ދީބާޖާ އިންވެސްޓްމެންޓަށް ލިބުނު ގެއްލުމުގެ ބަދަލަށް 348 މިލިއަން ރުފިޔާ ދިނުމުގެ މައްސަލަ ތިން ވަނަ ފަހަރަށް މިއަދު ސުޕްރީމް ކޯޓުގައި ފަށައިފި އެވެ.
ދެހާސް ދިހަވަނަ އަހަރުގެ ތެރޭގައި ދީބާޖާ އިންވެސްޓްމަންޓް ކުންފުންޏަށް ނ. އަތޮޅާއި ރ. އަތޮޅާއި ބ. އަތޮޅު އަދި ޅ. އަތޮޅުގެ ދަތުރުފަތުރު ހިދުމަތް ދޭން ހަވާލުކުރި އެވެ. ނަމަވެސް އެ އެއްބަސްވުމުގެ ދަށުން އޭރުގެ ޓްރާންސްޕޯޓް މިނިސްޓްރީން ފުރިހަމަކޮށް ދޭން ޖެހޭ ކަންކަން ފުރިހަމަ ނުކޮށް 2013 ވަނަ އަހަރު އެއްބަސްވުން ވަނީ ބާތިލު ކޮށްފަ އެވެ.
އެ އެއްބަސްވުން ބާތިލުކުރުން، ދީބާޖާއިން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގައި ގެއްލުމުގެ ބަދަލަށް ދައުލަތުން އެ ކުންފުންޏަށް 348 މިލިއަން ރުފިޔާ ދިނުމަށް ހުކުމްކުރި އެވެ. އެ ހުކުމް ހައިކޯޓުގައި އިސްތިއުނާފްކުރުމުން މައްސަލަ ނިންމާފައި ސިވިލް ކޯޓުގެ ހުކުމް ބާތިލުކުރުމަށެވެ.
އޭގެ ފަހުން އެ މައްސަލަ ހިފައިގެން ދީބާޖާއިން ފުރަތަމަ ފަހަރަށް ސުޕްރީމް ކޯޓަށް ދިޔަ އެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ހެދި އެއްބަސްވުމެއް އޭގެ ފަހުން އުވާލި މައްސަލާގައި ލިބުނު ގެއްލުމުގެ ގޮތުގައި ދީބާޖާ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޑެޓަށް ބަދަލު ނަގައިދިނުމަށް ސުޕްރީމް ކޯޓުން 2019 ވަނަ އަހަރު ހުކުމް ކުރި އެވެ. ނަމަވެސް ދައުލަތުން އެ ހުކުމް ރިވިއުކުރުމަށް އަލުން އެ ކޯޓަށް ހުށަހެޅުމުން ފަހުން އެ ކޯޓުން ނިންމާފައި ވަނީ އެ ހުކުމް ބާތިލު ކުރުމަށެވެ.
ސުޕްރީމް ކޯޓުން ހައިކޯޓުގެ ނިންމުން ބާތިލުކޮށްފައިވަނީ އިސްތިއުނާފްގެ މުއްދަތު ހަމަވެފައި ވަނިކޮށް މައްސަލަ ހުށަހެޅުމުން ކަމަށްވާތީ ހައިކޯޓުގެ ނިންމުން ދެމެހެއްޓޭނެ ކަމަށް އެ ކޯޓުން މިދިޔަ އޭޕްރީލް މަހު ކުރި ހުކުމްގައި ބުންޏެވެ. އަދި އެ ނިންމުން އަލުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރެވޭނެ ކަމަށެވެ.
އެހެންކަމުން ހައިކޯޓުން ސިވިލް ކޯޓުގެ ހުކުމް ބާތިލުކޮށްފައިވާ މައްސަލަ ދީބާޖާގެ ފަރާތުން އަނެއްކާ ސުޕްރީމް ކޯޓުގައި ވަނީ އިސްތިއުނާފްކޮށްފަ އެވެ. މިއީ މި މައްސަލަ ސުޕްރީމް ކޯޓުގައި ބަލާ ތިންވަނަ ފަހަރެވެ.
