ސުޕްރީމް ކޯޓް

ދީބާޖާ މައްސަލަ: ދެން އޮތީ ހުލާސާ ބަޔާން އިއްވުން

ދީބާޖާ އިންވެސްޓްމެންޓަށް ލިބުނު ގެއްލުމުގެ ބަދަލަށް 348 މިލިއަން ރުފިޔާ ދިނުމުގެ މައްސަލައިގައި ސުޕްރީމް ކޯޓުގައި ދެން އޮންނާނީ ދެފަރާތުން ހުލާސާ ބަޔާން އިއްވުމެވެ.

މި މައްސަލަ ތިން ވަނަ ފަހަރަށް ސުޕްރީމް ކޯޓުގައި ފަށައިފައިވާއިރު މިއަދު ކުރިއަށް ގޮސްފައި ވަނީ ދައުލަތުގެ ފަރާތުން ރައްދު ދިނުމެވެ.

ދީބާޖާގެ ފަރާތުން ހުށަހަޅާފައިވާ އިސްތިއުނާފީ ނުކުތާކަކަށް ދައުލަތުގެ ފަރާތުން ރައްދުދެމުން، އެކުންފުންޏާ އެކީ އެއްބަސްވުމަށް ދިއުމާ ހަމައިން ފެށިގެން އެއްބަސްވުން ބާތިލުކުރަން ޖެހުމާ ހަމައަށް ކަން ހިނގާ ދިޔަ ގޮތް ވަނީ ކިޔައިދީފަ އެވެ. އެއްބަސްވުން ބާތިލުކޮށްފައިވަނީ ފެރީގެ ހިދުމަތް މެދުކެނޑުމަށްފަހު ހިދުމަތް ނުލިބޭ ކަމަށް ތަކުރާރުކޮށް ޓްރާންސްޕޯޓް މިނިސްޓްރީއަށް ޝަކުވާ ލިބުމުން އެތައް ލުޔެއް އެކުންފުންޏަށް ދިނުމަށްފަހުގައި ކަމަށް ދައުލަތުން ބުނެ އެވެ. އަދި ހިދުމަތް ފެށުމަށް އެތައް ފުރުސަތެއް ދިނުމުން ވެސް އެކަން ކޮށްފައި ނުވާތީ ކަމަށް ދައުލަތުން ވަނީ ބުނެފަ އެވެ.

ފެރީގެ ހިދުމަތް ނުދީ އެއްބައި ރަށްރަށުގައި 45 ދުވަހަށް ވުރެ ގިނަ ދުވަސް އަދި ބައެއް ރަށްރަށުގައި ހަ މަހަށް ވުރެ ގިނަ ދުވަސް ދީބާޖާއިން ހޭދުކުރި ކަމަށް ދައުލަތުން މިއަދު ސުޕްރީމް ކޯޓުގައި ބުންޏެވެ.

ދައުލަތުން އިތުރަށް ބުނެފައިވަނީ ހައިކޯޓުން މައްސަލަ ނިންމުމުގައި ގާނޫނީ ގޯހެއް ހަދައިފައި ނުވާ ކަމަށެވެ. އަދި އެއްބަސްވުން އުވާލުމުގައި ކޮންޓްރެކްޓާ ބެހޭ ގާނޫނުގެ އެއްވެސް މާއްދާއަކާ ހިލާފުވެފައި ނުވާކަން ހައިކޯޓުގައި ސާބިތުކޮށްދީފައިވާނެ ކަމަށެވެ.

ދީބާޖާއިން ގެއްލުމުގެ ބަދަލުގެ ގޮތުގައި ހިސާބު ޖަހައިފައިވަނީ އެއްވެސް ފަންނީ މާހިރެއް އަދި ގަބޫލުކުރެވޭ އިދާރާއަކާ ވެސް ހަވާލާދިނުމެއް ނެތި އެކުންފުނިން އަމިއްލައަށް ކަމަށް ދައުލަތުން ބުނެ އެވެ. ދީބާޖާއިން ފެރީގެ ހިދުމަތް ދިނުމަށް ވަރަށް ބޮޑު ހަރަދެއް ކުރި ކަމަށް ބުނި ނަމަވެސް އެ ހަރަދުތަކުގެ ތަފްސީލް އެނގޭނެ އެއްވެސް ލިޔެކިޔުމެއް ކޯޓުތަކުގެ އެއްވެސް މަރުހަލާއަކަށް ހުށަހަޅާފައި ނުވާ ކަމަށް ދައުލަތުން ފާހަގަކޮށްފައިވެ އެވެ. ދައުލަތުން ބުނީ ދީބާޖާ އިން އަމިއްލަ އަށް ޖަހައިފައި ހުރި ހިސާބުތަކެއްގެ މައްޗަށް ރިއާޔަތްކޮށް ބަދަލު ނަގައި ނުދެވޭނެ ކަމަށެވެ.

