްވި ދުވަހެއްގައި އެމްޑީޕީގެ މެންބަރުން ހަލޭލަވާ އަޑުގަދަ ކުރައްވާ މަންޒަރު ފެންނަ ވީޑިއޯއެއް ހިއްސާކުރައްވާފައެވެ. އެ ވީޑިއޯގައި މިނިސްޓަރާ ވަރަށް ކައިރީ ތިއްބަވާ މެންބަރު އީވާ އަބްދުﷲ އާއި މެންބަރު އިމްތިޔާޒު ފަހުމީ އަދި މިހާރުގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އަޑުގަދަ ކުރައްވާ މަންޒަރު ފެނެއެވެ. އީވާ އާއި އިމްތިޔާޒު، މިނިސްޓަރަށް އަމާޒު ކުރައްވާ "ވަގު ބަޖެޓް" "ކުޑަ ވަގު" "ބިލިއަނުން ވައްކަން ކުރި ވަގުން" އަދި "ބޮޑު ވަގު ޔާމީންގެ ވަގުން" ކަމަށް ވިދާޅުވެ އަޑުގަދަ ކުރައްވާ ބަޖެޓް ހުށައަޅުއްވަން ހުރަސް އަޅުއްވަމުން ގެންދެވިއެވެ.

ރޮޒައިނާވެސް ވަރަށް ގަދައަށް އަޑުގަދަ ކުރައްވާ އަޑު އިވެއެވެ. "ޔާމީންގެ އެކައުންޓްގައި އޮތް އެއް މިލިއަން ޑޮލަރު ބަޖެޓްގައި އެބައޮތްހޭ" ރޮޒައިނާ ސުވާލު ކުރައްވައެވެ.

މި ވީޑިއޯއާއެކު ރޮޒައިނާ ކުރެއްވި ޓްވީޓްގައި ވިދާޅުވީ އެ ދުވަހު އަޑުގަދަ ކުރުންވީ ރީތި، މާތް އަދި ގަދަ ކަމަކަށެވެ. އަދި އެމްޑީޕީގެ ގިނަ މެންބަރުންނަށް ވޯޓް ލުމުގެ ހައްގު ހޯދާ ދޭން އަޑުގަދަ ކުރުމުން ވީ ހަޑި ކަމަކަށް ކަމަށެވެ.

"ޑަބަލް ސްޓޭންޑާޑްސް/ތަފާތު ކުރުން ޕާޓީ ތެރެއިން ނައްތާލަން ޖެހޭ،" ރޮޒައިނާގެ ޓްވީޓްގައި ވިދާޅުވެފައިވެއެވެ.

މިނިސްޓަރު ފައްޔާޒަށް އަމާޒު ކުރައްވާ ނަޝީދުގެ މެސެޖްގައި އިތުރަށް ވިދާޅުވީ އެމަނިކުފާނަށް އެންމެ ގިނައިން މިހާރު ލިބޭ މެސެޖަކީ ބައެއް މީހުން މަޖުބޫރުވެގެން ކެމްޕޭން ކުރާ ވާހަކަ ކަމަށެވެ.