ސުޕްރީމް ކޯޓް

މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ ހުށަހެޅުއްވި މައްސަލަ ސުޕްރީމް ކޯޓުން ބަލައިނުގަތް

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)ގެ ޑިރެކްޓާ ޖެނެރަލްގެ މަގާމު ދީފައި ނުވާތީ ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ބަލައިނުގަތުމަށް ނިންމައިފި އެވެ.

އެމްއެފްޑީއޭގެ ޑިރެކްޓާ ޖެނަރަލްގެ މަގާމަށް ސާޖިދާ ހަމަޖައްސަން ހެލްތު މިނިސްޓްރީން 2020 ވަނަ އަހަރު ނިންމުމަށްފަހު ވަޒީފާ އެގޮތަށް ހަމަޖައްސައިދީފައެއް ނުވެ އެވެ. ސަރުކާރުން ފަހުން ވަނީ އިދާރީ އޮނިގަނޑަށް ބަދަލު ގެންނަން ބޭނުންވާ ކަމަށް ބުނެ އެ މަގާމަށް މީހަކު ހޯދުމަށް އަލުން އިއުލާންކޮށްފަ އެވެ.

ސަރުކާރުން މިގޮތަށް އަމަލުކުރުމާ ގުޅިގެން ސާޖިދާ ވަނީ ސަރުކާރުގެ ނިންމުން ބާތިލްކޮށް އޭނާއަށް ވަޒީފާ ދިނުމަށް އަމުުރުކޮށްދިނުމަށް އެދިވަޑައިގެން ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް މައްސަލަ ހުށަހަޅުއްވާފަ އެެވެ. އެކަމަކު ސާޖިދާ އެދިވަޑައިގެންނެވި ގޮތަށް އަމުރު ނެރެދެވެން ނެތް ކަމަށް އެތަނުން ކަނޑައެޅި އެވެ.

ޓްރައިބިއުނަލްގެ ނިންމުން ސާޖިދާގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފް ކުރުމުން ހައިކޯޓުން ނިންމީ މައްސަލަ ބަލައިނުގަތުމަށެވެ. ހައިކޯޓުން ނިންމުން ސުޕްރީމް ކޯޓަށް ހުށަހެޅުއްވުމުން އެ ކޯޓުން ވެސް މިދިޔަ ހަފްތާގައި ނިންމާފައިވަނީ ހައި ކޯޓުގެ ނިންމުން ރަނގަޅު ކަމަށެވެ.

ސާޖިދާ ކޯޓަށް ހުށަހެޅުއްވި މައްސަލައިގައި ވިދާޅުވެފައިވަނީ އޭނާއަށް އެމްއެފްޑީއޭގެ ޑިރެކްޓާ ޖެނަރަލްގެ މަގާމު ސަރުކާރުން ނުދިނީ އޭނާއަކީ ޑރ. މުއިއްޒުގެ އަނބިކަނބަލުންނަށް ވާތީ ތަފާތުކޮށްގެން ކަމަށެވެ. ނަމަވެސް ސުޕްރީމް ކޯޓުން ވަނީ ތަފާތު ކުރި ގޮތް ސާޖިދާއަށް ވިދާޅުވެ ދެއްވިފައި ނެތް ކަމަށް ކަނޑައަޅާފަ އެވެ.

ސުޕްރީމް ކޯޓުން މިމައްސަލަ ނިންމާފައިވަނީ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުންނެވެ. ފަނޑިޔާރުންގެ ބެންޗުގައި ތިއްބެވީ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު އައިޝާ ޝުޖޫންގެ އިތުރުން ފަނޑިޔާރު އަލީ ރަޝީދު ހުސައިން އެވެ.