ގއ. ވިލިނގިލީގައި އައިޑީ ކާޑު ޕްރިންޓް ކުރެވޭ ގޮތް ހަދައިފި އެވެ.
މިއީ މާލެ ނޫން ރަށެއްގައި އައިޑީ ކާޑު ޕްރިންޓް ކުރެވޭ ގޮތް ހެދި ފުރަތަމަ ފަހަރެވެ.
ވިލިނގިލީގައި އައިޑީ ކާޑު ޕްރިންޓް ކުރެވޭ ހިދުމަތް ފެށުމަށް މިއަދު އެ ރަށުގައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން އެެވެ.
ވިލިނގިލީގައި އައިޑީ ކާޑު ޕްރިންޓް ކުރެވޭ ގޮތް ހެދުމާއެކު އެ ރަށުން އައިޑީ ކާޑު ހަވާލުވެސް ކުރާނެ އެވެ.
މީގެކުރިން އައިޑީ ކާޑު ޕްރިންޓް ކުރަމުން ދިޔައީ ހަމައެކަނި މާލޭގައި ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރް)ގެ އޮފީހުގައެވެ.
ޑީއެންއާރްގެ ހާއްސަ ޕޯޓަލް މެދުވެރިކޮށް ކޮންމެ ތަނަކު ހުރެގެންވެސް އައިޑީ ކާޑު ހެދުމަށް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައި އޮންނައިރު ކުރިއަރު މެދުވެރިކޮށް ރަށްރަށުގެ ކައުންސިލްތަކަށް ކާޑު ފޮނުވައިގެން ނެގޭނެ އިންތިޒާމު ވަނީ ހަމަޖައްސާފަ އެވެ.
އައިޑީ ކާޑު އާކުރަންޖެހޭ މުއްދަތުތަކެއްވެސް ޑީއެންއާރް އިން ކަނޑައަޅާފައިވެ އެވެ. އެގޮތުން އުމުރުން 10 އަހަރާއި 40 އަހަރާ ދެމެދުގެ މީހުންގެ އައިޑީ ކާޑު ކޮންމެ ފަސް އަހަރަކުން އެއް ފަހަރު އާކުރަންޖެހެ އެވެ. އަދި 40 އަހަރުން މަތީގެ މީހުން ކޮންމެ 10 އަހަރަކުން އެއް ފަހަރު އައިޑީކާޑު އާކުރަންޖެހެ އެވެ. އުމުރުން 65 އަހަރުން މަތީގެ މީހުންގެ އައިޑީކާޑުގެ މުއްދަތު ހަމަނުވާނެ ގޮތަށް އިންތިޒާމު ހަމަަޖައްސަމުންދާ ކަމަށްވެސް ޑީއެންއާރް އިން ބުނެފައިވެ އެވެ.