ޗައިނާ

ޗައިނާ އިން ރާއްޖޭގައި ބޭންކެއް ހުޅުވަނީ

ރާއްޖޭގައި ޗައިނާގެ ބޭންކެއްގެ ބްރާންޗެއް ހުޅުވުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

"މޯލްޑިވްސް - ސިޗުއާން ޓްރޭޑް އެންޑް އިންވެސްޓްމަންޓް ކޯޕަރޭޝަން ކޮންފަރެންސް"ގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ ޗައިނާގެ ބޭންކެއް ރާއްޖޭގައި ހުޅުވުމަށްޓަކައި ކުރަންޖެހޭ މުހިއްމު މަސައްކަތްތަކެއް ކުރަމުން ގެންދާ ކަމަށެވެ.

މީގެއިތުރުން ޗައިނާއާއެކު ހަދާފައިވާ ފްރީ ޓްރޭޑް އެގްރީމަންޓަށް އަންނަ މަހުގެ ތެރޭގައި އަމަލުކުރަން ފެށުމުން ޗައިނާ އިން ރާއްޖޭގައި ހަދާ ބޭންކްގެ ފައިދާ އެންމެ ބޮޑަށް ވިޔަފާރިވެރިންނަށް ލިބޭނެ ގޮތްތައް ހޯދަމުންދާ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

ސައީދު ވިދާޅުވީ ޗައިނާގެ ބޭންކެއް ރާއްޖޭގައި ހުޅުވުމަކީ ރައީސުލްޖުމްހުރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބޭނުންވާ ކަމެއް ކަމަށެވެ.

މިނިސްޓަރު ސައީދު އިތުރަށް ވިދާޅުވީ ޗައިނާއާ އެކު ހަދާފައިވާ ފްރީ ޓްރޭޑް އެގްރީމަންޓުގެ ސަބަބުން ޑޮލަރަށް ބަރޯސާވުން އެތައް ގުނައަކުން ދަށްވެގެން ދާނެ ކަމަށެވެ. އަދި ރާއްޖޭގެ ވިޔަފާރިތަކަށް މީގެން ކުރާނެ ފައިދާއާއި އެކަމާ ގުޅޭ މައުލޫމާތު ފޯރުކޮށްދިނުމަށް ވިޔަފާރިވެރިންނަށް ވޯކްޝޮޕްތައް ހިންގާނެ ކަމަށްވެސް ވިދާޅުވި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ރާއްޖެއާއި ޗައިނާއާ ދެމެދު އޮތް ގުޅުން ވަނީ ވަރަށް ބޮޑަށް ބަދަހިވެފަ އެވެ.