ސުޕްރީމް ކޯޓް

ސްޓޭޓް މިނިސްޓަރު ޑރ. ނަޒީރުގެ މައްސަލަ ސުޕްރީމް ކޯޓަށް

އެމްޑީޕީގެ ވެރިކަމުގައި ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ގާނޫނަށް ބަދަލު ގެނެސް ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު ކަމުގެ މަގާމުގައި އޭރު ހުންނެވި ހަޔާ އެޑިޔުކޭޝަން މިނިސްޓްރީގެ މިހާރުގެ ސްޓޭޓް މިނިސްޓަރު ޑރ. އަބްދުﷲ ނަޒީރު މަގާމުން ވަކިކުރި މައްސަލަ ޖޭއެސްސީ އިން ސުޕްރީމް ކޯޓަށް ހުށަހަޅައިފި އެވެ.

ޖޭއެސްސީގެ ރައީސްކަމުގެ މަގާމުގައި މިހާރު ހުންނެވި ގުރައިދޫ ދާއިރާގެ މަޖިލިސް މެންބަރު ހުސައިން ރިޒާ އަކީ ވެސް ޑރ. ނަޒީރު ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރަކަށް ހުންނެވިއިރު ނިންމެވި ނިންމެވުމަކާ ގުޅިގެން އޭރު ވަޒީފާ ގެއްލުނު ބޭފުޅެކެވެ.

ހުސައިން ރިޒާ ކުރިން ހުންނެވީ ކްރިމިނަލް ކޯޓުގެ، ކޯޓު އެޑްމިނިސްޓްރޭޓަރުގެ މަގާމު ގައެވެ.

ޖޭއެސްސީ އިން ސުޕްރީމް ކޯޓަށް ހުށަހެޅި ނަޒީރުގެ މައްސަލަ އަކީ އޭނާގެ މަގާމު ގެއްލުނުއިރު ހިދުމަތުގެ މުއްދަތު ގުނާފައިވަނީ މީގެކުރިން އަމަލު ކުރާ ގޮތާ ތަފާތުކޮށް ކަމަށާއި އެގޮތަށް އަމަލުނުކުރެވޭނެ ކަމަށް ބުނެ ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން ނިންމި މައްސަލަ އެވެ.

ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ އެ ނިންމުން ޖޭއެސްސީ އިން ކުރިން ހައިކޯޓުގައިވެސް އިސްތިއުނާފު ކުރި އެވެ. ނަމަވެސް ޖޭއެސްސީއަށް އެ މައްސަލަ ކާމިޔާބެއް ނުވި އެވެ.

ހައިކޯޓުން ޖޭއެސްސީ ބޭނުންވި ގޮތަށް ހުކުމް ނުލިބުމުން މިހާރު އެ މައްސަލަ އޮތީ ސުޕްރީމް ކޯޓަށް ހުށަހަޅާފަ އެވެ. ނަމަވެސް މައްސަލަ ބަލައިގަތުމާ މެދު ސުޕްރީމް ކޯޓުން އަދި ވަކި ގޮތެއް ކަނޑައަޅާފައެއް ނުވެ އެވެ.

ކުރީގެ ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު ޑރ. އަބްދުﷲ ނަޒީރު މިވަގުތު ސްޓޭޓް މިނިސްޓަރެއްގެ ގޮތުގައި ހުންނެވިއިރު ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައިވެސް އޭނާ ހުންނެވީ ސްޓޭޓް މިނިސްޓަރަކަށެވެ. ޑރ. ނަޒީރު، ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރަކަށް ހަމަޖެއްސީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ގޮތުގައި އަބްދުﷲ ސައީދާއި، އަލީ ހަމީދުމެން ތިއްބެވި ދުވަސްވަރު އެވެ. އޭރު އޮންނަ ގޮތުން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ އިދާރީ ހިންގުމުގެ އެންމެ އިސް ވެރިޔާ ނުވަތަ ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރަކީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން އައްޔަންކުރައްވާ ބޭފުޅެކެވެ.

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އަކީ ޝަރުއީ ދާއިރާގެ އާންމު އިދާރީ އެންމެހައި ކަންތައްތައް އިންތިޒާމުކޮށް ބެލެހެއްޓުމުގެ މަސްއޫލިއްޔަތު މަތިކޮށްފައިވާ އިދާރާ އެވެ. ޖޭއެސްސީގެ ގާނޫނަށް އެމްޑީޕީގެ ވެރިކަމުގައި އިސްލާހު ގެނައުމުގެ ކުރިން ޑީޖޭއޭ އަކީ ސީދާ ޖޭއެސްސީއަށް ބާރު ހިންގޭ ގޮތަށް އޮތް ތަނެއް ނޫނެވެ. ނަމަވެސް ގާނޫނަށް ގެނައި އިސްލާހަށްފަހު ޑީޖޭއޭ އަކީ ޖޭއެސްސީގެ ދަށުން ހިންގާ ތަނަކަށް ވަނީ ހަދާފަ އެވެ.

ޖޭއެސްސީ އިން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ އަސްލު މައްސަލައަކީ، ޖޭއެސްސީގެ ގާނޫނަށް ރައްޔިތުންގެ މަޖިލީހުން ގެނައި އިސްލާހުތަކާއި އެކު ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަގާމު ޑރ. ނަޒީރަށް ގެއްލުމުން، އޭނާއަށް ރިޑަންޑަންސީގެ އިނާޔަތްތައް ކަނޑައެޅުމުގައި އަމަލުކުރި ގޮތާމެދު ހިތްހަމަ ނުޖެހިގެން ޑރ. ނަޒީރު ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ހުށަހެޅި މައްސަލަ އެވެ.