ވިޔަފާރި

އެސްޓީއޯއަށް 51 އަހަރު: އުފެއްދުންތެރިކަން އިތުރު ކުރުމުގެ އަމާޒަށް!

Dec 20, 2015
  • އަންނަ އަހަރުވެސް ކުންފުނީގެ މިޝްރާބު ރަނގަޅު
  • އަމާޒު ހަރަދު ކުޑަކޮށް، އުފެއްދުންތެރިކަން އިތުރު ކުރަން

އެސްޓީއޯގެ 51 ވަނަ އަހަރީ ދުވަހާ ދިމާކޮށް، ހަރަދު ކުޑަކޮށް، އުފެއްދުންތެރިކަން އިތުރު ކުރަން ހާއްސަ ކެމްޕޭނެއް ފަށައިފި އެވެ.

ރާއްޖޭގެ އެންމެ ދުވަސްވީ ކުންފުނި، އެސްޓީއޯ އަށް 51 އަހަރު ފުރުމާ ދިމާކޮށް "އަވަސް" އަށް ވާހަކަ ދައްކަވަމުން އެސްޓީއޯ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަހީރު ވިދާޅުވީ އަންނަ އަހަރަށް ހާއްސަކޮށްގެން "ވިލް" ގެ ނަމުގައި ހާއްސަ ކެމްޕޭނެއް ފަށާފައިވާ ކަމަށެވެ.

"އަންނަ އަހަރަށް ހާއްސަކޮށްގެން ޕްރޮޑަކްޓިވިޓީ ރަނގަޅު ކޮށް ހަރަދު ކުޑަ ކުރުމަށް ހާއްސަ ކެމްޕޭނެއް މި ފެށީ. ކުންފުނިތަކުން ކުރާ މަސައްކަތްތަކުގެ މައްޗަށް ބަލައި މި ކެމްޕޭން ލޯންޗު ކުރީ،" ޝަހީރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިދިޔަ އަހަރަކީ ވެސް ކުންފުނީގެ ޕާފޯމަންސް ރަނގަޅު އަހަރެއް ކަމަށެވެ.

"ކުންފުނީގެ މިޝްރާބު ހުރީ ރަނގަޅަށް. މިދިޔަ އަހަރުގެ ޕާފޯމަންސް ވެސް ރަނގަޅު،" ޝަހީރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި ހިނގާ އަހަރު އެ ކުންފުންޏަށް ހޯދުނު އެންމެ ބޮޑު އެއް ކާމިޔާބީއަކީ ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ބޭސް ފިހާރައެއް ހުޅުވުން ކަމަށެވެ. މީގެ އިތުރުން އެ ކުންފުނިން 500 ވަޒީފާ އުފެއްދުމަކީވެސް ކާމިޔާބީއެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"މީހުން ދިރިއުޅޭ 180 އަށްވުރެ ގިނަ ރަށުގައި ބޭސް ފިހާރައެއް ވަނީ ހުޅުވިފައި،" ޝަހީރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އަންނަ އަހަރު އެންމެ ބޮޑު އިސްކަމެއް ދޭނީ އިންފްރާސްޓަކްޗާ ބިލްޑް ކުރުމަށް ކަމަށެވެ.

"ތެލުގެ ފެސިލިޓީ ތަރައްގީ ކުރުމާއި އިތުރު އެހެން ކަންތައްތައް ތަަރައްގީ ކުރުން މަގުސަދަކީ،" ޝަހީރު ވިދާޅުވި އެވެ.

"ހިއްސާދާރުންނަށް ފައިދާ ވާނެ،"

އެމްޑީ ޝަހީރު ވިދާޅުވީ ހިއްސާދާރުންނާއި ވިޔަފާރީގެ ބައިވެރިން ހިތްހަމަ ޖެހޭވަރުގެ ފައިދާއެއް މިދިޔަ އަހަރު ވެސް ލިބިފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި ވެސް ތަރައްގީ ލިބިގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ކުންފުންޏަކީ އަބަދު ވެސް ހިދުމަތް ދެނީ ރީޒަނަބަލް ފައިދާއެއްގައި. މި ކުންފުންޏަކީ ރައްޔިތުންގެ ކުންފުންޏަކަށް ވީމަ އަގުތައް ވަކި މިންވަރެއްގައި ބެހެއްޓުމަށް،" ޝަހީރު ވިދާޅުވި އެވެ.

އެސްޓީއޯއަކީ 1986 ވަނަ އަހަރު އުފެއްދި ކުންފުންޏެވެ. އަދި އެ ކުންފުނީގެ މައިގަނޑު ވިޔަފާރިއަކީ ރާއްޖެއަށް ތެޔޮ އެތެރެކުރުމެކެވެ. މީގެ އިތުރުން ރާއްޖެއަށް ބޭނުންވާ ކާޑު އެތެރެކުރަނީ ވެސް އެސްޓީއޯ އިންނެވެ.