ފެރީގެ ހިދުމަތް ދިނުމަށް ދީބާޖާ އިންވެސްޓްމަންޓާ އެކީ ޓްރާންސްޕޯޓް މިނިސްޓްރީން ހެދި އެއްބަސްވުން ބާތިލު ކުރުމާ ގުޅިގެން އެ ކުންފުންޏަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދަން ސުޕްރީމް ކޯޓުގައި ކުރިއަށްދާ އިސްތިއުނާފް މައްސަލައިގެ އަޑުއެހުންތައް ނިންމާލައިފި އެވެ.
ތިން ވަނަ ފަހަރަށް ސުޕްރީމް ކޯޓުގައި ކުރިއަށް ގެންދާ މި މައްސަލައިގެ މިއަދުގެ އަޑުއެހުމުގައި ފަނޑިޔާރުން ވަނީ ދިބާޖާއަށް އަމާޒު ކޮށްގެން ގިނަ ސުވާލުތަކެއް ކުރައްވާފަ އެވެ. އެގޮތުން ސަރުކާރުން އެއްބަސްވުން ބާތިލު ކުރުމުގައި ގާނޫނާ ހިލާފު ވަނީ ކޮން ގޮތަކަށްތޯ ފަނޑިޔާރު އަލީ ރަޝީދު ހުސެއިން ސުވާލު ކުރެއްވި އެވެ.
ޖަވާބުގައި ދީބާޖާގެ ފަރާތުން ގާނޫނީ ވަކީލް ވިދާޅުވެފައި ވަނީ ދެފަރާތުން ވެފައިވާ އެއްބަސްވުމުގައި ބަޔާންކުރާ ގޮތުގެ މަތިން ޓްރާންސްޕޯޓް މިނިސްޓްރީން ފޮނުވާފައިވާ ނޯޓިސްގެ މުއްދަތު ހަމަވުމުގެ ކުރިން އެއްބަސްވުން އުވައިލައިފައިވާ ކަމަށެވެ. އެއްބަސްވުން ބާތިލުކޮށްފައި ވަނީ ފެރީގެ ހިދުމަތް ކެނޑުމުން އަލުން ހިދުމަތް ފެށުމަށް މިނިސްޓްރީގެ ފަރާތުން ފުރުސަތު ދިނުމުން އެ ހިދުމަތް ކުރިއަށް ގެންދަނިކޮށް ކަމަށެވެ.
ދައުލަތުން ބުނެފައި ވަނީ އެއްބަސްވުން ބާތިލު ކުރަން ޖެހުނީ ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތް މެދުކެނޑުމުން ކަމަށްވާއިރު، އޭގެ ނަތީޖާއެއްގެ ގޮތުން އެއްބަސްވުން ހެދި ސަބަބު ހާސިލް ނުވާ ކަމަށެވެ. އަދި އެއްބަސްވުން ބާތިލުކުރީ މުސްތަގުބަލުގައި ވެސް އެއްބަސްވުމާ އެއްގޮތަށް އަމަލު ނުކޮށްފާނެ ކަމަށެވެ.
އެއްބަސްވުން ހެދުމަށްފަހު އެއްބަސްވުން އުވައިލުމާ ހަމައަށް ދީބާޖާގެ ފަރާތުން ހިނގި ހަރަދުތަކާ ގުޅޭ ގޮތުންނާއި އަދި ގެއްލުމުގެ ސީދާ އަދަދު ސިވިލް ކޯޓުގައި ސާބިތު ކުރެވުނުތޯ ވެސް ފަނޑިޔާރު ސުވާލު ކުރެއްވި އެވެ. ޖަވާބުގައި ދީބާޖާގެ ފަރާތުން ބުނެފައި ވަނީ މިއަދާ ހަމައަށް ވެސް ގެއްލުމުގެ ބަދަލުގެ ގޮތުގައި ދީބާޖާ އިން ހުށަހަޅާފައިވާ ހިސާބުތަކަށް ދައުލަތުން އިންކާރުކޮށްފައި ނުވާ ކަމަށެވެ. އަދި ދައުލަތުން ތަކުރާރުކޮށް ބުނަމުން ދިޔައީ އެ އަދަދަކީ ވަރަށް ބޮޑު އަދަދެއް ކަމަށް ވެސް ވަކީލް ފާހަގަކުރެއްވި އެވެ.
