ހަބަރު

ފައްޔާޒްގެ ވާހަކައަށް ޗައިނާއިން ރައްދު ދީފި

Oct 13, 2020
2

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޗައިނާއާއެކު ގާއިމު ކުރި މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ސަބަބުން އެހެން ގައުމުތަކާއެކު އޮންނަ ވިޔަފާރީގެ ގުޅުމަށް ބުރޫއަރާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވިދާޅުވި ވާހަކައަށް ރާއްޖޭގައި ހުންނަވާ ޗައިނާ ސަފީރު ރައްދު ދެއްވައިފި އެވެ.

ޗައިނާއާއެކު ގާއިމުކުރި އެއްބަސްވުމަކީ ވުޖޫދުގައި ނެތް އެއްޗެއްގެ ގޮތުގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ދާދި ފަހުން ސިފަ ކުރައްވާފައި ވަނިކޮށް "ދިވެހިރާއްޖޭގެ އަޑު" ން ގެނެސްދޭ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ފައްޔާޒު ވިދާޅުވީ އެ އެއްބަސްވުމަކީ އެއްވެސް ގޮތަކަށް ސޮއި ކުރަން ހެޔޮވެސް ނުވާ އެއްޗެއް ކަމަށާއި އޭގެ ސަބަބުން އިގުތިސޯދަށް ގެއްލުން ވާނެ ކަމަށެވެ.

ފައްޔާޒު ވިދާޅުވި ގޮތުގައި އެ އެއްބަސްވުމުގެ ދަށުން ޗައިނާއިން ޑިއުޓީ ފްރީކޮށް މުދާ އެތެރެކުރެވުނު ނަމަވެސް، ޗައިނާ ފަދަ ބޮޑު ގައުމެއްގެ މުދަލުން ސުން ޕަސެންޓް ނަގާފައި އެހެން ގައުމުތަކުގެ މުދަލުން އެއަށްވުރެ ބޮޑު ޕަސެންޓެއްގެ ޑިއުޓީ ނެގުމަކީ އެ ގައުމުތަކާއެކު އޮންނަ ވިޔަފާރީގެ ގުޅުމަށް ބުރޫ އަރާނެކަމެއް ކަމަށެވެ.

"އަޅުގަނޑުމެންނާއެކު ޒަމާނުއްސުރެ ޓްރޭޑުގެ ގޮތުން އެސްޓަބްލިޝްވެފަހުރި ހުރިހާ ލިންކުތަކެއް ހަލާކުވެގެން އެދަނީ. އޭގެ މާނައަކީ އަޅުގަނޑުމެން ފޯލްބެކް އެއްވެސް އެއްޗެއް ނޯންނާނޭ. ސިންގަޕޫރާއެކު އޮތް ޓްރޭޑް ރިލޭޝަން ދިޔައީ، ދުބާއީއާއެކު އޮތް ޓްރޭޑް ރިލޭޝަން އޭރުން ދިޔައީ، އިންޑިއާއެކު އޮތް ޓްރޭޑް ރިލޭޝަންސް ދިޔައީ. އެއީ މިދެންނެވިހެން ޗައިނާގެ އެއްޗެހި އަގުހެޔޮވީމަ ހުރިހާ ވިޔަފާރިވެރިން ވެސް ވައްދާނީ ޗައިނާ އެއްޗެހިތާ" މިނިސްޓަރު ވިދާޅުވި އެވެ.

އެ ގުޅުން ކެނޑުމަށްފަހު، އެ ގުޅުންތައް ފަހުން ގާއިމުކުރަން ދަތިވާނެކަމަށާއި، އެފަދަ ކަމެއް އިގުތިސޯދީ ވަޒީރުކަމުގައި ހުންނަވައިގެން ނުކުރައްވާނެކަމަށް ފައްޔާޒް އިތުރަށް ވިދާޅުވި އެވެ.

ފައްޔާޒްގެ ވާހަތަކަށް އިޝާރާތް ކުރައްވައި، ރާއްޖޭގައި ހުންނަވާ ޗައިނާ ސަފީރު ޖަންގް ލިޖޮންގް ވިދާޅުވީ އެ އެއްބަސްވުމަކީ ދެ ފަރާތަށްވެސް ފައިދާވާނެ ފެންވަރު ރަނގަޅު އެއްބަސްވުމެއް ކަމަށެވެ.

އަދި ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތަށް ފަރުމާކޮށްފައިވާ އެއްބަސްވުމާއެކު ދެ ގައުމުގެ ވިޔަފާރީގެ ގުޅުން މުޅީން އެހެން ހަރުފަތަކަށް އުފުލިގެންދާނެކަމަށްވެސް ސަފީރު ވިދާޅުވި އެވެ.

"ޗައިނާއިން 22 ފަރާތަކާއެކު 18 އެފްޓީއޭގައި ސޮއިކޮށްފައިވޭ. އެކަމަކު އެ އެފްޓީއޭގެ ސަބަބުން އެ ފަރާތްތަކުގެ ވިޔަފާރީގެ ގުޅުންތަކަށް އެއްވެސް ހީނަރުކަމެއް ނާދޭ،" ފައްޔާޒަށް ރައްދު ދެއްވައި ސަފީރު ވިދާޅުވި އެވެ.

ކުރީގެ ސަރުކާރުގައި ޕީޕީއެމްގެ މެޖޯރިޓީ އޮތް މަޖިލީހުން ޗައިނާއާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ގާއިމު ކުރަން ރުހުން ދޭން ފާސްކުރީ ވަރަށް އަވަސް އަރުވާލައިގެންނެވެ. އެ ގޮތުން ކޮމިޓީއަށް ދިރާސާ ކުރަން ފޮނުވުމުން ބައްދަލުވުމެއް ބާއްވައި އެންމެ 10 މިނެޓުގެ ތެރޭގައި އެއްބަސްވުމަށް ރުހުން ދޭން ކޮމިޓީން ފާސްކޮށްލި އެވެ.

އަށާރަވަނަ ރައްޔިތުންގެ މަޖިލީހުން ނޮވެމްބަރު 29، 2017 ގައި އެއްބަސްވުމަށް ރުހުން ދިނުމުން ޑިސެމްބަރު 18، 2014 ގައި ރައީސް ޔާމީން ހިމެނިވަޑައިގަންނަވާ ގޮތަށް ރާއްޖޭގެ ވެރިންގެ ވަފުދެއް ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅެއްގައި އެ އެއްބަސްވުމުގައި ސޮއި ކުރެއްވި އެވެ.