މިއަދު ފެށި މި މައްސަލައިގެ ޝަރީއަތުގައި ދީބާޖާގެ ފަރާތުން ވަނީ ހަ އިސްތިއުނާފީ ނުކުތާއެއް ހުށަހަޅާފަ އެވެ. އިސްތިއުނާފީ ނުކުތާތައް ބޮޑަށް ރިއާޔަތްކޮށްފައި ވަނީ، ދައުލަތުން މުއްދަތު ފަހަނައަޅާ ދިޔަފަހުން ހައިކޯޓުގައި ދަށު ކޯޓުގެ ނިންމުން އިސްތިއުނާފްކޮށްފައި އޮތް އަތުމާއި ގުޅޭ ގޮތުންނެވެެ.
އެގޮތުން އިސްތިއުނާފީ ނުކުތާތަކުގައި ހައިކޯޓުން އެ މައްސަލަ ބަލައިފައި ވަނީ ގާނޫނާ ހިލާފަށް ކަމަށް ވަނީ ފާހަގަކޮށްފަ އެވެ. ދަށު ކޯޓުގެ ހުކުމް ދައުލަތުން ހައިކޯޓުގައި އިސްތިއުނާފްކޮށްފައި ވަނީ އިސްތިއުނާފް މުއްދަތު ހަމަވެފައި ވަނިކޮށް ކަމަށް ދީބާޖާގެ ވަކީލް މުހައްމަދު ހަލީމް ފާހަގަކުރެއްވި އެވެ. އެކަން އެހެން ވެފައި ވަނީ އަމިއްލަ ބާރު ނުފޯރާ ކަމެއް މެދުވެރިވެގެންކަން ދައުލަތުން ހައިކޯޓުގައި ސާފުކޮށްދީފައި ނުވާ ކަމަށެވެ.
މުއްދަތު ފަހަނައަޅާ ދިއުމަށްފަހު މައްސަލަަ އިސްތިއުނާފްކުރުމުން ހައިކޯޓުގެ ހުކުމަށް ވެސް އަސަރު ކުރާނެ ކަމެއް ކަމަށް ބަޔާންކޮށް އިސްތިއުނާފީ ނުކުތާއެއް އެކުންފުނިން ވަނީ ހުށަހަޅާފަ އެވެ. އަދި ދީބާޖާ އާއި ޓްރާންސްޕޯޓް މިނިސްޓްރީއާ ދެމެދު ވެފައިވާ އެއްބަސްވުމަކީ އިދާރީ އެއްބަސްވުމެއް ކަމަށް ހައިކޯޓުން ނިންމާފައި ވަނީ ގޯސްކޮށް ކަމަށް ވެސް ވަކީލް ވަނީ ފާހަގަކުރައްވާފަ އެވެ.
މި މައްސަލައިގެ މިއަދުގެ އަޑުއެހުމުގައި ދީބާޖާގެ ފަރާތުން ވަނީ ހުރިހާ އިސްތިއުނާފީ ނުކުތާއެއް ހުށަަހަޅާ ނިންމައިލާފަ އެވެ. ދެން އޮންނަ އަޑުއެހުމެއްގައި އޮންނާނީ ދައުލަތުގެ ފަރާތުން ރައްދު ދިނުން ކަމަށް ރިޔާސަތުގައި އިންނެވި ފަނޑިޔާރު އަލީ ރަޝީދު ހުސައިން ވިދާޅުވި އެވެ.
މި މައްސަލަ ސުޕްރީމް ކޯޓުގައި ބައްލަވަނީ ފަނޑިޔާރު އަލީ ރަޝީދު ހުސައިން އާއި ފަނޑިޔާރު މަހާޒު އާލީ ޒާހިރު އަދި ޑރ. މުހައްމަދު އިބްރާހީމް އެވެ.