ވިޔަފާރި

ކޮންސިއުމާ އޮމްބަޑްސްމަނަށް ބޮޑެތި ބާރުތައް ލިބޭ ގޮތަށް ގަވައިދު އެކުލަވާލައިފި

Dec 6, 2021

މުދާ ވިއްކާ ތަނަކަށް ނުވަތަ ހިދުމަތްދޭ ތަނަކަށް ވަދެ ބަލައި ފާސް ކުރުމާއި ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކުރުމުގެ ބާރު ލިބޭ ގޮތަށް ކޮންސިއުމާ އޮމްބަޑްސްމަންގެ އޮފީހަށް ހުށަހަޅާ މައްސަލަތައް ބަލައި ތަހުގީގުކޮށް ފިޔަވަޅު އެޅުމާބެހޭ ގަވައިދަށް އަމަލުކުރަން ފަށައިފި އެވެ.

އިއްޔެ ގެޒެޓްކޮށްފައިވާ މި ގަވައިދަކީ މުދާ ގަންނަ ފަރާތްތަކާއި ހިދުމަތް ލިބިގަންނަ ފަރާތް ހިމާޔަތް ކުރުމުގެ ގާނޫނުގެ ދަށުން އެކުލަވާލާފައިވާ ގަވައިދެކެވެ.

ކޮންސިއުމާ އޮމްބަޑްސްމަނަކީ ގާނޫނުގެ ދަށުން އުފުލާ ޝަކުވާތައް ބަލަން ގާނޫނުގެ 70 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާ ބޭފުޅެކެވެ. ކޮންސިއުމާ އޮމްބަޑްސްމަންގެ އޮފީހަކީ އިކޮނޮމިކް މިނިސްޓްރީގައި ގާއިމު ކޮށްފައިވާ އިދާރާ އެކެވެ.

ގަވައިދުގެ މަގުސަދު

  • މައްސަލަތައް ހުށަހަޅާނެ ނިޒާމެއް ގާއިމު ކުރުން
  • މައްސަލަތައް ބަލައި ތަހުގީގު ކުރުމުގައި ޖުރާއަތުތައް ކަނޑައެޅުން
  • ގެއްލުމުގެ ބަދަލު ނަގައިދިނުމާ ގުޅޭ ގޮތުގެ އިޖުރައާތުތައް ކަނޑައެޅުން
  • ފިޔަވަޅުތައް އެޅުމުގައި އަމަލުކުރާނެ އުސޫލުތައް ކަނޑައެޅުން

އަލަށް އަމަލުކުރަން ފެށި ގަވައިދުގެ ދަށުން ގާނޫނާ ހިލާފު ވެގެން މައްސަލަތައް ހުށަހަޅަންޖެހެނީ އެކަމެއް ހިނގި ތާރީހުން ފެށިގެން ހަމަސް ދުވަހުގެ ތެރޭގަ އެވެ. ކޮންސިއުމަ އޮމްބަޑްސްމަންގެ އޮފީހަށް މައްސަލަ ހުށަހެޅޭނީ މުދާ ގަތް ނުވަތަ ހިދުމަތް ލިބިގަތް ފަރާތް ނުވަތަ މުދާ ގަތުމަށް ނުވަތަ ލިބިގަތުމަށް އެއްބަސްވެފައިވާ ފަރާތަށާއި، ކޮންސިއުމަރުން ނުވަތަ މުދަލާއި ހިދުމަތް ލިބިގަންނަ ފަރާތްތައް ތަމްސީލް ކުރާ ޖަމިއްޔާތަކަށެވެ. މީގެ އިތުރުން މުދާ ނުވަތަ ހިދުމަތް ލިބިގަނެފައިވާ ފަރާތްތަކުގެ ތެރޭގައި އެއް ޝަކުވާއެއް ނުވަތަ އެއް މައްސަލައެއް ހުށަހެޅުމަށް ބޭނުންވާ ފަރާތްތަކެއް ވާނަމަ އެފަދަ ފަރާތްތަކުން ނުވަތަ ގިނަ ފަރާތްތަކެއް އެކުގައި ނުވަތަ ގިނަ ފަރާތްތަކެއްގެ ފަރާތުންނެވެ.

މައްސަލަ ސާބިތުކުރުމަށް ބޭނުންވާ ހެކިތަކާ އެކު އޮމްބަޑްސްމަންގެ އޮފީހަށް މައްސަލަ ހުށަހެޅުމުން އެ އޮފީހަށް އެ މައްސަލައެއް ބެލޭނެކަން ނުވަތަ ނުބެލޭނެކަން ގިނަ ވެގެން 10 ދުވަހުގެ ތެރޭގައި ކަނޑައަޅަންޖެހެ އެވެ. މައްސަލަ ބަލަން ނިންމައިފިނަމަ އެ ދުވަހަކުން ފެށިގެން ގިނަވެގެން ތިން ދުވަހުގެ ތެރޭގައި އެ އޮފީހުގައި މައްސަލަ ރަޖިސްޓްރީ ކުރި ކަން ހުށަހެޅި ފަރާތަށް ލިޔުމުން އަންގަން ޖެހެ އެވެ. މައްސަލަ ބެލެން ނެތް ކަމަށް ނިންމައިފިނަމަ އެ ނިންމުން ނިންމި ދުވަހުން ފެށިގެން ތިން ދުވަހުގެ ތެރޭގައި އެގޮތަށް ނިންމި ސަބަބުތައް ވެސް މައްސަލަ ހުށަހެޅި ފަރާތުން ލިޔުމުން އަންގަންޖެހެ އެވެ.

