ކުޅުދުއްފުށި ސިޓީ

ކުޅުދުއްފުށީ ގަރާޖެއްގައި ރޯވެ ބޮޑެތި ގެއްލުންތަކެއް

ކުޅުދުއްފުށި ސިޓީގެ ގަރާޖެއްގައި ރޯވެ ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ އެވެ.

މި ހާދިސާގައި ރޯވީ، ސައިކަލު ސާވިސްކޮށްދޭ ކުޅުދުއްފުށީ ސިޓީގެ މެސްކޮޓް ގަރާޖުގަ އެވެ.

އެމްއެންޑީއެފްއިން ބުނީ މި ހާދިސާގެ މައުލޫމާތު ރޭ 02:48 ކަންހާއިރު ލިބުމާއެކު ފަޔާ ފައިޓަރުން ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ފެށި ކަމަށެވެ.

އެ އަލިފާންފަނޑު ރޭ 03:45 ކަންހާއިރު ނިއްވާލިއިރު ގަރާޖަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުވެއެވެ.

މެސްކޮޓް ގަރާޖުގެ ވެރިޔާ ހަސަން އަލީ އަވަސްއަށް ބުނީ ހާދިސާގައި ލިބުނު ގެއްލުމުގެ އަގު ހަތަރު މިލިއަން ރުފިޔާއަށް އަރާނެ ކަަމަށް ބެލެވޭ ކަމަށެވެ.

"ގަރާޖުގައި ހުންނާނީ ހޮންޑާ އާއި ޔަމަހާގެ އޮރިޖިނަލް ޕާޓްސްތައް. ބޮޑު ފިހާރައެއްގެ އެއްޗެތި ހުންނާނެ. ގިނަ އެއްޗެތި އަނދައިގެން އެ ދިޔައީ،" ގެއްލުން ތަފްސީލުކޮށްދީ ހަސަން ބުންޏެވެ.