ގއ. ވިލިނގިލި މެޖިސްޓްރޭޓް ކޯޓުގެ ކުރީގެ މެޖިސްޓްރޭޓް އަހްމަދު ޝުކޫރުގެ މައްސަލައެއް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބެލުމަށްފަހު އޭނާގެ މައްސަލައެއް ޖޭއެސްސީން އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހުށަހަޅައިފި އެވެ.
ޖޭއެސްސީން ބުނީ ވިލިނގިލީ މެޖިސްޓްރޭޓް ކޯޓުން ވިމަސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ގާނޫނާ ހިލާފަށް ފައިސާތަކެއް ދޫކުރިކަމަށް ބުނާ މައްސަލައެއް މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު އެ ކޮމިޝަނަށް ހުށަހެޅުމުން އެ މައްސަލަ ކޮމިޝަނުން ދިރާސާ ކުރި ކަމަށެވެ.
އެކަމަކީ ވިލިނގިލީ މެޖިސްޓްރޭޓް ކޯޓުގެ ކުރީގެ މެޖިސްޓްރޭޓް އަހްމަދު ޝުކޫރު، ފަނޑިޔާރުކަމުގެ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ކަނޑައެޅިގެން ފާޅުކަން ބޮޑު ގޮތުގައި ފަރުވާލެއް ނެތި ގާނޫނާ ހިލާފަށް ހިންގާފައިވާ ކަމެއް ކަމުގައި ދިރާސާއިން ފާހަގަވެފައިވާ ކަމަށެވެ.
އަހްމަދު ޝުކޫރުގެ އެ އަމަލު ޖޭއެސްސީ އަށް ފާހަގަވީ އެ ކޮމިޝަނުން ދިރާސާކުރި އެހެން ސުލޫކީ މައްސަލަތަކެއް އޭނާއާ މެދު ސާބިތުވެ މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ކޮމިޝަނުން ނިންމުމާ ގުޅިގެން އަމިއްލައަށް މަގާމުން އޭނާ ވަކިވެފައި ވަނިކޮށް ކަމަށް ޖޭއެސްސީން ބުނެ އެވެ.
"އެހެންކަމުން މި ކޮމިޝަނުން މި މައްސަލާގައި ފާހަގަވި ކަންކަން ބަޔާންކޮށް އެކަންކަން ބަލައި ފިޔަވަޅު އަޅައިދިނުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަނަށް 2021 ވަނަ އަހަރު ޖެނުއަރީ މަހު ވަނީ ހުށަހަޅާފަ އެވެ." ޖޭއެސްސީން ބުނެފައިވެ އެވެ.