ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ޒަމާނީ ހިދުމަތް ތައާރަފްކުރުމުގައި އޭޑީކޭގެ ދައުރު ބޮޑު: ރައީސް

Jan 7, 2022
1

ރާއްޖެއަށް ޒަމާނީ ސިއްހީ ހިދުމަތްތައް ތައާރަފްކުރުމުގައި އޭޑީކޭގެ ދައުރު ބޮޑު ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ އޭޑީކޭ ހޮސްޕިޓަލަށް 35 އަހަރު ފުރޭ މުނާސަބަތާ ދިމާކޮށް ބޭއްވި ހާއްސަ ދުވުމުގެ ހަރަކާތެއް ނިންމުމުގެ ގޮތުން މާލޭގެ ދުވާ ޓްރެކްގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ އޭޑީކޭ އިން ހޯދަމުންދާ ބޮޑެތި ކާމިޔާބީތަކުގެ ހިއްސާދާރަކީ އެ ހޮސްޕިޓަލްގެ ޗެއާމަން އަހްމަދު ނާޝިދު ކަމަށެވެ. ނާޝިދުގެ ލީޑަޝިޕްގައި ރާއްޖެއަަށް ޒަމާނީ ސިއްހީ ހިދުމަތްތައް ތައާރަފްކުރުމުގައި އޭޑީކޭ އިން ބޮޑެތި ކާމިޔާބީތަކެއް ހޯދާ، ފަހުރުވެރި މަގާމެއް ހާސިލްކޮށްފައިވާ ކަމަށްވެސް ވިދާޅުވި އެވެ.

ރާއްޖޭގެ މިވަގުތު ހިތުގެ ނާޒުކު ބައެއް އޮޕަރޭޝަންތަކާއި ބޮލާއި ސިކުނޑިއާއި ނާރުގެ ބައެއް އޮޕަރޭޝަންތައް ވެސް މިވަގުތު ކުރެވެން ހުރި ހަމައެކަނި ހޮސްޕިޓަލަކީ އޭޑީކޭ ކަމަށް ރައީސް ފާހަގަކުރެއްވި އެވެ. ރާއްޖޭގައި ސީޓީ ސްކޭންގެ ހިދުމަތާއި އެމްއާރްއައިގެ ހިދުމަތް އަލަށް ފެށީ އޭޑީކޭގައި ކަމަށާއި ކެންސަރު ބަލި ދެނެގަތުމުގެ ގޮތުން ހަދާ ޕެޓް ސީޓީ ސްކޭންގެ ހިދުމަތާއި އެންމެ ފަހުގެ އެމްއާރްއައިގެ ހިދުމަތް އޭޑީކޭގައި ފެށުމަށް ތައްޔާރުވަމުންދާ ކަމަށްވެސް ވިދާޅުވި އެވެ.

"އެއީ ރާއްޖެއަށް މިވަގުތަށް ވަރަށް ބޭނުންޖެހިފައި އޮތް ހިދުމަތްތަކެއް،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ އާދައިގެ ކްލިނިކެއްގެ ގޮތުގައި 1987 ވަނަ އަހަރު ފެށި ކްލިނިކް މިއަދު އޭޑީކޭ ހޮސްޕިޓަލަށް ބަދަލުވެ މިދިޔަ 35 އަހަރުގެ ތެރޭގައި އެ ހޮސްޕިޓަލުން ހޯދި ކާމިޔާބީތަކާ އެކު ދިވެހިންގެ ސިއްހީ ދުޅަހެޔޮކަމާއި އާދަކާދައަށް ވެސް ހެޔޮ ބަދަލުތަކެއް އައިސް ކުރިއެރުން ތަކެއް ލިބިފައިވާ ކަމަށެވެ.

"[އޭޑީކޭގެ] ކޮންމެ ކާމިޔާބަކީ އާންމު ރައްޔިތުންގެ ސިއްހަތަށް ލިބޭނެ ކުރިއެރުމެއް" ރައީސް ވިދާޅުވި އެވެ.

ރައީސް އިތުރަށް ވިދާޅުވީ ރާއްޖެއަށް ދިމާވާ ގުދުރަތީ ކާރިސާތަކުގައިވެސް ރައްޔިތުންނަށް ހިދުމަތް ދިނުމުގައި އޭޑީކޭ އަބަދުވެސް ސަފުގެ ކުރިއަށް ނިކުންނަ ކަމަށެވެ.