ކޮވިޑް-19އިން އަރައިގަނެވެން އޮތް ގޮތަކީ ހުރިހާ އެންމެންނަށް ކޮންމެ ތަނެއްގައި ހުރެގެންވެސް ކާމިޔާބުކަމާއެކު ވެކްސިން ލިބޭނެކަން ކަށަވަރު ކޮށްގެން ކަމަށް އދގެ އާއްމު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ އާއްމު މަޖިލީހުގެ ރިޔާސަތާ ހަވާލުވެވަޑައިގަތުމަށްފަހު 100 ދުވަސް ފުރުމާ ދިމާކޮށް ނިއުޔޯކްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ދެއްވި އޯޕަނިން ސްޓޭޓްމަންޓްގައެވެ.
ޝާހިދު ވިދާޅުވީ އެމަނިކުފާނު ވައުދުވެވަޑައިގެންނެވީ އުއްމީދުގެ ރިޔާސަތެއްގެ މައްޗަށް ކަމަށާ އެއީ އެއީ އުއްމީދުގެ ފަސް ދޯދީގެ މައްޗަށް ބިނާކޮށްފައި އޮތް ރިޔާސަތެއް ކަމަށެވެ. ފުރަތަމަ ދެ ދޯދީގައި ކޮވިޑްގެ ބަލިމަޑުކަމުން އަރައިގަނެ ދެމެހެއްޓެނިވި ގޮތެއްގައި އަލުން ބިނާކުރުމުގެ މަސައްކަތް ކުރަން ހިމަނުއްވާފައިވާނެ ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ ކޮވިޑް-19އިން އަރައިގަނެވެން އޮތްގޮތަކީ ހުރިހާ އެންމެންނަށް ކޮންމެ ތަނެއްގައި ހުރެގެންވެސް ކާމިޔާބުކަމާއެކު ވެކްސިން ލިބޭނެކަން ކަށަވަރު ކުރުމެވެ. އެންމެންނަށްވެސް ރައްކާތެރިކަން ކަށަވަރު ނުވާނަމަ އެއްވެސް މީހަކު ސަލާމަތެއް ނުވާނެ ކަމަށް ވިދާޅުވެ އެކަމަށް މި ފަހަރުގެ ސެޝަން ފެށުނީއްސުރެ ވަކާލާތު ކުރައްވާ އަދި އެ މަސައްކަތް އިތުރަށް ފުޅާވެސް ކުރައްވާފައިވާ ކަމަށެވެ.
"މިވަގުތު އަޅުގަނޑު މަސައްކަތް ކުރަމުން މި ގެންދަނީ ވެކްސިންއާ ބެހޭގޮތުން އާ އަހަރުގެ 'ރެޒޮލިއުޝަން' އެއް. އަޅުގަނޑުގެ އުންމީދަކީ މިއަންނަ ޖެނުއަރީގައި ނިއުޔޯކްގައި ބާއްވާ ހައިލެވެލް އިވެންޓް އޮން ވެކްސިން އިކުއިޓީ އަށް 193 މެމްބަރު ގައުމުތައް މިކަމާ ގުޅިވަޑައިގަތުން. އެ ހަރަކާތް އޮންނާނީ އަންނަ ޖެނުއަރީ މަހުގެ 13 ވަނަ ދުވަހު. އަޅުގަނޑު ވަރަށް އިހްލާސްތެރިކަމާއެކު އެދެނީ ވެކްސިންގެ މައްސަލައަކީ އަޅުގަނޑުމެން އެންމެންނަށް އޭގެއިން ފައިދާލިބި އަސަރުކުރާ ކަމެއް ކަމުން މި ހްފްލާ ޕްރޮމޯޓްކޮށް ކަވާ ކުރުމުގައި ތިޔަބޭފުޅުން އެހީތެރިވެދެއްވާނެ ކަމަށް،" ޝާހިދު ވިދާޅުވިއެވެ.
ޝާހިދު ވިދާޅުވީ އެމަނިކުފާނުގެ އަމާޒަކީ ހަމަހަމަ ގޮތެއްގައި ހުރިހާ އެންމެންނަށް ހުރިހާ ތަނެއްގައި ވީ އެންމެ އަވަހަކަށް ވެކްސިން ފޯރުކޮށްދިނުން ކަމަށެވެ. އަދި ބޭނުންފުޅުވަނީ މުޅި ދުނިޔެއަށް ވެކްސިން ކަށަވަރު ކުރުމަށްޓަކައި ސިޔާސީ ގޮތުން އާ އަޒުމަކާއި މާނަވީ ބައިވެރިވުމެއް ކަމަށެވެ.