ހަބަރު

ބީރުވި މައްސަލާގައި ހަތް މިލިއަންގެ ބަދަލެއް ދޭން ހުކުމްކޮށްފި

ތިން އަހަރުގެ އަންހެން ކުއްޖަކަށް ގދ. ތިނަދޫ ހޮސްޕިޓަލުން ދިން ބޭހަކާ ގުޅިގެން އޭނާގެ ކަންފަތުގެ އިވުން ގެއްލި ބީރުވި މައްސަލާގައި 7.1 މިލިއަން ރުފިޔާ ބަދަލުގެ ގޮތުގައި ދިނުމަށް ދައުލަތުގެ މައްޗަށް މިއަދު ސުޕްރީމް ކޯޓުން ހުކުމްކޮށްފި އެވެ.

މިކަން ހިނގާފައިވަނީ 2007 ވަނަ އަހަރުގެ ތެރޭގަ އެވެ. މައްސަލަ ސުޕްރީމް ކޯޓުން ނިންމާފައިވަނީ ދަރިފުޅުގެ ހައްގުގައި އިންސާފު ހޯދުމަށް ކުއްޖާގެ ބައްޕަ ހިނގާތާ އެތައް އަހަރެއް ފަހުންނެވެ. މައްސަލާގައި ދައުލަތާ ދެކޮޅަށް އޭރުގެ މަދަނީ ކޯޓުގައި ދައުވާކުރީ ކުއްޖާގެ ބައްޕަ ގދ. ފަރެސް، ހަނދުވަރީގެ އަހުމަދު އިހުސާން އެވެ.

ބަދަލު ނަގައިދިނުމަށް އޭނާ ހުށަހެޅި މައްސަލާގައި މަދަނީ ކޯޓުން ހުކުމްކުރީ ދައުލަތާ އެއްކޮށެވެ. އެ ހުކުމް، އިހުސާން ހައިކޯޓުގައި އިސްތިއުނާފުކުރުމުން އެ ކޯޓުން ވެސް މައްސަލަ ނިންމީ ބަދަލު ނަގައިދޭނެ ތަނެއް ނެތް ކަމަށެވެ. ދައުލަތުން ބުނަނީ އެ މައްސަލާގައި ކުއްޖާ ބެލި ޑޮކްޓަރުގެ އިހުމާލެއް ނެތް ކަމަށެވެ.

ތިނަދޫ ހޮސްޕިޓަލަށް ތިން އަހަރުގެ ކުއްޖާ ގެންދިޔައީ ހުން އައިސް، އަތް ދުޅަވާތީ އެވެ. އެ ހޮސްޕިޓަލުން ކުއްޖާއަށް އެޓެންޑްވީ ޑރ. ޕައުލް ކިޔާ ޑޮކްޓަރެކެވެ. އޭނާ ވަނީ ކުއްޖާއަށް ޖެންޓަމައިސިން ކިޔާ އެންޓިބައޮޓިކެއް ދީފަ އެވެ. އެ ބޭހަކީ އިންފެކްޝަންތަކާ ގުޅިގެން ވަރަށް އާންމުކޮށް ދީ އުޅޭ ބޭހެކެވެ. ނަމަވެސް އެ ބޭހުގައި ސީރިއަސް ސައިޑް އިފެކްޓްސްތަކެއް ހުރެ އެވެ. އެގޮތުން ވަކި ވައްތަރެއްގެ ޖީންއެއްގެ ހުންނަ މީހުންނަށް ރަނގަޅު މިންވަރަށް ބޭސް ދޭ ހާލަތުގައި ވެސް އިވުން ގެއްލުމުގެ ބިރު އޮވެ އެވެ. އެއީ 17 ޕަސެންޓް މީހުންނެވެ.

