ހަބަރު

މުސާރައިން ކަނޑައިގެން ހައްޖަށް ފޮނުވާ ސްކީމް ކުރިއަށް ގެންދާނެ: ހައްޖު ކޯޕަރޭޝަން

  • ސްކީމް މަޑުޖައްސާލީ އިދާރީ ކަންކަން ފުރިހަމަކުރަން
  • ކުރިއަށް އޮތް ދެ ހަފްތާގެ ތެރޭ ސްކީމް ފަށާނެ
  • އަމިއްލަ ކުންފުނިތަކާއި ސަރުކާރު ކުންފުނިތައް ބައިވެރިވާނެ

މުސާރައިން ކަނޑައިގެން ހައްޖަށް ފޮނުވައިދިނުމަށް މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން ތައާރަފްކުރި ސްކީމް ހުއްޓައިނުލާ ކުރިއަށް ގެންދާނެ ކަމަށާއި ކުރިއަށް ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ސްކީމް ފަށާނެ ކަމަށް އެ ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރު ޔާމިން އިދުރީސް ވިދާޅުވެއްޖެ އެވެ.

މުސާރަ އިން ކަނޑައިގެން ހައްޖަށް ގެންގޮސްދިނުމަށް ހައްޖު ކޯޕަރޭޝަނުން ގާއިމްކޮށްފައިވާ ސްކީމުގެ ދަށުން އެންމެ ފުރަތަމަ ސޮއި ކުރަން އެމްއޭސީއެލްއާއެކު ނިންމާފައި ވަނިކޮށް އެއްބަސްވުމުގައި ސޮއި ނުކުރަން މިނިސްޓްރީ އިން ވަނީ އަންގައިފަ އެވެ.

"އަވަސް"އަށް މައުލޫމާތު ދެއްވަމުން ޔާމީން ވިދާޅުވީ، ރޭ ސޮއިކުރުމަށް ހަމަޖެހިފައި އޮތް އެއްބަސްވުމުގައި ސޮއިކުރުން ފަސްކޮށްފައިވަނީ އިދާރީ ބައެއް ކަންކަން ނުނިމު ހުރުމުން ކަމަށެވެ. ޔާމީން ވިދާޅުވީ، އެ ހުރިހާ ކަމެއް ހަމަޖައްސައި މި ސްކީމްގެ ދަށުން ކުރިއަށް އޮތް ހަފުތާއެއް ނުވަތަ ދެ ހަފުތާގެ ތެރޭގައި ސަރުކާރުގެ ބޮޑެތި ކުންފުނިތަކާއެކު ސޮއިކުރާނެ ކަމަށެވެ. އަދި އަމިއްލަ ކުންފުނިތަކުން ވެސް މި ސްކީމްގައި ބައިވެރިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މި ސްކީމަކީ ހައްޖަށް ދިއުމަށްޓަކައި މުސާރައިން އުނިކުރަމުން ގޮސް ފައިސާ ހަމަވީމަ ހައްޖަށް ދެވޭ ސްކީމެއް މިއީ. މި ސްކީމަކީ އެ ބޭފުޅަކު ބޭނުންވާ މިންވަރަކަށް މުސާރައިން ކަނޑައިގެން ކުރިއަށްދާ ސްކީމެއް،" ޔާމީން ވިދާޅުވި އެވެ.

ޔާމީން ވިދާޅުވީ، ހައްޖަށް ދާން ބޭނުން ޖުމްލަ އަދަދުގެ 75 ޕަސެންޓް ފައިސާ ހަމަވުމުން އެ މުވައްޒަފަކަށް އެކަން އަންގާ ސިޓީއެއް ފޮނުވާނެ އެވެ. އަދި އެ މުވައްޒަފަކު ހައްޖަށް ދިއުމަށް ހަމަޖެހިފައިވާ އަހަރާއި ބާކީ 25 އިންސައްތަ ދައްކަން ޖެހޭ މުއްދަތު ހާމަކޮށް ސިޓީއެއް ފޮނުވާނެ ކަމަށް ޔާމީން ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ފައިސާގެ ބާކީ 25 އިންސައްތަ އެ މުއްދަތުގައި އެ މުވައްޒަފަކަށް ދައްކަން އުނދަގޫވެއްޖެނަމަ މުއްދަތު އިތުރު ވެސް ކޮށްދޭނެ އެވެ.

"މީގަ ލިބޭ ފައިދާއަކީ މުސާރައިން އުނިކުރާ ފައިސާ ޝަރީއާ ހުއްދަކުރާ އިންވެސްޓްމެންޓްތަކުގައި އިންވެސްޓްކުރަން، އަދި އޭގެ ލިބެން ނަފާގެ 95 އިންސައްތަ އެބަ ބެހިގެންދޭ ފައިސާ ލާފައި ތިބޭ ފަރާތްތަކުގެ މެދުގައި،" ޔާމީން ވިދާޅުވި އެވެ.

ޔާމީން ވިދާޅުވީ މި ސްކީމްގައި އެ ކުންފުންޏަކުން ބައިވެރިވުމުގެ މާނައަކީ ކުންފުނީގެ ހުރިހާ މުވައްޒަފުން ސްކީމްގައި ބައިވެރިވުން މަޖުބޫރުވުން ނޫން ކަމަށާއި މި ސްކީމްގައި ބައިވެރިވާނީ އެ މުވައްޒަފެއްގެ އަމިއްލަ އިހުތިޔާރުގައި ކަމަށެވެ.