ކޮންސިއުމަ އޮމްބަޑްސްމަންގެ އޮފީހަށް މައްސަލައެއް ހުށަހެޅުމަށްފަހު އެ މައްސަލައެއް އަނބުރާ ގެންދިއުމުގެ ފުރުސަތު މައްސަލަ ހުށަހަޅާ ފަރާތަށް ލިބިދީފައިވެ އެވެ. އެކަމަކު އަލުން އެ މައްސަލަ ހުށަހަޅާނަމަ ހުށަހެޅޭނީ އެކަމެއް ހިނގި ތާރީހުން ފެށިގެން ހަމަސް ދުވަހުގެ ތެރޭގައި ކަމަށް ބުނެ ގަވައިދުގައި ކަނޑައަޅާފައިވާ މުއްދަތު ހަމަވެފައި ނުވާ ނަމަ އެވެ.

ކޮންސިއުމަ އޮމްބަޑްސްމަންގެ އޮފީހަށް މައްސަލައެއް ހުށަހެޅުމުން އެ މައްސަލައެއް ރައްދުވާ ފަރާތަށް މައްސަލައިގެ ލިޔުންތައް ހަވާލުކުރާ ދުވަހުން ފެށިގެން 14 ދުވަހުގެ ތެރޭގައި ޖަވާބުދާރީވާންޖެހެ އެެވެ.

ހުށަހަޅާފައިވާ މައްސަލައެއް ބަލައި ތަހުގީގު ކުރުމަށްޓަކައި ދުވާލުގެ އެކަށީގެންވާ ވަގުތެއްގައި މުދާ ވިއްކާ ތަނަކަށް ނުވަތަ ހިދުމަތްދޭ ތަނަކަށް މަދުވެގެން ދެ ދުވަހުގެ ނޯޓިސް ދިނުމަށްފަހު އެތަނަކަށް ވަދެ ގާނޫނާ އެއްގޮތަށް ކަންތައްތައް ހިނގާތޯ ކޮންސިއުމަ އޮމްބަޑްސްމަނަށް ނުވަތަ އޭނާ އައްޔަންކުރާ ބަޔަކަށް ބަލައ ޗެކް ކުރުމަށް ގަވައިދުގައި ބާރު ދީފައިވެ އެވެ.

ގަވައިދުގެ ދަށުން ނޯޓިސް ދިނުމަށްފަހު އެތަނަކަށް ވަނުމަށް ރުހުންދީފައި ނުވާނަމަ ނުވަތަ ހުރަސް އަޅައިފިނަމަ ކޯޓު އަމުރެއް ހޯދައިގެން އެފަދަ ތަންތަނަށް ވަދެ ވަކި ކަންތައްތަކެއް ކުރުމުގެ ބާރު ކޮންސިއުމަ އޮމްބަޑްސްމަނަށް ނުވަތަ އޭނާ އައްޔަންކުރާ ބަޔަކަށް ލިބެ އެވެ. އެގޮތުން އެތަނެއް ވީޑިއޯ ކުރުމާއި، އެއްވެސް ލިޔުމެއްގެ ކޮޕީ ހެއްދުން ނުވަތަ ކޮޕީ ހަދާފައި ދިނުމަށް އެންގުން ހިމެނެ އެވެ. އަދި ތަހުގީގަށް ބޭނުންވާ މުދަލެއް ނުވަތަ ލިޔުމެއް އެތަނުން ނެރުމަށް އެންގުމާއި، އަދި އެތަނަކުން މައުލޫމާތު ދޭ ފަރާތަކީ ކާކުކަން އަންގައިދޭ ލިޔުމެއް ހޯދުން ނުވަތަ ދިނުމުގެ އެންގުމުގެ ބާރުވެސް ލިބިގެންވެ އެވެ.

ކޮންސިއުމަ އޮމްބަޑްސްމަން އަޅާފައިވާ ފިޔަވަޅަކާ ނުވަތަ ނިންމާފައިވާ ނިންމުމަކާ ހިތްހަމަނުޖެހިއްޖެނަމަ ކަމާ ބެހޭ ކޯޓަކަށް އެ މައްސަލައެއް ހުށަހެޅުމުގެ ހައްގު ހިތްހަމަނުޖެހޭ ފަރާތަކަށް މިގަވައިދުގައި ދީފައިވެ އެވެ. ގާނޫނާއި ގަވައިދާ ހިލާފުވާ ފަރާތްތަކަށް ފިޔަވަޅު އެޅުމާއި ޖޫރިމަނާކުރުމުގެ ބާރުވެސް ކޮންސިއުމަ އޮމްބަޑްސްމަނަށް ލިބިދީފައިވެ އެވެ. ނަމަވެސް ފިޔަވަޅު އަޅަންޖެހެނީ ވަކި ކަހަލަ ކަންތައްތަކަކަށް ބެލުމަށްފަހު އެވެ.

