އަބްދުﷲ ޝާހިދު

އދގެ ރައީސްގެ ގޮތުގައި ޝާހިދުގެ ފަހުދަތުރުފުޅުގައި ގުޔާނާއަށް

Sep 10, 2022

އދ.ގެ އާންމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން އަބްދުﷲ ޝާހިދު ކުރައްވާ ފަހު ދަތުރުފުޅުގައި ގުޔާނާއަށް ވަޑައިގަންނަވައިފި އެވެ.

ޝާހިދުގެ މިދަތުރުފުޅުގައި ގުޔާނާގެ ރައީސް ޑރ. މުހައްމަދު އިރުފާން އާލީއާ ވަނީ ބައްދަލުކުރައްވާފަ އެވެ.

މިބައްދަލުކުރެއްވުމުގައި މައިގަނޑު ގޮތެއްގައި ދެ ބޭފުޅުން މަޝްވަރާ ކުރެއްވީ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމާއި، މޫސުމީ ބަދަލުތަކާއި، ދެމެހެއްޓެނިވި ތަރައްގީއާއި އދ. އަށް ގެންނަން ޖެހޭ ބަދަލުތަކާ ގުޅޭގޮތުންނެވެ.

ޝާހިދު ވަނީ ގުޔާނާ ސަރުކާރުގެ އިސް ބައެއް ވެރިންނާ ވެސް ބައްދަލުކުރައްވާފަ އެވެ.

މީގެއިތުރުން ގުޔާނާގައި ހުންނަ އދ.ގެ އޮފީހަށް ވަޑައިގެން އެތަނުގައި މަސައްކަތް ކުރައްވާ އދ.ގެ މުވައްޒަފުންނާ ވެސް ބައްދަލުކުރައްވާފަ އެވެ.

އަބްދުﷲ ޝާހިދު އދގެ އާންމު މަޖިލީހުގެ ރައީސް ކަމާ ހަވާލުވެވަޑައިގަތީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު 14 ވަނަ ދުވަހު އެވެ.

އދ.ގެ ރައީސްގެ ހައިސިއްޔަތުން ޝާހިދު މަސައްކަތް ފެއްޓެވީ "ޕްރެޒިޑެންސީ އޮފް ހޯޕް" ސްލޯގަންގެ ދަށުން ގައުމުތަކުގެ މައްސަލަތައް ދެނެގަނެ އެ ގައުމުތަކުގެ މައްސަލަތައް ހައްލުކޮށްދިނުމަށެވެ.