ނަމަވެސް ދައުލަތުން ވަނީ އެކަމަށް އިންކާރުކޮށްފަ އެވެ. އަދި ނަގައިދިނުމަށް ދީބާޖާއިން އެދެމުން އައި ބަދަލާމެދު އަބަދުވެސް އިންކާރު ކުރަމުން އަންނަ ކަމަށް ދައުލަތުގެ ފަރާތުން ތަކުރާރުކޮށް ބުންޏެވެ. އަދި އެއްބަސްވުން ބާތިލް ކޮށްގެން ލިބުނު ސީދާ ގެއްލުމުގެ އަދަދު ދީބާޖާއަށް ދަށު ކޯޓުގައި ސާބިތުވެސް ނުކޮށްދެވޭ ކަމަށް ފާހަގަކުރި އެވެ.
އެއްބަސްވުމުގެ ދަށުން ކޮންޓްރެކްޓް ބާތިލު ކުރުމުގެ އިޖުރާއަތްތަކަކީ ކޮބައިތޯ އާއި އެ އިޖުރާއަތްތަކާ އެއްގަތޮަށް ދައުލަތުން އަމަލު ކުރިތޯ ފަނޑިޔާރު މަހާޒު އަލީ ޒާހިރު ވަނީ ސުވާލު ކުރައްވާފަ އެވެ. ދިބާޖާގެ ފަރާތުން ބުނެފައި ވަނީ އެއްބަސްވުމާ ހިލާފުވެފައި ވާނަމަ ރިވިއު ކޮމެޓީއެއް އުފަންދަން ވާނެ ކަމަށެވެ. ދެވަނަ ކަމަކަށް މަޝްވަރާ ކޮށްގެން ހައްލުން ހޯދިދާނެ ކަމަށާއި ހައްލު ނުކުރެވިއްޖެ ނަމަ ދެން ދާން ޖެހޭނީ ކޯޓަށް ކަމަށެވެ. މިއިން އެއްވެސް ކަމެއް ދައުލަތުން ނުކުރާ ކަމަށެވެ.
ދައުލަތުން ބުނެފައި ވަނީ އެއްވެސް ނޯޓިސްއެއް ނުދީ "އިމީޑިއޭޓް ޓާމިނޭޝަން" އެއް އެ އެއްބަސްވުމުގެ ދަށުން ދެވިދާނެ ކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ. އެހެންކަމުން އެއްބަސްވުން ދައުލަތުގެ ފަރާތުން ބާތިލުކޮށްފައި ވަނީ ރަގަޅަށް ކަަމަށެވެ.
ހުލާސާ ބަޔާން އިއްވުމަށް ދިން ފުރުސަތުގައި ވެސް ދީބާޖާއިން ތަކުރާރުކޮށް ބުނެފައި ވަނީ ގެއްލުމުގެ ބަދަލުގެ ގޮތުގައި ދީބާޖާއިން ހުށަހަޅާފައިވާ އަދަދާމެދު ދައުލަތުން އިންކާރުކޮށްފައި ނުވާ ކަމަށެވެ. އެކަމަށް ދައުލަތުން ވަކި އެއްޗެއް ނުބުނުމަކީ އެޔާމެދު ރުހިގެން ތިބުން ކަމަށެވެ. އަދި ދަށު ކޯޓުން ނަގައިދޭން ހުކުމް ކުރި ބަދަލަކީ ކުޑަ އަދަދެއް ކަމަށް ވެސް ފާހަގަކުރި އެވެ.
ދައުލަތުގެ ފަރާތުން ހުލާސާ ބަޔާން އިއްވަމުން ބުނެފައި ވަނީ އިސްތިއުނާފްކޮށްފައިވާ މައްސަލައިގައި ހައިކޯޓުން މައްސަލަ ނިންމުމުގައި ހަދާފައިވާ ގާނޫނީ ގޯސްތަކަށް ދީބާޖާއިން އެއްވެސް ވަރަކަށް ރިއާޔަތްކޮށް އެކަންކަން ފާހަގަކޮށްފައި ނުވާ ކަމަށެވެ. މައްސަލަ އިސްތިއުނާފް ކުރުމުގެ އަސްލު މަގްސަދު ހާސިލް ނުވާ ކަމަށް ވެސް ފާހަގަކޮށްފައި ވެއެވެ.
