ދިވެހި ކަނޑުމަސް ޗައިނާއަށް އެކްސްޕޯޓް ކުރުމުގެ ޝައުގުވެރިކަން އެ ގައުމުން ފާޅުކޮށްފި އެވެ.
ދުނިޔޭގެ ކަނޑުމަހުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ރާއްޖޭގެ ފިޝަރީޒް މިނިސްޓްރީން އެކްސްގައި ކުރި ޕޯސްޓެއް ޝެއާ ކުރައްވާ ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވަންގް ލިޒިން ވިދާޅުވީ ދެ ގައުމުން ސޮއިކޮށްފައިވާ ފްރީ ޓްރޭޑް އެގްރީމެންޓް (އެފްޓީއޭ) އަވަހަށް ތަންފީޒުކޮށް ދިވެހި ކަނޑުމަސް ޗައިނާގެ ބާޒާރަށް ފަސޭހައިން ވަންނާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.
ދިވެހި ކަނޑުމަސް ޗައިނާއަށް އެކްސްޕޯޓް ކުރުމުގެ ޝައުގުވެރިކަން އެ ގައުމުން ފާޅުކޮށްފައިވާއިރު ރައީސް ޑރ. މުހައްމަދު މުއިއްޒު މި އަހަރުގެ ޖެނުއަރީ މަހު ޗައިނާއަށް ކުރެއްވި ދަތުރުފުޅުގައި އެ ގައުމުގައި ބޭއްވެވި ރާއްޖޭގެ ބިޒްނަސް ފޯރަމް ފެށުމުގެ ރަސްމިއްޔާތުގައި ޗައިނާ-ރާއްޖޭ އެފްޓީއޭއަށް ވީހާވެސް އަވަހަށް އަމަލުކުރަން ފަށަށް ތައްޔާރަށް ހުންނެވި ކަމަށް ވިދާޅުވި އެވެ.
މީގެ އިތުރުން އެފްޓީއޭގެ ދަށުން ޗައިނާއަށް ރާއްޖޭގެ މަހުގެ ބާވައްތައް ބޭރުކުރާ މިންވަރު އިތުރުކުރުމަކީ އަމާޒެއް ކަމުގައިވެސް ރައީސް މުއިއްޒު ވިދާޅުވި އެވެ.