ޔޫއެން

ޝާހިދުގެ "އުއްމީދުގެ ރިޔާސަތު' ވަރަށް ހިދުމަތްތެރި: އެންޓޯނިއޯ

Sep 14, 2022
1

އދ.ގެ އާންމު މަޖިލީހުގެ ރައީސްގެ މަގާމުގައި ހުންނެވި ދުވަސްތަކުގައި އެމަނިކުފާނު ގެންނެވި "އުންމީދުގެ ރިޔާސަތު"ގެ ހިދުމަތް ވަރަށް ފުރިހަމަ ކަމަށް އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގްއެޓްރޭސް ވިދާޅުވެއްޖެ އެވެ.

ޝާހިދުގެ ހިދުމަތަށް ޝުކުރު އަދާކުރައްވަމުން މިއަދު ކުރެއްވި ޓްވީޓެއްގައި އެންޓޯނިއޯ ވިދާޅުވީ ވޭތުވެދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި އދ.ގެ އާންމު މަޖިލީސް، ޝާހިދު ލީޑު ކުރެއްވީ ފުރިހަމަ ތަސައްވުރާއި، ހުނަރުވެރިކަމާއި އަދި ހިދުމަތްތެރިކަމާއި އެކުގައި ކަމަށެވެ.

ޝާހިދުގެ "އުންމީދުގެ ރިޔާސަތު"ގެ މަގުސަދު ހާސިލްވެފައިވާ ކަމަށް އެންޓޯނިއޯ ގަބޫލުކުރައްވަ އެވެ. އޭނާ ވިދާޅުވީ މިހާރު ކުރިމަތިވެފައި ހުރި ގޮންޖެހުންތަކާއި ކުރިމަތިލައި އެއްބައިވަންތަކަމާއެކު ކުރިއަށް ދެވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

ޝާހިދުގެ އުއްމީދުގެ ރިޔާސަތާއެކު ގައުމުތަކުގެ ގުޅުން ވަރުގަދަވެ، އިތުރު ބާރެއް ލިބިފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ވަނީ ވިދާޅުވެފަ އެވެ. ޝާހިދުގެ މަސައްކަތްޕުޅުން އދ އާއި އާއްމު މުޖްތަމައުތަކުގެ ގުޅުން ވަރުގަދަވެގެން ގޮސްފައިވާ ކަންވެސް ރައީސް ފާހަގަކުރައްވާފައިވެ އެވެ.

އދ. ގެ އާންމު މަޖިލީހުގެ 76 ސެޝަންގެ ރިޔާސަތާއި ޝާހިދު ރަސްމީކޮށް ހަވާލުވެވަޑައިގެންފައި ވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 15 ވަނަ ދުވަހު އެވެ. މިހާރު އެ މަގާމުގެ ދައުރު ވަނީ ހަމަވެފަ އެވެ.

އދ. ރައީސް ކަމަށް ޝާހިދު އިންތިހާބުވީ އެކަމާ ގުޅޭ ކެމްޕޭނަށް ދިވެހި ދައުލަތުުން ކަނޑައެޅި 4.3 މިލިއަން ރުފިޔާގެ ބޮޑު ބަޖެޓުގެ ތެރެއިން ވަރުުގަދަ ކެމްޕޭނެއް ކުރައްވައިގެންނެވެ. އދ.ގައި ހިމެނޭ 193 ގައުމުގެ ތެރެއިން 143 ގައުމަކުން ޝާހިދުއަށް ވޯޓު ދެއްވާފައިވެ އެވެ.

އދ ގެ މަޖިލީސް މެދުވެރިކޮށް މުޅި ދުނިޔެއަށް އުންމީދު ގެނެސްދޭން ޖެހޭ ކަމަށް ދެކެވަޑައިގެން ޝާހިދުގެ ކެންޕެއިން ބިނާ ކުރެއްވީ "އުންމީދުގެ ރިޔާސަތު" އެ ނަމަށެވެ.