އޮމްބަޑްސްމަނަށް އެޅިދާނެ ފިޔަވަޅުތައް

  • ފުރަތަމަ ފަހަރު 1،000 ރުފިޔާއާއި އެއްލައްކަ ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކޮށް ވަކި ކަމެއް ރަނގަޅުކުރަން މުއްދަތެއް ދިނުން
  • ކުށް ތަކުރާރުކުރާ ކޮންމެ ފަހަރަކު 1،500 ރުފިޔާއާއި 250،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކޮށް ވަކި ކަމެއް ރަނގަޅުކުރަން މުއްދަތެއް ދިނުން
  • ކަމެއް ރަނގަޅުކުރަން ދީފައިވާ މުއްދަތުގެ ތެރޭގައި އެކަމެއް ރަނގަޅުކޮށްފައި ނުވާނަމަ 5،000 ރުފިޔާއާއި 250،000 ރުފިޔާއާ އަދަދަކުން ޖޫރިމަނާކުރުމާ އެކު ހަމަސް ދުވަހަށް ވުރެ ދިގު ނޫން މުއްދަތަކަށް އެތަނެއް ބަންދުކުރުން

މުދާ ގަންނަ ފަރާތްތަކާއި ހިދުމަތް ލިބިގަންނަ ފަރާތްތައް ހިމާޔަތް ކުރުމުގެ ގާނޫނުގެ ދަށުން ގެއްލުމުގެ ބަދަލު ނަގައިދިނުމަށް އެދި ހުށަހަަޅާ މައްސަލަތަކުގައި އެއް ބަދަލު ނުވަތަ އެއަށް ވުރެ ގިނަ އަދަދެއްގެ ބަދަލު ނަގައިދިނުމުގެ އިހްތިޔާރު ކޮންސިއުމަ އޮމްބަޑްސްމަނަށް ލިބިގެންވެ އެވެ. އެގޮތުން ޝަކުވާ އުފުލިފައިވާ މުދަލުގެ ބަދަލުގައި އާ އަދި އެއްވެސް ހަލާކުވުމެއް ނެތް އެ ބާވަތުގެ އެހެން މުދަލެއް ފޯރުކޮށްދިނުމަށް އެންގުމާއި، މުދަލުގެ އަގު ނުވަތަ ޝަކުވާ ހުށަހެޅި ފަރާތުން ދައްކާފައިވާ އަގު / ފީ އަނބުރާ އެ ފަރާތަކަށް ދިނުމަށް އެންގުމުގެ ބާރު ކޮންސިއުމަ އޮމްބަޑްސްމަނަށް ލިބިގެންވެ އެވެ. މީގެއިތުރުން މުދާ ވިއްކާ ފަރާތުގެ އިހްމާލުން ނުވަތަ ހިދުމަތް ފޯރުކޮށްދޭ ފަރާތުގެ އިހްމާލުން މުދާ ގަންނަ ފަރާތަށް ބޭނުންކުރާ މުދަލެއްގެ ސަބަބުން ނުވަތަ ހޯދާ ހިދުމަތެއްގެ ސަބަބުން ލިބޭ ގެއްލުމުގެ ނުވަތަ ލިބިފައިވާ އަނިޔާގެ ބަދަލު ހޯދުމުގެ ހައްގު ލިބިގެންވާ ކަމަށް ނިންމުމާއި، މުދަލުގައި ނުވަތަ ހިދުމަތުގައި ހުރި ނުރަނގަޅު ކަން ރަނގަޅުކުރުމަށް އެންގުމުގެ ބާރުވެސް ކޮންސިއުމަ އޮމްބަޑްސްމަނަށް ލިބިގެންވެ އެވެ. ބަދަލު ހޯދުމަށް ކޯޓަށް ހުށަހެޅުމުގެ ފުރުސަތު ވެސް ގަވައިދުގައި ފަހިކޮށްދެ އެވެ.

ކޮންސިއުމަ އޮމްބަޑްސްމަނަށް ހުށަހެޅޭ މައްސަލައަކީ ޖިނާއީ ކުށެއް ހިމެނޭ ކަމެއް ކަމުގައި ކޮންސިއުމަ އޮމްބަޑްސްމަނަށް ގަބޫލުކުރެވޭ ހާލަތްތަކުގައި ޖިނާއީ މައްސަލަތައް ތަހުގީގު ކުރުމުގެ ބާރު ލިބިގެންވާ އިދާރާ އަކަށް އެ މައްސަލައެއް ހުށަހެޅުމުގެ ބާރުވެސް މި ގަވައިދުގެ ދަށުން ކޮންސިއުމަ އޮމްބަޑްސްމަނަށް ލިބިގެންވެ އެވެ.