ރައްޔިތުންގެ މަޖިލިސް

ސައުދީ ސަފީރަކަށް ސަރީރު އައްޔަންކުރަން ރުހުން ހޯދަނީ

ރާއްޖެއިން ސައުދީ އަރަބިއްޔާއަށް ކަނޑައަޅާ ސަފީރު ކަމަށް މ. ވެސްޓްސައިޑް އަހުމަދު ސަރީރު އައްޔަންކުރުމަށް ނިންމަވާ ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަށް ހުށަހަޅުއްވައިފި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު މަޖިލީހަށް ފޮނުއްވި ސިޓީގައި ސަރީރުއަށް ރުހުން ދިނުމާ މެދު މަޖިލީހަށް ފެނިވަޑައިގަންނަވާ ގޮތެއް އަންގަވައިދެއްވުމަށް އެދިވަޑައިގެންފައިވެ އެވެ.

ސަރީރުއަށް ރުހުން ދިނުމުގެ މައްސަލަ ދިރާސާކުރުމަށް މަޖިލީހުގެ ހާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް މިއަދުގެ ޖަލްސާގައި ވަނީ ފޮނުވާފަ އެވެ.

ސަރީރު ވަނީ މީގެ ކުރިން ފޮރިން ސެކްރެޓަރީގެ މަގާމު އަދާކުރައްވާފަ އެވެ. މީގެ އިތުރުން އދ. އަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ޕާމަނަންޓް ރެޕްރެޒެންޓެޓިވްގެ މަގާމާއި އެމެރިކާއަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ މަގާމުވެސް އަދާކުރެއްވި އެވެ.

އަޙްމަދު ސަރީރަކީ 1986 ވަނަ އަހަރުން ފެށިގެން ރާއްޖޭގެ ޚާރިޖީ ދާއިރާގެ އެކި މަގާމުތަކުގަޔާއި އަދި ރާއްޖޭގެ ޑިޕްލޮމެޓިކް މިޝަންތަކުގެ އެކި ފެންވަރުގެ މަގާމުތަކުގައި ހިދުމަތް ކުރައްވަމުން ގެންދަވާފައިވާ ބޭފުޅެކެވެ.