ފޮރިން މިނިސްޓްރީ

ރާއްޖޭން ބުރުންޑީއާ އެކު ސިޔާސީ ގުޅުން ގާއިމުކޮށްފި

Jan 21, 2022

ދިވެހިރާއްޖެ އިން ރިޕަބްލިކް އޮފް ބުރުންޑީއާ އެކު ސިޔާސީ ގުޅުން ގާއިމުކޮށްފި އެވެ.

އދ.ގެ މައި މަރުކަޒުގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި ރާއްޖޭގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އދ. އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބް ތިލްމީޒާ ހުސައިން އެވެ. ބުރުންޑީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އދ.ގައި ހުންނަވާ އެ ގައުމުގެ ދާއިމީ މަންދޫބް ޒެފެރިން މާނިރާ ޓާންގާ އެވެ.

ރާއްޖޭގެ ފޮރިން މިނިސްޓްރީން ބުނީ ދިވެހިރާއްޖެއާއި ދެމެދު އޮންނަ ގުޅުމަށް އިހްތިރާމް ކުރާ އަދި އެ ގުޅުމުގެ އަގު ވަޒަންކުރާ ގައުމުތަކާއެކު އޮންނަ ގުޅުން ބަދަހިކުރުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްގެ ޚާރިޖީ ސިޔާސަތުގައި އިސްކަންދޭ އެއް ކަންތައް ކަމަށެވެ.

ދިވެހިރާއްޖެއާއި ބުރުންޑީ އަކީ ބައިނަލްއަގްވާމީ މަސްރަހްގައި ހިޔާލު އެއްގޮތް ދެ ގައުމަށް ވާތީވެ ޑިޕްލޮމެޓިކް ގުޅުން ގާއިމުކުރުމާއެކު ދެ ގައުމު ގުޅިގެން ބައިނަލްއަގްވާމީ މަސްރަހުގައި ގިނަ މަސައްކަތްތަކެއް ކުރުމަށް މަގު ފަހިވެގެންދާނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެ އެވެ.

ރާއްޖެއިން ބުރުންޑީއާއެކު ގާއިމުކުރި ސިޔާސީ ގުޅުމާއެކު ރާއްޖެއިން ރަސްމީ ސިފައެއްގައި ސިޔާސީ ގުޅުން ގާއިމުކޮށްފައިވާ ގައުމުތަކުގެ އަދަދު ވަނީ 179 އަށް އިތުރުވާނެ އެވެ.

ބުރުންޑީ އަކީ 11.89 މިލިއަން މީހުންގެ އާބާދީއެއް އޮންނަ އެފްރިކާ ބައްރަށް ނިސްބަތްވާ ލޭންޑްލޮކް ނުވަތަ ކަނޑުމަގުން ވަށައިގެން ބެނދިފައިވާ ގައުމެކެވެ.