އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ

ހިސާންގެ ހިތްވަރަށް ރޮޒައިނާގެ ތައުރީފް

ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން އިއްޔެ ތުޅާދޫއަށް ވަޑައިގަތުމުން އެރަށުގައި ހަރަކާތްތެރިވާ ޕީޕީއެމް ބަޔަކު ހިސާނަށް ފުރައްސާރަ ކުރަމުންދިޔައިރު ހިސާން ދެއްކެވި ހިތްވަރަށް ފަހުރުވެރިވާ ކަމަށް އައްޑޫ މީދޫ ދާއިރާ މަޖިލިސް މެންބަރު އަދި އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ރައީސާ ރޮޒައިނާ އާދަމް ވިދާޅުވެއްޖެ އެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ރައީސްކަންވެސް ކުރައްވާ ހިސާން ހުސައިން ތުޅާދޫއަށް ވަޑައިގެންނެވުމުން އިދިކޮޅު ކޯލިޝަނުން ވަނީ މުޒާހަރާކޮށްފަ އެވެ. މުޒާހަރާ ކުރި މީހުންގެ ތެރޭގައި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރައްވާ މަދު ބަޔަކުވެސް ބައިވެރިވި އެވެ.

މުޒާހަރާ ކުރަމުންދިޔަ މީހުން ބުނަމުން ދިޔައީ ކުރީގެ ރައީސް އަބްދުﷲ ޔާމީން 11 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމްގެ މޭސްތިރިއަކީ ހިސާން ކަމަށެވެ.

ތުޅާދޫ އިން ހިސާނަށް ކުރިމަތިވި ކަންކަމާ ގުޅިގެން ހިސާނަށް ހިތްވަރު ދެއްވާ، ރޮޒައިނާ ވަނީ ހިސާނަށް ފުރައްސާރަ ކުރުން ކުށްވެރިކުރައްވާފަ އެވެ.

"ހިސާންގެ ހިތްވަރުގަދަ ކަމަށްޓަކާ ފަހުރުވެރިވަން. އަދި އެމްޑީޕީގެ އެތެރޭގެ ހިޔާލުތަފާތުވުމުގެ ތެރެއިން ވަކި ފެކްޝަނަކުން ހާއްސަކޮށް މި ޕާޓީގެ ލީޑާޝިޕްގައި ތިއްބެވި މަދު އަންހެނުންނަށް އަމާޒުކޮށްގެން ކުރާ ފުރައްސާރަ، ތަކުރާރުކޮށް ހަރުކަށި އިބާރާތުން ކުށްވެރިކުރަން" ރޮޒެއިނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މާލޭން ތުޅާދޫއަށް ގޮސް އެކަން ޕީޕީއެމްއާއެކު ރޭވީ އެމްޑީޕީގެ އިސް ބޭފުޅުން ކަމަށެވެ.

"އެމްޑީޕީގެ އިސް ބޭފުޅުން ބޭނުންވި ގޮތަށް ތުޅާދޫގެ އެމްޑީޕީ މެންބަރުން މި ހަޑިމުޑުދާރު އަމަލުގައި ބައިވެރިނުވި ކަމަށްޓަކައި ތުޅާދޫ އެމްޑީޕީ މެމްބަރުންނަށް މަރުހަބާ" ރޮޒައިނާ ވިދާޅުވި އެވެ.

ރޮޒައިނާ އިތުރަށް ވިދާޅުވީ އެމްޑީޕީ މެންބަރުންނަށް ޑިމޮކްރަސީ ދަސްވިއިރު ޕާޓީގެ އިސް ބޭފުޅުންނަށް އެވަރުނުވީތީ ހިތާމަކުރައްވާ ކަމަށެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ އެޕާޓީގެ ރައީސް މުހައްމަދު ނަޝީދުގެ ބައެއް ސަޕޯޓަރުން ދަނީ ތުޅާދޫގައި ހިސާންއާ ދެކޮޅަށް ކުރި މުޒާހަރާގެ ފޮޓޯ އާއި ވީޑިއޯ ސޯޝަލް މީޑިއާގައި ހިއްސާކޮށް މަލާމަތާއި ފުރައްސާރަވެސް ކުރަމުންނެވެ.

އެގޮތުން މާލެސިޓީގެ ކުރީގެ މޭޔަރު ޝިފާ މުހައްމަދު ވަނީ ރައްޔިތުން ހޮވާފައި ރައްޔިތުން ގައިގައި ކޮޅުފައިން ޖެހީމަ ވާނެ ގޮތް ފެންނަން އޮތް ކަމަށް ވިދާޅުވެ ހިސާނަށް ރަައްދުދީފަ އެވެ.

"އަޅުގަނޑު މި ހުރީ ތުޅާދޫގަ. ތުޅާދޫ ޕީޕީއެމް 10 މީހުން ނުކުމެ ގަޔަށް ބޮލަށް އަރަން އުޅުނީމާ އަޅުގަނޑު ވަށާ އެތިބީ އަޅުގަނޑުގެ ޓީމް މީހުން. އެމްޑީޕީ ކުއްޖެއް އެތާކު ނެތް. ޕީޕީއެމް މީހުން ގޮވީ ރައީސް ނަޝީދަށް އަޅުގަނޑު ސަޕޯޓް ނުކުރާ ވާހަކަ." ހިސާން ރައްދުގައި ވިދާޅުވި އެވެ.

އެކަމާ ނުރުހުން ފާޅުކުރައްވާ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ކެމްޕޭން މެނޭޖަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޝިޒު ވިދާޅުވީ ވާދަވެރި ކެންޑިޑޭޓަށް ތާއީދުކުރާ އެމްޑީޕީގެ މެންބަރުން މިފަދަ ނާތަހްޒީބް އަމަލުތަކަށް ހިތްވަރު ދިނުމަކީ ހަޑިކަމެއް ކަމަށެވެ.

"ވާދަވެރި ކެންޑިޑޭޓަށް ތާއީދުކުރާ އެމްޑީޕީގެ މެންބަރުން މިފަދަ ނާތަހްޒީބީ ފިޑި އަމަލުތަކަށް ހިތްވަރުދީ މިކަން ޕްރޮމޯޓް ކުރުން ހަރުކަށި އިބާރާތުން ކުށްވެރި ކުރަން،" ނާޝިޒު ވިދާޅުވި އެވެ.

އެމްޑީޕީގެ ޕްރައިމަރީ އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާއިރު ރައީސް ނަޝީދާއި ރައީސް ސޯލިހްގެ ސަޕޯޓަރުން ގެންދަނީ އެއް ބަޔަކު އަނެއް ބަޔަކަށް ފާޅުގައި ފާޑުކިޔަމުންނެވެ.