ކައުންސިލްތަކުގެ އިހުތިސޯސް ތެރޭގައި އޮތް ބިމެއް ދައުލަތުގެ ހަރަދުގައި ހިއްކާނަމަ އެ ބިންތަކުގެ 35 ޕަސެންޓް ސަރުކާރަށް ލިބޭ ގޮތަށް ގާނޫނު އިސްލާހުކުރުމުގެ މަސައްކަތް ފަށައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ އެމްޑީޕީ މެމްބަރު އިބްރާހީމް ރަޝީދު (ބޮންޑޭ) މަޖިލީހަށް ހުށަހަޅުއްވާ ބިލްގައި ބަޔާންކޮށްފައިވަނީ ބިން ހިއްކުމުގެ ގިނަ މަޝްރޫއުތަކަކީ ދައުލަތުގެ ބަޖެޓުން ލޯނު ނަގައިގެން ބޮޑު ހަރަދެއް ކޮށްގެން ހިންގާ މަޝްރޫއުތަކެއް ކަމަށެވެ.
އެހެންކަމުން މި އިސްލާހު ހުށަހަޅަނީ ދައުލަތުގެ ބަޖެޓުން ހިންގޭ މިފަދަ ބޮޑެތި ހަރަދުތަކުގެ މަންފާ މުޅި ރާއްޖޭގެ ރައްޔިތުން ޝާމިލުވާ ގޮތަށް ވީހާވެސް ގިނަ ބަޔަކަށް އިންސާފުވެރިކަމާއެކު ބެހޭނެ އުސޫލަކުން ކަނޑައެޅޭނެ ނިޒާމެއް ގާއިމުކުރުމަށް ކަމަށް ބިލުގައި ބަޔާންކޮށްފައި ވެއެވެ.
ބިލުގައި އޮތީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ 2-56 ވަނަ މާއްދާއަށް އަކުރެއް އިތުރުކޮށް، ދައުލަތުގެ ހަރަދުގައި ހިއްކާ ބިންތަކުން ކައުންސިލްގެ އިހުތިސޯސްގެ ތެރެއިން ބައެއް އުނިކޮށް ސަރުކާރަށް ލިބޭ ގޮތަށެވެ.
އެ ގާނޫނުގެ 56-2 ވަނަ މާއްދާގެ (ބ)ގެ ފަހަތަށް އިތުރުކުރާ އަކުރުގައި ބުނެފައިވަނީ ސިޓީ ކައުންސިލާއި ރަށު ކައުންސިލްގެ އިހުތިސޯސްގެ ތެރޭގައި ހިމެނޭ ސަރަހައްދެއްގެ ތެރެއިން ދައުލަތުގެ ބަޖެޓުން ހަރަދުކޮށްގެން ހިއްކާފައިވާ ބިންތަކުގެ ތެރެއިން މަގުތަކަށާއި އާންމު ސަރަހައްދުތަކަށް ނެގުމަށްފަހު، ކައުންސިލްތަކުން އިތުރު ބަދަލަކާ ނުލައި ބާކީ އޮންނަ ބިމުގެ 35 ޕަސެންޓް ބިން ބޭނުންކުރާނެ ގޮތް ކަނޑައަޅައި އެކަންކަން ތަންފީޒުކުރުމުގެ ބާރު ފުރިހަމައަށް ލިބިގެންވާނީ ގައުމީ އިދާރާއަކަށް ކަމަށެވެ.
އެގޮތުން ގޯތި ދޫކުރުން ނުވަތަ ގެދޮރުވެރިކަމުގެ މަޝްރޫއުތައް ހިންގުމަށާއި ވިޔަފާރި މަސައްކަތްކުރުމަށް ނުވަތަ އެހެންވެސް ބޭނުމަކަށް އެ ބިން ބޭނުންކުރެވިދާނެ ކަމަށް އެ އަކުރުގައި ބަޔާންކޮށްފައި ވެއެވެ.
އެ މާއްދާގެ (ބ) ގައި ބަޔާންކޮށްފައިވާ ގޮތުގައި ރަށެއް ނުވަތަ ސިޓީއެއްގެ ބިން ބޭނުންކުރަން ވާނީ އެ ރަށެއްގެ ނުވަތަ ސިޓީއެއްގެ ކައުންސިލުން އެކުލަވާލާ ތަރައްގީގެ ޕްލޭނާއި، އެ ކައުންސިލުން ހަދާ ކަމާގުޅުންހުރި ގައުމީ އިދާރާއިން ފާސްކުރާ ލޭންޑް ޔޫސް ޕްލޭނާ އެއްގޮތްވާ ގޮތުގެމަތިން ކަމަށެވެ.