ހަބަރު

ޗައިނާ އެފްޓީއޭއާ ފައްޔާޒްވެސް ދެކޮޅު

Oct 11, 2020
5

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޗައިނާއާއެކު ގާއިމު ކުރި މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ސަބަބުން އެހެން ގައުމުތަކާއެކު އޮންނަ ވިޔަފާރީގެ ގުޅުމަށް ބުރޫއަރާނެކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެ އެވެ.

ޗައިނާއާއެކު ގާއިމުކުރި އެއްބަސްވުމަކީ ވުޖޫދުގައި ނެތް އެއްޗެއްގެ ގޮތުގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ދާދި ފަހުން ސިފަކުރައްވާފައިވަނިކޮށް، ދިވެހިރާއްޖޭގެ އަޑުން ގެނެސްދޭ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ފައްޔާޒު ވިދާޅުވީ އެ އެއްބަސްވުމަކީ އެއްވެސް ގޮތަކަށް ސޮއި ކުރަން ހެޔޮވެސް ނުވާ އެއްޗެއް ކަމަށާއި އޭގެ ސަބަބުން އިގުތިސޯދަށް ގެއްލުން ވާނެ ކަމަށެވެ.

""އަޅުގަނޑުގެ އަމިއްލަ ހައިސިއްޔަތުން މިހާރު މިދަންނަވަނީ އެ ފްރީ ޓްރޭޑް އެގްރީމަންޓަކީ އެއްގޮތަކަށްވެސް ސޮއިކުރަން ހެޔޮވާވަރުގެ އެއްބަސްވުމެއް ނޫން. އޭގަ ރަނގަޅު ކަންތައްތަކެއްވެސް އެބަހުރި އިނގޭތޯ. ކޮންމެ ކަމެއްގަވެސް ހުންނާނެ ރަނގަޅާއި ގޯހާ،" މަޖިލީހުގެ މެންބަރަކަށް ހުންނެވިއިރުވެސް ވަރަށް ދެކޮޅު ހެއްދެވި އެއްބަސްވުމެއްކަން ފާހަގަ ކުރައްވަމުން ފައްޔާޒް ވިދާޅުވި އެވެ.

ކުރީގެ ސަރުކާރުގައި ޕީޕީއެމްގެ މެޖޯރިޓީ އޮތް މަޖިލީހުން ޗައިނާއާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ގާއިމު ކުރަން ރުހުން ދޭން ފާސްކުރީ ވަރަށް އަވަސް އަރުވާލައިގެންނެވެ. އެ ގޮތުން ކޮމިޓީއަށް ދިރާސާ ކުރަން ފޮނުވުމުން ބައްދަލުވުމެއް ބާއްވައި އެންމެ 10 މިނެޓުގެ ތެރޭގައި އެއްބަސްވުމަށް ރުހުން ދޭން ކޮމިޓީން ފާސްކޮށްލި އެވެ.

އަށާރަވަނަ ރައްޔިތުންގެ މަޖިލީހުން ނޮވެމްބަރު 29، 2017 ގައި އެއްބަސްވުމަށް ރުހުން ދިނުމުން ޑިސެމްބަރު 18، 2014 ގައި ރައީސް ޔާމީން ހިމެނިވަޑައިގަންނަވާ ގޮތަށް ރާއްޖޭގެ ވެރިންގެ ވަފުދެއް ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅެއްގައި އެ އެއްބަސްވުމުގައި ސޮއި ކުރެއްވި އެވެ.

ފައްޔާޒު ވިދާޅުވި ގޮތުގައި އެ އެއްބަސްވުމުގެ ދަށުން ޗައިނާއިން ޑިއުޓީ ފްރީކޮށް މުދާ އެތެރެކުރެވުނު ނަމަވެސް، ޗައިނާ ފަދަ ބޮޑު ގައުމެއްގެ މުދަލުން ސުން ޕަސެންޓް ނަގާފައި އެހެން ގައުމުތަކުގެ މުދަލުން އެއަށްވުރެ ބޮޑު ޕަސެންޓެއްގެ ޑިއުޓީ ނެގުމަކީ އެ ގައުމުތަކާއެކު އޮންނަ ވިޔަފާރީގެ ގުޅުމަށް ބުރޫ އަރާނެކަމެއް ކަމަށެވެ.

"އަޅުގަނޑުމެންނާއެކު ޒަމާނުއްސުރެ ޓްރޭޑުގެ ގޮތުން އެސްޓަބްލިޝްވެފަހުރި ހުރިހާ ލިންކުތަކެއް ހަލާކުވެގެން އެދަނީ. އޭގެ މާނައަކީ އަޅުގަނޑުމެން ފޯލްބެކް އެއްވެސް އެއްޗެއް ނޯންނާނޭ. ސިންގަޕޫރާއެކު އޮތް ޓްރޭޑް ރިލޭޝަން ދިޔައީ، ދުބާއީއާއެކު އޮތް ޓްރޭޑް ރިލޭޝަން އޭރުން ދިޔައީ، އިންޑިއާއެކު އޮތް ޓްރޭޑް ރިލޭޝަންސް ދިޔައީ. އެއީ މިދެންނެވިހެން ޗައިނާގެ އެއްޗެހި އަގުހެޔޮވީމަ ހުރިހާ ވިޔަފާރިވެރިންވެސް ވައްދާނީ ޗައިނާ އެއްޗެހިތާ" މިނިސްޓަރު ވިދާޅުވި އެވެ.

އެ ގުޅުން ކެނޑުމަށްފަހު، އެ ގުޅުންތައް ފަހުން ގާއިމުކުރަން ދަތިވާނެކަމަށާއި، އެފަދަ ކަމެއް އިގުތިސޯދީ ވަޒީރުކަމުގައި ހުންނަވައިގެން ނުކުރައްވާނެކަމަށް ފައްޔާޒް އިތުރަށް ވިދާޅުވި އެވެ.