އޮލިމްޕިކް ސުލްހައިގެ އެއްބަސްވުމަށް ދޭ އަހައްމިއްޔަތުކަން ދެއްކުމަށް އދގެ އާންމު މަޖިލީހުގެ 76 ވަނަ ސެޝަންގެ ރައީސް އަބްދުﷲ ޝާހިދު މެމްބަރު ގައުމުތަކަށް ގޮވާލައްވައިފި އެވެ.
ޝާހިދު މިކަމަށް ގޮވާލެއްވީ އޮލިމްޕިކް ސުލްހައިގެ އެއްބަސްވުމާ ގުޅިގެން އދގެ އާންމު މަޖިލީހުގެ ރައީސްގެ ފަރާތުން މެމްބަރު ގައުމުތަކަށް އާއްމު ކުރެއްވި މެސެޖެއްގަ އެވެ.
ޝާހިދު ވިދާޅުވީ ކުޅިވަރަކީ ދެމެހެއްޓެނެވި ތަރައްގީ އަށް މަގުފަހިކޮށްދޭ ކަމެއް ކަމަށާއި ދެމެހެއްޓެނެވި ތަރައްގީގެ އެޖެންޑާ 2030 އަށް ވަނީ ފާހަގަކޮށްފައި ކަމަށެވެ. އަމާންކަމާއި ތަރައްގީ ހާސިލް ކުރުމުގައި ކުޅިވަރުގެ ދައުރު އިތުވެފައިވާ މިންވަރު ހާމަކުރައްވަމުން ޝާހިދު ވިދާޅުވީ ކުޅިވަރުން ޒުވާނުންނާއި އަންހެނުންގެ ކުރިއެރުމަށާއި، އަދި ވަކިވަކި ފަރުދުންނަށާއި، މުޖުތަމާއަށާއި، ސިއްހަތާއި ތައުލީމަށް، އަދި އިޖުތިމާއީ ބައިވެރިވުން ފުޅާވުމުގައި ކުޅިވަރުގެ ދައުރު އިތުރުވެފައިވާ ކަމަށެވެ.
އެހެންކަމުން މިދިޔަ ޑިސެމްބަރު މަހުގެ ދެވަނަ ދުވަހު އދ. އާންމު މަޖިލީހުން ގަރާރެއް ފާސްކޮށް، އދ މެމްބަރު ހުރިހާ ގައުމުތަކުން އޮލިމްޕިކް ސުލްހައިގެ އެއްބަސްވުގައި ހިފެހެއްޓުމަށް ނިންމާފައިވާ ކަމަށްވެސް ޝާހިދު ވިދާޅުވި އެވެ.
"މިފަހަރު ބެއިޖީންގައި ބާއްވާ އޮލިމްޕިކް ގޭމްސް ފެށެން ހަތް ދުވަހުގެ ކުރިން ހުރިހާ ހަނގުރާމައެއް ހުއްޓާލައި، އަދި ކުޅިވަރުތައް ނިމި ހަފްތާއެއް ވަންދެން ދުނިޔޭގެ އެއްވެސް ގައުމަކުން ހަނގުރާމައެއް ނުކުރުމަށް އެދި ވަނީ މެމްބަރު ގައުމުތަކުން ގަރާރު ފާސްކޮށްފައި." ޝާހިދު ވިދާޅުވި އެވެ.
އދ އާއި އޮލިމްޕިކް ގޭމްސްގައި ހުރި އެއްގޮތް މަގްސަދުތައް ހާމަކުރުމުގެ ގޮތުން އިންޓަނޭޝަނަލް އޮލިމްޕިކް ކޮމިޓީން ވަނީ އޮލިމްޕިކް ސްޓޭޑިއަމް އާއި އޮލިމްޕިކް ވިލެޖްތަކުގައި އދގެ ދިދަ ވިހުރުވާލަން ނިންމާފަ އެވެ.
މީގެ އިތުރުން ޝާހިދު ވަނީ އދ ގެ މެމްބަރު ގައުމުތަކަށް އޮލިމްޕިކް ސުލްހައިގެ އެއްބަސްވުމަށް ދޭ އަހައްމިއްޔަތުކަން ދައްކައި ދިނުމަށާއި، އެ ޓްރޫސްގެ މައްޗަށް ބިނާކޮށް ސުލްހައާއި އަމާންކަމުގެ ސަގާފަތެއް ކުރިއެރުވުމަށް ގޮވާލައްވާފަ އެވެ.
އޮލިމްޕިކް ޓްރޫސް ނުވަތަ އޮލިމްޕިކް ސުލްހައިގެ އެއްބަސްވުމަކީ އޮލިމްޕިކް ގޭމްސްއާއި ގުޅިގެން 18 ވަނަ ބީސީގައި ގަދީމީ ގްރީކްގައި ތައާރަފް ކުރި އޮލިމްޕިކް ގޭމްސްގެ މުހިންމު އަސާސެކެވެ. 1992 ގައި ބައިނަލްއަގުވާމީ އޮލިމްޕިކް ކޮމިޓީން މި އާދަ އަލުން ދިރުވުމަށްޓަކައި، ގަދީމީ ދުވަސްވަރުހެން، މިހާރުގެ އޮލިމްޕިކްގެ ދުވަސްވަރުގައިވެސް އޮލިމްޕިކް ސުލްހައިގެ އެއްބަސްވުން ގާއިމުކުރުމަށް ގޮވާލަން ނިންމި އެވެ. މި އެއްބަސްވުމުގައި ގޮވާލަނީ އޮލިމްޕިކް ގޭމްސް ނިމެންދެން ހަނގުރާމަ އަދި ހަމަނުޖެހުންތަކުން ބަރީއަވެ ތިބުމަށެވެ.