ނ. އަތޮޅާއި ރ. އަތޮޅާއި ބ. އަތޮޅު އަދި ޅ. އަތޮޅުގެ ދަތުރުފަތުރުގެ ހިދުމަތް ދިނުމަށް ދީބާޖާ އިންވެސްޓްމަންޓް ކުންފުންޏާ ހަވާލުކުރީ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި 2010 ވަނަ އަހަރު އެވެ. ނަމަވެސް 2013 ވަނަ އަހަރު އެއްބަސްވުން ބާތިލްކޮށްފައި ވަނީ އެ އެއްބަސްވުމުގެ ދަށުން އޭރުގެ ޓްރާންސްޕޯޓް މިނިސްޓްރީން ފުރިހަމަކޮށްދޭންޖެހޭ ކަންކަން ފުރިހަމަ ނުކޮށް ކަމަށް ދީބާޖާއިން ބުނެ އެވެ.
އެ އެއްބަސްވުން ބާތިލުކުރުމުން، ދީބާޖާއިން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގައި ގެއްލުމުގެ ބަދަލަށް ދައުލަތުން އެ ކުންފުންޏަށް 348 މިލިއަން ރުފިޔާ ދިނުމަށް ހުކުމްކުރި އެވެ. އެ ހުކުމް ހައިކޯޓުގައި އިސްތިއުނާފް ކުރުމުން މައްސަލަ ނިންމާފައިވަނީ ސިވިލް ކޯޓުގެ ހުކުމް ބާތިލުކުރުމަށެވެ.
އޭގެ ފަހުން އެ މައްސަލަ ހިފައިގެން ދީބާޖާއިން ފުރަތަމަ ފަހަރަށް ސުޕްރީމް ކޯޓަށް ދިއުމުން 2019 ވަނަ އަހަރު ސުޕްރީމް ކޯޓުން ވަނީ ދައުލަތުން ދީބާޖާ އަށް ބަދަލު ދިނުމަށް ހުކުމްކޮށްފަ އެވެ. ހުކުމްކުރުމުގެ ބަދަލުގެ އަދަދު 174 މިލިއަން ރުފިޔާއަށް ދައުލަތާއި ދީބާޖާ މަޝްވަރާކޮށް ނިންމި އެވެ.
ނަމަވެސް ދައުލަތުން އެ ހުކުމް އަލުން ދިރާސާކުރުމަށް ހުށަހެޅުމުން ފަހުން ސުޕްރީމް ކޯޓުން ނިންމީ އެ ކޯޓުގެ ކުރީގެ ހުކުމް ބާތިލު ކުރުމަށެވެ. އެކަމަކު ދީބާޖާގެ މައްސަލާގައި ހައިކޯޓުގެ ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމަށް ފުރުސަތު ދީފައިވެ އެވެ. އެހެންކަމުން ހައިކޯޓުން ސިވިލް ކޯޓުގެ ހުކުމް ބާތިލުކޮށްފައިވާ މައްސަލަ ދީބާޖާގެ ފަރާތުން ތިންވަނަ ފަހަރަށް ސުޕްރީމް ކޯޓުގައި ވަނީ އިސްތިއުނާފްކޮށްފަ އެވެ. މިހާރު ކުރިއަށް އެދަނީ އެ އަޑުއެހުންތަކެވެ.
މި މައްސަލަ ދިރާސާކުރާއިރު ސާފުކުރަން ޖެހޭ އިތުރު ކަމެއް ނެތްނަމަ ދެން އޮންނާނީ މައްސަލައިގެ ހުކުމް އިއްވުމެވެ.
މި މައްސަލަ ބައްލަވަނީ ފަނޑިޔާރު އަލީ ރަޝީދު ހުސައިން އާއި ފަނޑިޔާރު މަހާޒު އަލީ ޒާހިރު އަދި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމް އެވެ.