ނަމަވެސް ލަންކާއިން ހެދި ކުއްޖާގެ ޓެސްޓަކުން ދައްކާ ގޮތުގައި އޭނާއަކީ އެ ޖީންގެ ކުއްޖެއް ނޫނެވެ. އެހެންވީއިރު އޭނާއަށް ރަނގަޅަށް ބޭސް ދީފައިވާ ހާލަތުގައި އިވުން ގެއްލުމަކީ ނެތް ހާލަތެއްކަން ޝަރީއަތުގައި ވަނީ ފާހަގަކޮށްފަ އެވެ. މި މައްސަލާގައި ހަދާފައިވާ އެސްޕާޓް ރިޕޯޓްގައިވާ ގޮތުން ކުއްޖާއަށް ބޭސް ދީފައިވަނީ ރަނގަޅު މިންވަރަށެވެ. ނަމަވެސް ބޭސް ދީފައިވަނީ ގޯސްކޮށް ކަމަށް ކުއްޖާ، މާލެ ގެނެސް ދެއްކި ޑޮކްޓަރު ބުނެފައިވާ ކަމަށް ބައްޕަ ވަނީ ބުނެފަ އެވެ. އޭގެ ލިޔުންތައް ވެސް ހުށަހެޅި އެވެ.

އެ ބޭސް ދޭން ޖެހެނީ ބަރުދަން ބެލުމަށްފަހު ކަމާއި ބަރުދަނާ ނުގުޅޭ ވަރަށް ޑޯސް މަތިކޮށްފިނަމަ އޭގައި ގެއްލުމެއް ވެދާނެ ކަމަށް ދިރާސީ ރިޕޯޓްތަކުގައިވެ އެވެ.

މައްސަލާގައި މިއަދު ސުޕްރީމް ކޯޓުން އިއްވި ހުކުމްގައި ފާހަގަކުރި ގޮތުގައި ކުއްޖާ ހޮސްޕިޓަލަށް ގެންދިޔުމުން އޭނާއަށް ޖެންޓަމައިސިން ދޭން ޑޮކްޓަރު އިރުޝާދުދީފައިވަނީ ކުއްޖާގެ ބަރުދަން ބެލުމެއް ނެތިކަން އެނގެން އޮވެ އެވެ. އެއީ އެއްވެސް ރިކޯޑެއްގައި އޭނާގެ ބަރުދަން އައިސްފައިނުވާތީ އެވެ. އޭގެއިތުރުން އެ ބޭހާ ގުޅޭ މައުލޫމާތާއި ބޭސް ދޭންވީ ގޮތުގެ އިރުޝާދު ބެލެނިވެރިންނާ ހިއްސާކޮށްފައިނުވާކަން ވެސް އެނގޭ ކަމަށެވެ.

ބެކްޓީރިއާ އިންފެކްޝަނަށް ޖެންޓަމައިސިން ޑޮކްޓަރު ދީފައިވާއިރު ކުއްޖާގެ އިއްވުން ގެއްލެން ފެށީ އޭގެ ފަހުންނެވެ. އެކަން ބެލެނިވެރިންނަށް ފާހަގަވެގެން ޑޮކްޓަރުގެ ސަމާލު ކަމަށް ގެނައުމުން އެ ބޭސް ދިނުން ހުއްޓާލިކަން އެނގެން ވެސް އޮވެ އެވެ. ކުއްޖާގެ އޮޕަރޭޝަނެއް ވެސް ތިނަދޫ ހޮސްޕިޓަލްގައި ކުރި އެވެ. އެއީ އޭނާގެ އަތުގެ ހަމުގެ ދޭތެރޭގައި ދޮސް ހުރި ކަމަށް ޑޮކްޓަރަށް ބެލެވޭތީ އެވެ. ނަމަވެސް އޮޕަރޭޝަންކޮށް ނެގި ސާންޕަލްތަކުން ދޮސް ފެނިފައިނުވާ ކަމަށް ރިޕޯޓްތަކުގައިވެ އެވެ. ނަމަވެސް އޭގެ ޓެސްޓްތަކެއް ހެދި ކަމެއް އަދި އޭގެ ފަހުން ކުއްޖާގެ ލޭގެ ޓެސްޓްތަކެއް ވެސް ހަދާފައިވާ ކަމެއް ފެންނަން ނެތްކަން ވެސް ހުކުމްގައި ފާހަގަކުރި އެވެ. އެހެންވީއިރު މި މައްސަލާގައި ޑޮކްޓަރުން އަމަލު ކުރަން ޖެހޭ ޕްރޮފެޝަނަލް މިންގަނޑުތަކާ އެއްގޮތަށް އަމަލުކޮށްފައިވާ ކަމަށް ގަބޫލު ނުކުރެވޭ ކަމަށް ހުކުމްގައި ކަނޑައެޅި އެވެ.