ދައުލަތުގެ ވާހަކަތަކަށް ރައްދު ދެމުން ދީބާޖާ އިން ބުނީ އެއްބަސްވުން ބާތިލުކުރޭވޭނެ ހާލަތެއް ކަމަށް ހެދުނު އެއްބަސްވުމުގައި ވަނީ ހިދުމަތްދޭ ބޮޑު ބަޔަކަށް ނުވަތަ ހިދުމަތް މެދުކެނޑުމުން ކަމަށެވެ. ހަމައެކަނި ތުޅާދޫގެ ހިދުމަތް ނުވަތަ ބ އަތޮޅުގެ ފެރީގެ ހިދުމަތް މެދުކެނޑިގެން އެއްބަސްވުން އުވައިނުލެވޭނެ ކަމަށެވެ. ފެރީ އަކީ ކަނޑުގައި ދުއްވާ އެއްޗެއް ކަމަށާއި ކަނޑުގަދަ ދުވަސްވަރު ދަތުރު ނުކުރެވޭނެ ކަމަށްވެސް އެ ކުންފުނީގެ ފަރާތުން ވަކީލް ވަނީ ފާހަގަކުރައްވާފަ އެވެ.

ދީބާޖާއިން ބުނީ އެކުންފުޏަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި 348 މިލިއަން ރުފިޔާ ނަގައިދޭން ސިވިލް ކޯޓުން ހުކުމްކޮށްފައިވަނީ ހަދައިފައިވާ އޮޑިޓްތަކަށް ބިނާކޮށް ކަމަށާއި އެކަން ދައުލަތުން ގަސްދުގައި އޮޅުވައިލާން މަސައްކަތްކުރާ ކަމަށެވެ. ނަމަވެސް ދައުލަތުން ވަނީ އެކަމަށް ދެކޮޅު ހަދައިފަ އެވެ.

މި މައްސަލައިގައި ދެން އޮންނާނީ ޝަރީއަތުން ކުރަން ބޭނުންވާ ސުވާލުތައް ދެފަރާތާއި ކުރުމަށްފަހު މައްސަލައިގެ ހުލާސާ ބަޔާން އިއްވުން ކަމަށް ރިޔާސަތުގައި އިންނެވި ފަނޑިޔާރު އަލީ ރަޝީދު ހުސައިން ވިދާޅުވި އެވެ.

ނ. އަތޮޅާއި ރ. އަތޮޅާއި ބ. އަތޮޅު އަދި ޅ. އަތޮޅުގެ ދަތުރުފަތުރުގެ ހިދުމަތް ދިނުމަށް ދީބާޖާ އިންވެސްޓްމަންޓް ކުންފުންޏާ ހަވާލުކުރީ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި 2010 ވަނަ އަހަރު އެވެ. ނަމަވެސް އެ އެއްބަސްވުމުގެ ދަށުން އޭރުގެ ޓްރާންސްޕޯޓް މިނިސްޓްރީން ފުރިހަމަކޮށް ދޭން ޖެހޭ ކަންކަން ފުރިހަމަ ނުކޮށް 2013 ވަނަ އަހަރު އެއްބަސްވުން ވަނީ ބާތިލު ކޮށްފަ އެވެ.

އެ އެއްބަސްވުން ބާތިލުކުރުމުން، ދީބާޖާއިން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގައި ގެއްލުމުގެ ބަދަލަށް ދައުލަތުން އެ ކުންފުންޏަށް 348 މިލިއަން ރުފިޔާ ދިނުމަށް ހުކުމްކުރި އެވެ. އެ ހުކުމް ހައިކޯޓުގައި އިސްތިއުނާފް ކުރުމުން މައްސަލަ ނިންމާފައިވަނީ ސިވިލް ކޯޓުގެ ހުކުމް ބާތިލުކުރުމަށެވެ.

އޭގެ ފަހުން އެ މައްސަލަ ހިފައިގެން ދީބާޖާއިން ފުރަތަމަ ފަހަރަށް ސުޕްރީމް ކޯޓަށް ދިއުމުން 2019 ވަނަ އަހަރު ސުޕްރީމް ކޯޓުން ވަނީ ދައުލަތުން ދީބާޖާ އަށް ބަދަލު ދިނުމަށް ހުކުމްކޮށްފަ އެވެ. ނަމަވެސް ދައުލަތުން އެ ހުކުމް އަލުން ދިރާސާކުރުމަށް ހުށަހެޅުމުން ފަހުން ސުޕްރީމް ކޯޓުން ނިންމީ އެ ކޯޓުގެ ކުރީގެ ހުކުމް ބާތިލު ކުރުމަށެވެ. އެކަމަކު ދީބާޖާގެ މައްސަލާގައި ހައިކޯޓުގެ ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމަށް ފުރުސަތު ދީފައިވެ އެވެ. އެހެންކަމުން ހައިކޯޓުން ސިވިލް ކޯޓުގެ ހުކުމް ބާތިލުކޮށްފައިވާ މައްސަލަ ދީބާޖާގެ ފަރާތުން ތިންވަނަ ފަހަރަށް ސުޕްރީމް ކޯޓުގައި ވަނީ އިސްތިއުނާފްކޮށްފަ އެވެ. މިހާރު ކުރިއަށް އެދަނީ އެ އަޑުއެހުންތަކެވެ.