ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް ވެކްސިން

14،000 އަށްވުރެ ގިނަ މީހުން ބޫސްޓާ ޑޯޒް ޖަހައިފި

ކޮވިޑް ވެކްސިންގެ ތިންވަނަ ޑޯޒް، ބޫސްޓާ ޑޯޒް 14000 އަށް ވުރެ ގިނަ މީހުން ޖަހައިފި ކަމަށް ހެލްތު ފްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

އެޗްޕީއޭއިން އާންމު ކޮށްފައިވާ ކޮވިޑް ވެކްސިންގެ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު މިހާތަނަށް 395،879 މީހުން ކޮވިޑްގެ ފުރަތަމަ ޑޯޒް ޖަހަފާއިވެ އެވެ. އަދި 364،402 މީހުން ދެވަނަ ޑޯޒް ފުރިހަމަ ކޮށްފައިވެ އެވެ.

ކޮވިޑް ވެކްސިންގެ ތިންވަނަ ޑޯޒް އެޗްޕީއޭ އިން ޖަހަން ފަށާފައިވަނީ މިދިޔަ މަހުގެ ހަތަރު ވަނަ ދުވަހުން ފެށިގެނެވެ. އެއީ 60 އަހަރުން މަތީގެ މީހުންނާއި ދިފާއީ ނިޒާމު ބަލިކަށި މީހުންނާއި ފްރޮންޓް ލައިންގައި މަސައްކަތް ކުރާ ސިއްހީ މުވައްޒަފުން އެކަންޏެވެ. މިހާރު ވެކްސިން ޖަހަމުންދަނީ 50 އަހަރުން މަތީގެ މީހުނަށެވެ.

މިހާތަނަށް އެ ވެކްސިން ޖަހާފައިވަނީ 14،157 މީހުނެވެ. ތިންވަނަ ޑޯޒެއްގެ ގޮތުގައި ދެނީ ފައިޒާ ވެކްސިނެވެ.

ތިންވަނަ ޑޯޒް ޖަހަން ޝަރުތު ހަމަވާ ފަރާތްތަކަށް ހެނދުނު 9:00 އިން މެންދުރު 2:00 އަށް އޭޑީކޭ ހޮސްޕިޓަލުންނާއި ހުޅުމާލެ ހޮސްޕިޓަލުން ވެކްސިން ޖެހޭނެ އެވެ. އަދި ހެނދުނު 10:00 އިން މެންދުރު 12:00 އަށް ވިލިމާލެ ހޮސްޕިޓަލުން ވެސް ތިންވަނަ ޑޯޒް ޖެހޭނެ ކަމަށް އެޗްޕީއޭއިން ބުނެ އެވެ.

ސެންޓަރުތަކަށް ވެކްސިން ޖަހަން ދާއިރު ވެކްސިން އެޕޮއިންޓްމަންޓް ހައްދަން އެޗްޕީއޭއިން ވަނީ އަންގާފަ އެވެ.

ރާއްޖޭގައި ކޮވިޑް ވެކްސިން ޕްރޮގްރާމުގައި ބޭނުން ކުރަނީ ކޮވިޝީލްޑާއި، ސިނަފާމް، އެސްޓްރާޒެނަކާ އަދި ފައިޒާ އެވެ.