ދީބާޖާ މައްސަލަ

ދީބާޖާ އެއްބަސްވުން ބާތިލްކުރީ ގޯސްކޮށް: ހުކުމް

Oct 9, 2022
2

ފެރީގެ ހިދުމަތް ދިނުމަށް ދީބާޖާ އިންވެސްޓްމަންޓާ އެކީ ޓްރާންސްޕޯޓް މިނިސްޓްރީން ހެދި އެއްބަސްވުން ސަރުކާރުން ބާތިލްކުރި ގޯސްކޮށް ކަމަށް ކަނޑައަޅައި އެ ކުންފުންޏަށް ބަދަލު ދޭން ޖެހޭ ކަމަށް ސުޕްރީމް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

ނ. އަތޮޅާއި ރ. އަތޮޅާއި ބ. އަތޮޅު އަދި ޅ. އަތޮޅުގެ ދަތުރުފަތުރުގެ ހިދުމަތް ދިނުމަށް ދީބާޖާ އިންވެސްޓްމަންޓް ކުންފުންޏާ ހަވާލުކުރީ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި 2010 ވަނަ އަހަރު އެވެ. ނަމަވެސް 2013 ވަނަ އަހަރު އެއްބަސްވުން ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ބާތިލްކޮށްފައި ވަނީ އެ އެއްބަސްވުމުގެ ދަށުން އޭރުގެ ޓްރާންސްޕޯޓް މިނިސްޓްރީން ފުރިހަމަކޮށްދޭންޖެހޭ ކަންކަން ފުރިހަމަ ނުކޮށް ކަމަށް ދީބާޖާއިން ބުނެ އެވެ.

އެއްބަސްވުން ބާތިލުކުރުމުން، ދީބާޖާއިން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގައި ގެއްލުމުގެ ބަދަލަށް ދައުލަތުން އެ ކުންފުންޏަށް 348 މިލިއަން ރުފިޔާ ދިނުމަށް ހުކުމްކުރި އެވެ. އެ ހުކުމް ހައިކޯޓުގައި ދައުލަތުން އިސްތިއުނާފް ކުރުމުން މައްސަލަ ނިންމާފައިވަނީ ސިވިލް ކޯޓުގެ ހުކުމް ބާތިލުކުރުމަށެވެ.

އޭގެ ފަހުން އެ މައްސަލަ ހިފައިގެން ދީބާޖާއިން ފުރަތަމަ ފަހަރަށް ސުޕްރީމް ކޯޓަށް ދިއުމުން 2019 ވަނަ އަހަރު ސުޕްރީމް ކޯޓުން ވަނީ ދައުލަތުން ދީބާޖާއަށް ބަދަލު ދިނުމަށް ހުކުމްކޮށްފަ އެވެ. ހުކުމްކުރުމުގެ ބަދަލުގެ އަދަދު 174 މިލިއަން ރުފިޔާއަށް ދައުލަތާއި ދީބާޖާ މަޝްވަރާކޮށް ނިންމި އެވެ.

ނަމަވެސް ދައުލަތުން އެ ހުކުމް އަލުން ދިރާސާކުރުމަށް ހުށަހެޅުމުން ފަހުން ސުޕްރީމް ކޯޓުން ނިންމީ އެ ކޯޓުގެ ކުރީގެ ހުކުމް ބާތިލު ކުރުމަށެވެ. އެކަމަކު ދީބާޖާގެ މައްސަލާގައި ހައިކޯޓުގެ ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމަށް ފުރުސަތު ދީފައިވެ އެވެ. އެހެންކަމުން ހައިކޯޓުން ސިވިލް ކޯޓުގެ ހުކުމް ބާތިލުކޮށްފައިވާ މައްސަލަ ދީބާޖާގެ ފަރާތުން ތިންވަނަ ފަހަރަށް ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމުން މިއަދު ސުޕްރީމް ކޯޓުން ގޮތް އެ ނިންމީ އެ މައްސަލައިގަ އެވެ.

މައްސަލައިގެ ޝަރުއީ މަރުހަލާތައް މި ނިމުނީ ކޯޓަށް ހުށަހެޅިތާ ހަ އަަހަރު ފަހުންނެވެ.

ސުޕްރީމް ކޯޓުގެ މިއަދުގެ ހުކުމްގައި ދީބާޖާގެ އެއްބަސްވުން ސަރުކާރުން ބާތިލްކުރި ގޮތް ގޯސްކަމަށް ކަނޑައަޅާފައިވާއިރު ދީބާޖާއަށް ބަދަލުގެ ގޮތުގައި ނަގައިދިނުމަށް ކޯޓުގައި އެދިފައިވާ 348 މިލިއަން ރުފިޔާ ދިނުމަށް ސިވިލް ކޯޓުން ކުރި ހުކުމް ގޯސްކަމަށް ވެސް ކަނޑައަޅާފައިވެ އެވެ. އެހެންކަމުން ދީބާޖާއަށް ލިބެންޖެހޭ ބަދަލުގެ މިންވަރު ކަނޑައެޅުމަށް ސިވިލް ކޯޓަށް ވަކި މައްސަލައެއް ހުށަހެޅުމަށް ވެސް ސުޕްރީމް ކޯޓުގެ ހުކުމްގައި ދީބާޖާއަށް ފުރުސަތު ދީފައިވެ އެވެ.

މި މައްސަލަ ސުޕްރީމް ކޯޓުގައި ބެއްލެވި ފަނޑިޔާރުންގެ ބެންޗުގައި ތިއްބެވީ ފަނޑިޔާރު އަލީ ރަޝީދު ހުސައިން އާއި ފަނޑިޔާރު މަހާޒު އަލީ ޒާހިރު އަދި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމް އެވެ. ދީބާޖާގެ އެއްބަސްވުން ބާތިލްކުރީ ގޯސްކަމަށް ކަނޑައެޅީ ބެންޗުގެ ރިޔާސަތުގައި އިންނެވި ފަނޑިޔާރު އަލީ ރަޝީދު ހުސައިން އާއި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމްގެ އަޣުލަބިއްޔަތު ރައުޔުންނެވެ.