ހަބަރު

ނަޝީދު އާ ބައްދަލުކުރަން އަދިވެސް އެކަށީގެންވާ ފުރުސަތެއް ނުދޭ: ވަކީލުން

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްސަލަ އިސްތިއުނާފު ކުރުމުގެ ގޮތުން ވާންޖެހޭ ތައްޔާރީތައް ވުމުގެ ގޮތުން ނަޝީދާ ބައްދަލު ކުރުމަށް އިއްޔެ އެދުނު ފުރުސަތު އަދި ލިބިފައިނުވާ ކަމަށް ގާނޫނީ ވަކީލް ހަސަން ލަތީފް ވިދާޅުވެއްޖެ އެވެ.

"އަވަސް"އަށް މައުލޫމާތު ދެއްވަމުން ހަސަން ވިދާޅުވީ ސުޕްރީމް ކޯޓަށް އިސްތިއުނާފުގެ މައްސަލަ ހުށަހެޅުމަށް ވާން ޖެހޭ ތައްޔާރީތައް ވުމުގެ ގޮތުން ނަޝީދާ އިއްޔެ ދެ ގަޑިއިރު ވަންދެން ބައްދަލުކޮށްފައިވާނެ ކަމަށާއި މިއަދު ވެސް ބައްދަލުކޮށްދިނުމަށް ރާވައި އިއްޔެ ވެސް އެދިފައި ކަމަށް ވިދާޅުވި އެވެ.

"މިއަދު ވެސް މިއުޅެނީ އިސްތިއުނާފުގެ މައްސަލަ ހުށައެޅޭތޯ، މިއަދު މިއުޅެނީ ހުއްދައެއް ނުލިބިގެން އަދި، ގަޑިއެއް ނުލިބިގެން އަޅުގަނޑުމެން މި ތިބެނީ، އިއްޔެ ވާނީ މިއަދު ބައްދަލުކުރުމަށް ފުރުސަތަކަށް އެދިފައި،" ހަސަން ވިދާޅުވި އެވެ.

ރައީސް ނަޝީދާއެކު އިއްޔެ ބޭއްވި ބައްދަލުވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވަކީލް ހަސަން ލަތީފް ވިދާޅުވީ، ބައްދަލުކުރުމަށް ދެ ގަޑިއިރެއްގެ ފުރުސަތެއް ލިބުނު ނަމަވެސް އެެއީ އެކަށީގެންވާ ވަގުތެއް ނޫން ކަމަށެވެ.

ހަސަން ދެކެވަޑައިގަންނަވާ ގޮތުގައި އިސްތިއުނާފަށް ހުށަހަޅާ މައްސަލަ ތައްޔާރު ކުރުމަށް އެކަށީގެންވާ މާހައުލެއް ޖަލުގައި ތައްޔާރުކޮށްފައެއް ނުވެ އެވެ. ހަސަން ވަނީ އެ ބައްދަލުވުމަށް ލެޕްޓޮޕް ނުވެއްދޭތީ އެކަމުގެ ސަބަބުން ބޮޑެތި އުނދަގޫތަކެއް ކުރިމަތިވާ ކަމަށް ވިދާޅުވެފަ އެވެ. އަދި ނަޝީދު ކައިރިއަށް ޖަލަށް ޒިޔާރަތްކޮށް ލިބޭ ކުޑަވަގުތުކޮޅުގައި ހޯދޭ މައުލޫމާތުތައް އަލުން މާލެ އައިސް ލިޔަން ޖެހުމުން މައްސަލަ ތައްޔާރު ކުރަން ހުރަސްއެޅޭ ކަމަށް ހަސަން ވިދާޅުވި އެވެ.

ހަސަން ލަތީފް ވިދާޅުވީ ރައީސް ނަޝީދުގެ އިސްތިއުނާފުގެ މައްސަލަ ވީއެންމެ އަވަހަކަށް ސްޕްރީމް ކޯޓަށް ހުށަހެޅުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. ހޯމް މިނިސްޓްރީ އިން އިއްޔެ ބުނެފައި ވަނީ ނަޝީދުގެ ވަކީލުންނާ ކޮންމެ ދުވަހަކު ބައްދަލު ކުރެވޭނެ އިންތިޒާމް ހަމަޖައްސާފައިވާނެ ކަމަށެވެ.