ހަބަރު

ނަޝީދު ބައިވެރިވި ކޮޕް ސަމިޓް އެއީ ފެއިލިއާ އެއް: މިނިސްޓަރު

  • މިފަހަރު އަމަލީ މަސައްކަތްތަކެއް ކޮށް ނަތިޖާ ނެރެވުނު
  • ގައުމުތައް އެއްގަލަކަށް އެރީ ރާއްޖެއާ ހެދި
  • މިފަހަރުގެ ނިންމުންތަކަށް އަމަލީ ސިފަގެންނާނަން

ދެހާސް ނުވަ ވަނަ އަހަރު ޑެންމާކްގެ ކޯޕަންހޭގަންގައި ކުރިއަށް ގެންދިޔަ ކޮޕް ސަމިޓަކީ ރާއްޖެއަށް ކާމިޔާބު ސަމިޓެއް ނޫން ކަމަށާއި އެއީ "ފެއިލިއާ" އެއް ކަމަށް އެންވާރަމެންޓް މިނިސްޓަރު ތޯރިޤް އިބްރާހިމް ވިދާޅުވެއްޖެ އެވެ. އެ ސަމިޓްގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ބައިވެރިވެ، ބޮޑު މަޝްހޫރު ކަމެއް ހޯއްދެވި އެވެ.

މިދިޔަ މަހުގެ 30 އިން މިމަހުގެ 11 އަށް ޕެރިހުގައި ކުރިއަށް ގެންދިޔަ ކޮޕް 21 ސަމިޓްގައި ބައިވެރިވެވަޑައިގެންނެވުމަށް ފަހު މާލެ ވަޑައިގެން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މިނިސްޓަރު ވިދާޅުވީ 2009 ވަނަ އަހަރު ބައިވެރިވި ސަމިޓު ކާމިޔާބު ނުވި ނަމަވެސް މިއަހަރުގެ ސަމިޓު ކާމިޔާބު ކަމަށެވެ. ކޯޕަންހޭގަންގައި ބޭއްވި އެ ސަމިޓްގައި މާ ބޮޑެތި ނިންމުންތަކެއް ނުނިންމުނު ކަމަށް ވެސް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ މިއަހަރުގެ ސަމިޓު ކާމިޔާބު ނަމަވެސް ވަރަށް ބޮޑު ގޮންޖެހުންތަކަކާއި ކުރިމަތިވި ކަމަށެވެ. އެގޮތުން ކުދި ގައުމުތައް އެއް ވިސްނުމެއްގައި ބޭތިއްބުމަކީ އެންމެ ބޮޑު ގޮންޖެހުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. ކުދި ގައުމުތަކުގެ ޖަމްއިއްޔާ، އެލަޔަންސް އޮފް ސްމޯލް އައިލެންޑްސް (އެއޯސިސް)ގައި ހިމެނޭ 44 ގައުމު އެއް ވިސްނުމެއްގައި ތިބެވުނީ ރާއްޖޭގެ ވަރަށް ބޮޑު މަސައްކަތެއް ކޮށްގެން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ އެމަނިކުފާނު އަބަދުވެސް މަސައްކަތްޕުޅުކުރައްވަނީ ހުސް ވާހަކަތައް ދެއްކުމުގެ ބަދަލުގައި އަމަލީ ގޮތުން ނަތީޖާ ނެރެދެއްވުމަށެވެ. ކޮޕް 21 އަކީ އޭގެ މިސާލެއް ކަމަށް ވިދާޅުވި އެވެ. މިނިސްޓަރު ވިދާޅުވީ އަންނަ އަހަރުގެ ކޮޕް ސަމިޓުގައި މިއަހަރު ފާސްކުރެވުނު ކަންތައްތައް ތަންފީޒު ކުރުމަށް ކުރާނެ ކަންކަން ކަނޑައަޅާނެ ކަމަށެވެ.