ރައްޔިތުންގެ މަޖިލިސް

ބޯހިޔާވަހިކަމާ ގުޅޭ ކުއްލި މައްސަލަ: ހިޔާލު ދެކަފިވެފައި

ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ދޫކުރި ގޯއްޗާއި ފްލެޓްތަކާ ގުޅޭ ގޮތުން މި ސަރުކާރުން އެކި ފަހަރު އެކި ގޮތަށް މައުލޫމާތު ދެމުންދާ ކަމަށް ބުނެ ގޯއްޗާއި ފްލެޓްތަކާ ގުޅޭ ހަގީގީ ސިޔާސަތު ހާމަކުރުމަށް ގޮވާލާ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މި ކުއްލި މައްސަލަ ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހްމަދު ނަސީމު އެވެ.

ކުއްލި މައްސަލައަށް ބަހުސްކުރަން ފާސްވީ ވޯޓު ދެއްވި 29 މެންބަރުންގެ އިއްތިފާގުންނެވެ.

ބަހުސްގައި ވާހަކަ ދެއްކެވި އެމްޑީޕީގެ ބައެއް މެންބަރުން ވަނީ ފުށިދިއްގަރުފަޅު ހިއްކުމަށް މި ސަރުކާރުން ނިންމާފައިވާ ނިންމުމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.

ބޯހިޔާވަހިކަން ގުޅުވަނީ އަންނަ މަޖިލިސް އިންތިހާބާ: މީކާއިލް

ކުއްލި މައްސަލައިގެ ބަހުސްގައި ވާހަކަ ދައްކަވަމުން މައްސަލަ ހުށަހެޅުއްވި މީކާއީލް ވިދާޅުވީ ރައްޔިތުންގެ ބޯހިޔާވަހިކަން މިއަދުގެ ސަރުކާރުން ގުޅުވަން ގަސްތުކުރަނީ އަންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ކަމަށެވެ.

"އިންތިހާބުގައި ކެންޑިޑޭޓުން ވަޑައިގަންނަވާއިރު ޕީޕީއެމް-ޕީއެންސީގެ ކެންޑިޑޭޓުންނަށް ވޯޓު ނުދެއްވާ ކޮންމެ އާއިލާއެއްގެ އަތުން ބޯހިޔާވަހިކަން ފޭރިގަންނާނެ ކަމުގެ އިންޒާރު އެ މެސެޖު އެ ދެއްވަމުން ގެންދަވަނީ،" މީކާއީލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ބޯހިޔާވަހިކަން ހައްލުކުރުމަށް ހުޅުމާލެއިން ހިއްކި ސަރަހައްދުގެ އިތުރުން ގުޅީފަޅާއި ގިރާވަރުފަޅު ތަރައްގީނުކޮށް މި ސަރުކާރުން އާ ތަނެއް ތަރައްގީކުރުމަށް ނިންމާފައިވާއިރު އެތަން ތަރައްގީކުރަން ފައިސާ ހޯދާނެ ގޮތާއި ތަރައްގީކުރާނެ ޕްލޭން ސަރުކާރަށް ބުނެ ނުދެވޭ ކަމަށެވެ.

ބޯހިޔާވަހިކަމުގެ މި މައްސަލައަށް މަޖިލީހުން ވަންނަން ޖެހޭ ކަމަށް ގަބޫލުކުރައްވާވެސް ކަމަށް މީކާއީލް ވިދާޅުވި އެވެ.

ލޭންޑް ޔޫސް ޕްލޭންގައި ހުސް ގޯތި: އިބްރާހީމް ނަސީމު

ކުއްލި މައްސަލައިގެ ބަހުސްގައި ވާހަކަ ދައްކަވަމުން ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހީމް ނަސީމް ވަނީ ކުރީގެ ސަރުކާރުން ގޯތި ދޫކުރަން ނިންމާ އާންމުކުރި ލޭންޑް ޔޫސް ޕްލޭނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ.

