ޗައިނާ އެފްޓީއޭ

ޗައިނާ-ރާއްޖެ އެފްޓީއޭއަށް އަންނަ މަހު އަމަލުކުރަން ފަށަނީ

ޗައިނާ-ރާއްޖެ މިނިވަން ވިޔަފާރީގެ އެއްބަސްވުން -- ފްރީ ޓްރޭޑް އެގްރީމެންޓް (އެފްޓީއޭ) އަށް އަންނަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އަމަލުކުރަން ފެށުމާއެކު ދިވެހި ވިޔަފާރިތަކަށް ޗައިނާގައި ތަކެތި ވިއްކުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފި އެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނި ގޮތުގައި ޗައިނާ-ރާއްޖެ އެފްޓީއޭއާއެކު ކުދި ވިޔަފާރިތަކާއި ކްރިއޭޓިވް ނުވަތަ އުފެއްދުންތެރި މަސައްކަތްކުރާ މީހުންނަށް ގިނަ ފުރުސަތުތަކެއް ހުޅުވިގެންދާނެ އެވެ.

މި އެއްބަސްވުމަށް އަމަލުކުރަން ފަށާއިރު ޑިއުޓީ މައާފުވެގެންދާނެ ތަކެތީގެ ތެރޭގައި ކްރިއޭޓިވް މަސައްކަތްކުރާ މީހުން ބޭނުންކުރާ ބައެއް ތަކެތި ހިމެނެ އެވެ.

ޑިއުޓީ މައާފުވާ ތަކެތި

  • ތްރީޑީ ޕްރިންޓަރު
  • ލޭބަލް ޕްރިންޓަރު
  • ފޮޓޯގްރަފީ ސާމާނު
  • ގަހަނާ އުފެއްދުމަށް ބޭނުންކުރާ ސާމާނު

މީގެ އިތުރުން ޗައިނާއިން ރާއްޖެ އެތެރެކުރާ މަސްވެރިކަމުގެ ސިނާއަތާއި އިމާރާތްކުރުމުގެ ސިނާއަތަށް ބޭނުންކުރާ ގިނަ ބާވަތްތަކެއްގެ ޑިއުޓީ މައާފުވެގެންދާނެ އެވެ.

އެފްޓީއޭއާއެކު ރާއްޖެއިން ޗައިނާއަށް އެކްސްޕޯޓްކުރާ ސީފުޑްގެ 296 ބާވަތަކުން ޑިއުޓީ މައާފުވާނެ އެވެ.

ރާއްޖެއާއި ޗައިނާއާ ދެމެދު މިހާރު އަހަރެއްގެ މައްޗަށް 700 މިލިއަން ޑޮލަރުގެ ވިޔަފާރި ކުރެ އެެވެ.

ރާއްޖެއާއި ޗައިނާއާ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއްގައި ސޮއި ކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2014 ވަނަ އަހަރު އެވެ. މި އެއްބަސްވުމަށް އަމަލުކުރުމަށް 2017 ވަނަ އަހަރު އޮތީ މަޖިލީހުން ރުހުންވެސް ދީފަ އެވެ. ނަމަވެސް 2018 ވަނަ އަހަރު ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު މި އެއްބަސްވުމަށް އަމަލުކޮށްފައެއް ނުވެ އެވެ.