ދީބާޖާ އިންވެސްޓްމެންޓަށް ލިބުނު ގެއްލުމުގެ ބަދަލަށް 348 މިލިއަން ރުފިޔާ ދިނުމުގެ މައްސަލައިގެ އަޑުއެހުމެއް އަންނަ މަހުގެ ފުރަތަމަ ދުވަހަށް ތާވަލްކޮށްފި އެވެ.
މިއީ ދީބާޖާ އަށް ބަދަލު ދިނުމުގެ މައްސަލަ ސުޕްރީމް ކޯޓުގައި ތިންވަނަ ފަހަރަށް އިސްތިއުނާފް ކުރި ފަހުން ބާއްވާ ދެވަނަ އަޑުއެހުމެވެ. ފުރަތަމަ އަޑުއެހުން ބޭއްވީ މިދިޔަ މަހުގެ 29 ވަނަ ދުވަހު އެވެ.
ދެހާސް ދިހަވަނަ އަހަރުގެ ތެރޭގައި ދީބާޖާ އިންވެސްޓްމަންޓް ކުންފުންޏަށް ނ. އަތޮޅާއި ރ. އަތޮޅާއި ބ. އަތޮޅު އަދި ޅ. އަތޮޅުގެ ދަތުރުފަތުރު ހިދުމަތް ދޭން ހަވާލުކުރި އެވެ. ނަމަވެސް އެ އެއްބަސްވުމުގެ ދަށުން އޭރުގެ ޓްރާންސްޕޯޓް މިނިސްޓްރީން ފުރިހަމަކޮށް ދޭން ޖެހޭ ކަންކަން ފުރިހަމަ ނުކޮށް 2013 ވަނަ އަހަރު އެއްބަސްވުން ވަނީ ބާތިލު ކޮށްފަ އެވެ.
އެ އެއްބަސްވުން ބާތިލުކުރުމުން ދީބާޖާއިން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގައި ގެއްލުމުގެ ބަދަލަށް ދައުލަތުން އެ ކުންފުންޏަށް 348 މިލިއަން ރުފިޔާ ދިނުމަށް ހުކުމްކުރި އެވެ. އެ ހުކުމް ހައިކޯޓުގައި އިސްތިއުނާފް ކުރުމުން މައްސަލަ ނިންމީ ސިވިލް ކޯޓުގެ ހުކުމް ބާތިލުކުރުމަށެވެ.
އޭގެ ފަހުން އެ މައްސަލަ ހިފައިގެން ދީބާޖާއިން ފުރަތަމަ ފަހަރަށް ސުޕްރީމް ކޯޓަށް ދިޔަ އެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ހެދި އެއްބަސްވުމެއް އޭގެ ފަހުން އުވާލި މައްސަލާގައި ލިބުނު ގެއްލުމުގެ ގޮތުގައި ދީބާޖާ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޑެޓަށް ބަދަލު ނަގައިދިނުމަށް ސުޕްރީމް ކޯޓުން 2019 ވަނަ އަހަރު ހުކުމް ކުރި އެވެ. ނަމަވެސް ދައުލަތުން އެ ހުކުމް ދިރާސާ ކުރުމަށް އަލުން އެ ކޯޓަށް ހުށަހެޅުމުން އެ ކޯޓުން ފަހުން ނިންމީ އެ ހުކުމް ބާތިލު ކުރުމަށެވެ.
ސުޕްރީމް ކޯޓުން ހައިކޯޓުގެ ނިންމުން ބާތިލުކޮށްފައިވަނީ އިސްތިއުނާފްގެ މުއްދަތު ހަމަވެފައި ވަނިކޮށް މައްސަލަ ހުށަހެޅުމުން ކަމަށްވާތީ އެވެ. އެކަމަކު އެ ނިންމުން އަލުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމަށް ފުރުސަތު ދީފައިވެ އެވެ. އެހެންކަމުން ހައިކޯޓުން ސިވިލް ކޯޓުގެ ހުކުމް ބާތިލް ކުރި މައްސަލަ ދީބާޖާގެ ފަރާތުން އަލުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރީ އެވެ. އެހެންކަމުން މިއީ އެ މައްސަލަ ސުޕްރީމް ކޯޓުގައި ބަލާ ތިންވަނަ ފަހަރެވެ.
މިދިޔަ މަހުގެ 29 ވަނަ ދުވަހު ބޭއްވި މި މައްސަލައިގެ ޝަރީއަތުގެ އަޑުއެހުމުގައި ދީބާޖާގެ ފަރާތުން ވަނީ ހަ އިސްތިއުނާފީ ނުކުތާއެއް ހުށަހަޅާފަ އެވެ. އެހެންކަމުން މިމައްސަލާގައި ދެން އޮންނަ އަޑުއެހުމެއްގައި އޮންނާނީ ދައުލަތުގެ ފަރާތުން ރައްދު ދިނުމެވެ.
މައްސަލަ ސުޕްރީމް ކޯޓުގައި ބައްލަވަނީ ފަނޑިޔާރު އަލީ ރަޝީދު ހުސައިން އާއި، ފަނޑިޔާރު މަހާޒު އާލީ ޒާހިރު އަދި ޑރ. މުހައްމަދު އިބްރާހީމް އެވެ.