ކުއްޖާގެ އޮޕަރޭޝަނަށްފަހު ހާލު ރަނގަޅުވާން ފެށުމުން އޭނާ އެ ހޮސްޕިޓަލުން ދޫކޮށްލި އެވެ. އެކަމަކު، އޭނާގެ އިއްވުމުގެ މައްސަލަތަކެއް ހުރުމުން ކަރުން މަތީގެ ޑޮކްޓަރަށް ދެއްކުމަށް ލަފާ ދީފައި އޮތެވެ. މައްސަލައެއް ނޫޅޭނަމަ އެ ލަފާ ދޭން ޖެހޭ ސަބަބެއް ނެތް ކަމަށް ޝަރީއަތުގެ މަޖިލީހުގައި އިހުސާން ސުވާލު އުފައްދާފައިވެ އެވެ.

މިފަދަ މައްސަލައެއްގައި ސުޕްރީމް ކޯޓުން އިއްވި ފުރަތަމަ ހުކުމްގައި ބުނި ގޮތުގައި ސިއްހީ އިހުމާލުގެ މައްސަލަތަކުގައި ތިން ރުކުނެއް ސާބިތުވާން ޖެހެ އެވެ. އެއީ ބަލި މީހާއަށް ޑޮކްޓަރުގެ އޮތް މަސްއޫލިއްޔަތާއި ބަލި މީހާއަށް ލިބުނު ގެއްލުމާއި ބަލި މީހާއާ މެދު ދިމާވި އިހުމާލަކީ ޑޮކްޓަރުގެ ފަންނީ ކުށެއްގެ ސަބަބުން ދިމާވާ ކަމަކަށްވުމެވެ. އެ ރުކުންތައް ފުރިހަމަވާނަމަ، ޑޮކްޓަރު ނުވަތަ އިހުމާލުވި އިދާރާއަކުން އެކަމުގެ މަސްއޫލިއްޔަތު މަދަނީ އާންމު އުސޫލުގެ ތެރެއިން އުފުލަން ޖެހޭނެ އެވެ. މި މައްސަލާގައި އެ ރުކުންތައް ފުރިހަމަވާ ކަމަށް ހުކުމްގައިވެ އެވެ. އެހެންވެ، ހޮސްޕިޓަލް ހިންގާ، ހެލްތް މިނިސްޓްރީ މިކަމުގެ ޒިންމާ އުފުލަން ޖެހޭނެ ކަމަށެވެ.

އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އިއްވެވި ހުކުމްގައި ބުނީ ޖެންޓަމައިސިންގެ ގިނަ ބޭސްތަކެއް ގަނެފައިވާކަން ބޭސް ސިޓީތަކުން އެނގޭ ކަމާއި އެ ބޭސްތަކުގެ ތެރެއިން އެއް ބައި ބޭސް ކުއްޖާއަށް ދީފައިވާއިރު ބާކީ ހުރި ބޭސްތަކަށް ހެދި ގޮތެއް ވެސް ސާފު ނުވާ ކަމަށެވެ. މީގެއިތުރުން ހޮސްޕިޓަލްގެ ލިޔުންތައް ވެސް ބަދަލުކޮށްފައިވާކަން އެނގޭކަން ފާހަގަކުރި އެވެ.

މައްސަލާގައި ލިޔުންތައް ފަހުން ބަދަލުކޮށްފައިވާ ކަމަށް ޝައްކު ކުރެވިގެން އެ ލިޔުންތައް ވަނީ ފުލުހަށް ފޮރުވައިގެން ތަހުލީލުކޮށްފަ އެވެ. ފުލުހުންގެ ރިޕޯޓްގައި ވެސް ވާ ގޮތުން ލިޔުންތައް ވަނީ ޓިޕެކްސް ޖަހައިގެން ބަދަލުކޮށްފަ އެވެ. އެގޮތުން ބައެއް ތާރީހުތަކާއި ކުއްޖާގެ ނަމާއި އެނދުގެ ނަންބަރުގައި ޓިޕެކްސް ޖަހައި އެ މައުލޫމާތުތައް އަލުން ލިޔެފައިހުރިކަން ސާބިތުވެ އެވެ.