"މީގެ އެއްމަސް ކުރިން އަޅުގަނޑަށް އެ ލޭންޑް ޔޫސް ޕްލޭން ފެނުނު ދުވަހު ހައިރާންވި. ހުސް ގޯތިތަކެއް ހުރީ. މިސްކިތެއް ނެތް، މަދަރުސާއެއް ނެތް، ދެން އަނެއްކާ މާލެއަށް ކިޔަވަން. ނަމާދުކޮށްލަން މާލެއަށް،" މިހާރު ޕީއެންސީގެ މެންބަރެއްގެ ގޮތުގައި ހުންނެވި ނަސީމް ވިދާޅުވި އެވެ.

ކުރީގެ ސަރުކާރުން ބޯހިޔާވަހިކަމުގެ މަޝްރޫއު ކުރިއަށް ގެންދިޔައީ އިންތިހާބާ ދިމާކޮށް އަވަސް އަރުވާލައިގެން ކަމަށާއި މި ސަރުކާރުން ދައްކަނީ އޭގައި ހުރި މައްސަލަތައް ހައްލުކުރާ ވާހަކަ ކަމަށް ނަސީމް ވިދާޅުވި އެވެ.

ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު ދެއްވި ނޫސްވެރިންގެ ބައްދަލުވުމަކާއި ގުޅިގެން މިނިސްޓަރު މަޖިލީހުގެ ކޮމިޓީއަށް ހާޒިރުކުރެވުނުއިރު ކޮމިޓީގައި މިނިސްޓަރު ކަންކަން ސާފުކޮށްދެއްވި ކަމަށާއި ގޯތި ދީފައި އޮތްތަން ބަދަލުކުރުމުގެ ނިޔަތް ނެތް ކަމަށް ވިދާޅުވެި ކަމަަށް ނަސީމު ވިދާޅުވި އެވެ.

ނުހައްގުން ދީފައިވާ ގޯއްޗާއި ފްލެޓް އަތުލަންޖެހޭ: އާޒިމު

ކުއްލި މައްސަލައިގެ ބަހުސްގައި ވާހަކަ ދައްކަވަމުން މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމު ވިދާޅުވީ ހައްގު ނޫން ބަޔަކަށް ގޯއްޗާއި ފްލެޓް ދީފައިވާނަމަ މި ސަރުކާރުން އެކަން ބަލައި އެފަދަ ތަންތަން އަތުލަންޖެހޭނެ ކަމަށެވެ.

އާޒިމު ވިދާޅުވީ ވެރިކަމަށް އަންނަ ފަރާތްތަކުގެ އިހުލާސްތެރިކަމެއް ނެތް ކަމަށާއި ވެރިކަމުގެ ދައުރު ނިމެން ކައިރިވެ އިތުރު ދައުރެއް ނުލިބޭނެކަން ޔަގީންވުމުން ކޮންމެ ސަރުކާރަކުންވެސް އަތުޖެހުނު އެއްޗެއް ބަހާލަމުންދާ ކަމަށެވެ.

"ވަކި ސަރުކާރެކޭ އަޅުގަނޑު ނުބުނަން. ކޮންމެ ސަރުކާރަކުންވެސް މިކުރަން ފަށާ ކަމަކީ އަވަހަށް ރިޝްވަތުގެ ގޮތުގައި ނަމަވެސް ހެޔޮ އޮޅުވާލައިގެން ނަމަވެސް އަތުޖެހުނު އެއްޗެއް ބަހާލުން،" އާޒިމު ވިދާޅުވި އެވެ.

ހައްގުވެރިންނަށް ގޯއްޗާއި ފްލެޓް ދީފައިވާނަމަ އެއްވެސް ސަރުކާރަކުން އެ އަތުނުލާނެ ކަމަށްވެސް އާޒިމު ވިދާޅުވި އެވެ.