އިބްރާހިމް އަމީރު

އިގްތިސޯދު ރަނގަޅު ވާން ފެށީ ދަރަނި ނެގުމުން: އަމީރު

ކޮވިޑުގެ ހާލަތާއެކު ދަރަނި ނުނެގިނަމަ ރާއްޖޭގެ އިގުތިސާދު ރަނގަޅުވާން ދިގު މުއްދަތެއް ނަގާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާލުވެއްޖެ އެވެ.

އަމީރު މިހެން ވިދާޅުވީ ރާއްޖޭގެ 23 ރަށެއްގެ ފެނާއި ނަރުދަމާގެ ނިޒާމު ގާއިމުކުރަން ހަވާލުކުރުމަށް މިއަދު ސްޓެލްކޯގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

އަމީރު ވިދާޅުވީ ކޮވިޑާއެކު މިދިޔަ އަހަރު ދައުލަތުގެ ޖުމްލަ ހަރަދު ބޮޑުތަނުން ކުޑަކުރި ކަމަށެވެ. ނަމަވެސް އިގުތިސާދު ހުއްޓި ދައުލަތުގެ އާމްދަނީ އަންދާޒާކުރި މިންވަރަށް ވުރެ 50 ޕަސެންޓް ދަށްވި ކަމަށާއި އެއާއެކު ދައުލަތުގެ ދަރަނި މިދިޔަ އަހަރު ވަރަށް ބޮޑަށް އިތުރުވި ކަމަށެވެ.

އަމީރު ވިދާޅުވީ 2019 ވަނަ އަހަރު ނިމުނު އިރު އުފެއްދުންތެރިކަމުގެ ނިސްބަތުން ދަރަނީގެ މިންގަނޑު ހުރީ 79 ޕަސެންޓްގައި ކަމަށެވެ. އެކަމަކު މިދިޔަ އަހަރު ނިމުނުއިރު އެ އަދަދު ހުރީ 150 އިންސައްތަ އަށް އުފުލިފައި ކަމަށެވެ.

ޑެފިސިޓް އިތުރުވުން ދަރަނީގެ މިންގަނޑު އުފުލުމާ ގުޅިފައިވީ ނަމަވެސް، އުފެއްދުންތެރިކަމުގެ ނިސްބަތުން ދަރަނި އިތުރުވުމުގެ މައިގަނޑު ސަބަބަކީ މިދިޔަ އަހަރު އުފެއްދުންތެރިކަން 33.5 އިންސައްތައިން ދަށަށް ދިއުމުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ނަމަވެސް މިއީ ދުނިޔޭގެ ހުރިހާ ކަންކޮޅުތަކެއްގައިވެސް މިކަން ވީގޮތް. އަޅުގަނޑުމެން މި މަގު އިހުތިޔާރުކުރީ، އަދި ދަރަނި ނަގައިގެންވެސް ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ހިދުމަތްތައް ފޯރުކޮށްދިނުމުގައި ދެމިތިބީ، އެނގިތިބެ، ދުރުރާސްތާގެ ޕްލޭނެއްގެ ތެރެއިން، ރައްޔިތުންގެ ފުދުންތެރިކަމާއި ދިވެހި އިގުތިސާދު ވީއެންމެ އަވަހަށް އާންމު ހާލަތަކަށް އަނބުރާ ގެނައުމުގެ ބޭނުމުގައި،" އަމީރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ އިގްތިސާދީ ގޮތުން މިހާ ދަތި ހާލަތުގައިވެސް ދަރަނި އިތުރުނުކުރުމަށް ވަކާލާތުކޮށް ބައެއް ފަރާތްތަކުން ވާހަކަ ދެއްކި ކަަމަށެވެ. ނަމަވެސް ހުރިހާ ދަރަންޏެއް އެއްމިންގަނޑަކުން ވަޒަންކުރުމަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށާއި އަދި އިގުތިސާދީ ފަހި ދުވަސްތަކުގައި ދަރަނި ދަށްކުރަން މަސައްކަތް ކުރުމަކީވެސް އޮންނަ ކަމެއް ކަމަށެވެ.

"އަދި އިގުތިސާދީ ކާރިސާތަކުގެ ތެރޭގައި ދަރަނި ނަގައިގެންވެސް ހަރަދުތައްކޮށް، ސަރުކާރުން ފޯރުކޮށްދޭންޖެހޭ ހިދުމަތްތަކަށް ބުރޫނާރައި ކުރިއަށް ގެންދިއުމަކީވެސް ހާލަތުގެ ގޮތުން އެންމެ ރަނގަޅު މަގަށް ވެގެންދޭ. މިއީ މުޅި ދުނިޔެ ބަލައިގަނެފައިވާ ކާމިޔާބު އުސޫލެއް. ކާރިސާތަކުގައި ނަގާ ދަރަނި ހިދުމަތްކުރުމުގެ އަގަށް ވުރެ، ދަރަނި ނުނަގައި ހަރަދު ކުޑަކުރުމުގެ އަގު މަތިވެދާނެ ކަމަށް ވިސްނަންޖެހޭ،" އަމީރު ވިދާޅުވި އެވެ.

އަމީރު އިތުރަށް ވިދާޅުވީ ކޮވިޑް-19ގެ ހާލަތުގައި ދަރަނި ނަގައިގެން ކައުންޓަރ-ސިކްލިކަލް ފިސްކަލް ޕޮލިސީއެއް ނުހިންގިނަމަ، ދިވެހި އިގުތިސާދުގެ ހާލަތު ރަނގަޅުވާން ފަށަން ނަގާނެ ވަގުތު ބޮޑުތަނުން އިތުރުވެ ރައްޔިތުންނަށް ދިމާވި ދަތި ހާލަތު ދިގުލައިގެން ދިޔައީސް ކަމަށެވެ.