ގެދޮރުވެރިއާ ސުކީމްގެ ދަށުން ގުޅިފަޅާއި ގިރާވަރުފަޅުން ގޯތި ލިބުނު މީހުން އެބިންތަކަށް އެރުމަށް މާފަންނު ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑެ) ގޮވާލައްވައިފި އެވެ.
މަޖިލީހުގައި ވާހަކަދައްކަވަމުން އިބްރާހީމް ރަޝީދު ވިދާޅުވީ ހުޅުމާލެ، ގުޅިފަޅު އަދި ގިރާވަރުފަޅުން ގޯތި ލިބި ރަޖިސްޓްރީ ލިބިފައި ހުރި މީހުން އެތަން ތަނަން އަރަންޖެހޭ ކަމަށެވެ. ގޯތި ލިބުނު މީހުން އެތަންތަނަށް އަރައި އެ މީހުންގެ ގޯތީގައި ގުދަން ހަަދައި ބަގީޗާ ވެސް ހައްދަންވީ ކަމުގައިވެސް ވިދާޅުވި އެވެ.
އިބްރާހީމް ރަޝީދު ވިދާޅުވީ މާލޭގެ ރައްޔިތުންނަށް ދޫކުރި ގޯތިތަކުގެ ލިޔުން ދިނީ މިދިޔަ ސަރުކާރުގައި ދައުލަތުން ކަމަށްވާތީ ދެން އެ ބިން އެއްވެސް ފަރާތަކަށް އަނބުރާ ނުނެގޭނެ ކަމަށެވެ.
"ބަޔަކަށް ދީފައޮންނަ ގޯއްޗެއް ބިމެއް ލިއުމެއް އަތެއް ނުލެވޭނެ. އެއީ ވަކިކުރެވޭނެ ހައްގެއް ނޫން،" އިބްރާހީމް ރަޝީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ގޯތީގެ ރަޖިސްޓްރީއެއް އޮތް ކޮންމެ މީހަކަށް އެ ލިޔުން ރަހުނެއްގެ ގޮތުގައިވެސް މިހާރު ބޭނުންކުރެވެންޖެހޭނެ ކަމަށެވެ.
"އެއީ 'ބޮންޑެއް'ވެސްމެ. ފަހުން ދައްކާ ދަރަންޏެއްގެ ގޮތުގައިވެސް ބޮންޑެއްގެ ގޮތުގައިވެސް ބޭއްވޭނެ. އޭރުން ދައުލަތުގައި ހުރި އިސްވެރިޔާ އޮތީ ލިޔުން ދެއްވާފައި. ރައްޔިތުން އެތަނަން އަރާ ތިބެންވީ. ކޮންމެހެން މީހަކު ހަވާލުކުރަންދެން ތިބޭކަށް ނުޖެހޭނެ،" އިބްރާހީމް ރަޝީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ގެދޮރުވެރިޔާ ސުކީމުގެ ދަށުން ގޯތި ހޯދުމަށް އަލުން ފޯމު ހުށަހަޅަންޖެހޭ ހާލަތެއް އަތުވެއްޖެނަމަ ހައްގުވެރި ފަރާތްތަކުގެ ހައްގުތައް ގެއްލިގެންދާނެ ކަމަށެވެ. މީގެ އިތުރުން ކުރިން މިހާރުވެސް ގޯތި ހައްގުވެފައި ތިބި މާލޭގެ އެތައް ބައެއްގެ ހައްގުތައް ގެއްލުމުގެ ފުރުސަތު އެބައޮތް ކަމުގައިވެސް ވިދާޅުވި އެވެ.
މާލެ ރައްޔިތުންނަށް ދޫކުރި ގޯތިތައް ތަރައްގީކުރުމަށް އާ ސަރުކާރުން އެހީވާނެ ކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވެ އެވެ. އަދި ގޯތި ލިބުނު މީހުންނަށް އެ މީހުންނަށް ގޯތި ލިބުނު ރަށުން އެ ގޯތިތައް ދޫކޮށްދެއްވާނެ ކަމުގައިވެސް ރައީސް ވިދާޅުވެފައިވެ އެވެ.