ހަބަރު

ކުރީގެ ދެ ޑިފެންސް މިނިސްޓަރުން އައްސޭރި ޖަލަށް

ކުރީގެ ދެ ޑިފެންސް މިނިސްޓަރުން ކަމަށްވާ މުހައްމަދު ނާޒިމާއި ތޮލްހަތު އިބްރާހީމް ކަލޭފާނު އަނެއްކާ ވެސް ހިމަފުށީ އައްސޭރި ޖަލަށް ބަދަލުކޮށްފި އެެވެ.

ކަރެކްޝަންގެ މީޑިއާ އޮފިޝަލް "އަވަސް"އަށް ވިދާޅުވީ ކުރީގެ ދެ ޑިފެންސް މިނިސްޓަރުން ހިމަންފުށީ އައްސޭރި ޖަލަށް މިއަދު ބަދަލުކޮށްފައިވާނެ ކަމަށާއި އެއީ އާންމު އުސޫލުގެ ދަށުން ގެނައި ބަދަލެއް ކަމަށެވެ.

ނާޒިމާއި ތޮލްހަތު މީގެކުރިން ތިބީ މާފުސީ ޖަލުގަ އެވެ. އެ ދެ ބޭފުޅުން ހިމަންފުށީ ޖަލުން މާފުށީ ޖަލަށް ބަދަލުކޮށްފައިވަނީ މިދިޔަ އޮކްޓޯބަރު މަހުގެ 25 ވަނަ ދުވަހުއެވެ. ނާޒިމާއި ތޮލްހަތުގެ އިތުރުން ރައްޔިތުން މަޖިލީހުގެ ދިއްގަރު ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ނާޒިމު ވެސް އެ ދުވަހު އެ ޔުނިޓަށް ބަދަލުކޮށްފަ އެވެެ.

ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް 11 އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުންދާއިރު ނާޒިމް ޖަލަށްލުމަށް ހުކުމް ކޮށްފައިވަނީ އެބޭފުޅާ ދިރިއުޅުއްވާ އެޕާޓްމެންޓުން ފިސްތޯލެއް ފެނުނު މައްސަލާގަ އެެވެ. ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގެ ޑިފެންސް މިނިސްޓަރު ތޮލްހަތު 10 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުންދާއިރު ތޮލްހަތު ޖަލަށް ލާފައިވަނީ ކްރިމިނަލް ކޯޓުގެ އިސްގާޒީ އަބުދުﷲ މުހައްމަދު ހައްޔަރު ކުރި މައްސަލާގަ އެވެ.