ދަށު ކޯޓުގައި ކުއްޖާ ބެލި ޑރ. ޕައުލް އާއި އޮޕަރޭޝަން ކުރި ޑރ. ޕްރަޝާދާއި ކުއްޖާއަށް އެޓެންޑްވި ނަރުހުންގެ ހެކި ބަހުގައި ވެސް ފުށުއެރުންތަކެއް ހުރިކަން ހުކުމްގައިވެ އެވެ. އެގޮތުން ކުއްޖާއަށް ޖެންޓަމައިސިން ދިނުން ހުއްޓާލި ދުވަސް، ތިން މީހުންގެ ހެކި ބަހުގައި ވެސް ތަފާތުކަން ފާހަގަކޮށްފައިވެ އެވެ.

އެހެންވީއިރު އެ ހެކިތަކާއި ސައްހަކަން ގެއްލިފައިވާ ލިޔުންތަކަކަށް ރިއާޔަތްކޮށް ޑޮކްޓަރުގެ އިހުމާލެއް ނެތް ކަމަށް މަދަނީ ކޯޓުންނާއި ހައިކޯޓުން ކަނޑައަޅާފައިވަނީ ގާނޫނީ އަދި ޝަރުއީ ހަމަތަކާ ހިލާފަށް ކަމަށް ސުޕްރީމް ކޯޓުގެ ހުކުމްގައި ކަނޑައެޅި އެވެ.

ކުއްޖާ އެ ހޮސްޕިޓަލަށް ގެންދިޔައިރު އެ ކުއްޖާގެ އިވުމުގައި އެއްވެސް މައްސަލައެއް ނެތްކަން އެނގެން އޮތްއިރު ކުއްޖާގެ އިވުން ގެއްލިގެން ދިޔައީ ޖެންޓަމައިސިން ދިނުމުގެ ސަބަބުން ނޫން އެހެން ސަބަބެއް މެދުވެރިވެގެންކަން ދައުލަތަށް ސާބިތުކޮށް ދެވިފައިނެތްކަން އިތުރަށް ހުކުމްގައި ފާހަގަކުރި އެވެ. އަދި، ކުއްޖާއަށް ރަނގަޅު މިންވަރަށް ބޭސް ދިން ހާލަތުގައި ވެސް އިވުން ގެއްލިދާނެ ކަމަށް ބެލެވެން ހާލަތު ވެސް ލަންކާއިން ހެދި ރިޕޯޓްގެ ސަބަބުން ނަފީވެފައިވާ ކަމަށް ހުކުމްގައިވެ އެވެ.

މި މައްސަލާގައި ދަރިފުޅަށް ލިބުނު ގެއްލުމުގެ ބަދަލު އިހުސާން، 7.1 މިލިއަން އަގުކޮށްފައިވަނީ އިވުން ގެއްލުމުގެ ސަބަބުން ދަރިފުޅަށް ލިބުނު ނަފްސާނީ ގެއްލުމާއި އާމްދަނީ ހޯދުމުގެ ދޮރު ބަންދުވުމާއި އިޔަރިން އެއިޑަށް ކުރަން ޖެހުނު އޮޕަރޭޝަނާއި އެއަށް ކޮންމެ އަހަރަކު ހަރަދުވާ އަދަދަށް ބެލުމަށްފަހު އެވެ. އެ އަދަދު އޭނާ ހުށަހަޅާފައިވަނީ ކަމާބެހޭ ފަރާތްތަކުގެ އެސްޓިމޭޓްތަކާ އެއްގޮތަށެވެ. އެހެންވެ އެ އަދަދަކީ ޝަރީއަތަށް ގަބޫލު ކުރެވޭ ބަދަލެއް ކަމަށް ސުޕްރީމް ކޯޓުގައި މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންނަށް ވެސް އިއްތިފާގުވެވުނެވެ. އެހެންވެ، ހުކުމް އިއްވީ އިހުސާން އެދިފައިވާ ގޮތަށް އޭނާގެ ދަރިފުޅުގެ އިއްވުން ގެއްލުނީ ހޮސްޕިޓަލްގެ އިހުމާލު އޮވެގެން ކަމަށް ކަނޑައަޅައި ބަދަލުގެ ގޮތުގައި ޖުމްލަ 7.1 މިލިއަން ރުފިޔާ ދޭން ދައުލަތުގެ މައްޗަށް އަމުރުކުރުމަށެވެ.

އުއްތަމަ ފަނޑިޔާރުގެ އިތުރުން ދެން މި މައްސަލާގެ ބެންޗުގައި ތިއްބެވީ ފަނޑިޔާރު އަބްދުﷲ އަރީފާއި ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ އެވެ.