ހަބަރު

ކޭޕާކަށް އިތުރު ވަގުތު، މީ އެންމެ ހިތްގައިމު ކޮންޑޮމީނިއަމް

Feb 3, 2022
2

ހުޅުމާލޭގެ ސެންޓްރަލް ޕާކުގެ ހުޅަނގު ފަރާތުގައި 14 ބުރިއަށް އިމާރާތް ކޮށްފައިވާ ކޮންޑޮމީނިއަމް، "ކޭ ޕާކް ރެޒިޑެންސް" ފްލެޓްތަކުގެ މަސައްކަތް ކޮވިޑް-19 އިގެ ހާއްސަ ހާލަތާ ގުޅިގެން މަޑު ޖެހުން އައިސްފައި ވާތީ މަސައްްކަތުގެ މުއްދަތު އެޗްޑީސީން އިތުރު ކޮށްދީފި އެވެ.

ކޮރެއަން ލަގްޒަރީ ރާއްޖެއަށް ތައާރަފު ކުރާ ކޭޕާކަކީ 110 އެޕާޓްމަންޓްގެ އިމާރާތެކެވެ. އޭގެ ތެރޭގައި ހިމެނެނީ ދެ ކޮޓަރި އާއި ތިން ކޮޓަރީގެ އެޕާޓްމެންޓްތަކެވެ. ކޭޕާކް ރެސިޑެންސް ބިލްޑިން ހިމެނޭ ބިމަކީ 21،000 އަކަފޫޓްގެ ބިމެކެވެ. އެ ބިލްޑިންގުގައި މީހުން ދިރިއުޅޭ އެޕާޓްމެންޓްތައް ހުންނާނީ 11 ބުރިއެއްގަ އެވެ. އިމާރާތުގެ ބޭސްމަންޓް ޕާކިން އަށް ހާއްސަ ކޮށްފައިވާއިރު ފުރަތަމަ ދެ ބުރި ހާއްސަކޮށްފައި އޮންނާނީ ކޮމާޝަލް ބޭނުން ތަކަށެވެ. މި ކޮންޑެމީނިއަމްގެ މަސައްކަތް ފެށީ 2017 ވަނަ އަހަރު އެވެ.

މަސައްކަތް ފެށި އިރު ލަފާކުރީ އިމާރާތުގެ ހުރިހާ މަސައްކަތެއް ނިމި 2020 އާއި 2021 އާއި ދެމެދު އެޕާޓުމަންޓްތަކުގައި މީހުންނަށް ދިރިއުޅެން ވެއްދޭނެ ކަމަށެވެ. އެކަަމަކު، ކޮވިޑާ ގުޅިގެން ކޭޕާކް އެއްކޮށް ނިމިފައި ނުވާތީ އެޗްޑީސީން އައީ މުއްދަތު އިތުރު ކޮށްދެމުންނެވެ.

އެޗްޑީސީން ބުނާ ގޮތުގައި ކޭޕާކް އެޕާޓްމަންޓްތައް ނިންމުމުގެ މުއްދަތު އަނެއްކާވެސް އިތުރު ކޮށްދިނީ އެހެން ގޮތަކަށް ގެންގޮސް ޓާމިނޭޓް ކޮށްފި ނަމަ އެޗްޑީސީ އަށާއި ކޭޕާކުން ފްލެޓް ގަަތް މީހުންނަށް ވެސް ގެއްލުންތަކެއް ވެދާނެތީ އެވެ. ކޭޕާކް އެޕާޓްމަންޓްތަކުގެ މަސައްކަތްތައް ނުނިމި ލަސްވެފައި ވަނީ އެ ތަނުގައި މަސައްކަތްކުރާ މުވައްޒަފުން ކޮވިޑަށް ޕޮޒިޓިވްވުމާއި ކޮންޓެކްޓްވުމުން ކަރަންޓީން ވާން ޖެހިގެނެވެ. ޗައިނާއި މުވައްޒަފުން ގެނައުމުން ދައްޗަ ކުރިމަތި ވެގެނެވެ.

ކޭ ޕާކް ރެސިޑެންސަކީ ކޮރެއާގެ ހަމްބޯ ކުންފުނީގެ ޕްރޮޖެކްޓެކެވެ. އެ ކުންފުނީގެ ލޯކަލް ޕާޓްނަރު ހަމްބޯ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު ހަސަން މަމްދޫހު (މަންޑޭ) ވިދާޅުވި ގޮތުގައި މިދިއަ 2021 ވަނަ އަހަރު ތެރޭ އެޕާޓްމަންޓުތަކުގެ މަސައްކަތް ނިންމާނެ ކަމުގެ ޔަގީންކަން ދެމުން އައި ނަމަވެސް ކޮވިޑްގެ އިތުރު ރާޅުތައް ރާއްޖެ އަށް އައުމާއި ކޮވިޑާ ގުޅިގެން އުފަންވި އެހެން ވެސް ލަސްވުންތަކާއި ސަބަބުތަކާހުރެ ހުރިހާ ދިމާއަކުން ލަސްވީ ކަމަށެވެ.

ކޮވިޑްގެ ވަކި ހިސާބަކުން ބައެއް ފަރާތްތައް މަގުމަތީން ލޭބަރުން "ހޮވައިގެން" މަސައްކަތް ފެށި ނަމަވެސް ހަންބޯއިން މަސައްކަތް ކުރީ ޗައިނާގެ މަސައްކަތްތެރިން ރާއްޖޭގެ ގެނެވޭނެ މަގެއް ފެނޭތޯ އެވެ. މަންޑޭ ވިދާޅުވީ ޗައިނާގެ މަސައްކަތްތެރިންނާއެކުގައި ނޫނީ މަސައްކަތް ނުފަށަން ނިންމުނީ ބޭނުންވި ގޮތަށް މަސައްކަތުގެ ފެންވަރު ހިފަހައްޓައިގެން ކުރިޔަށް ދާށެވެ.

މަންޑޭ ވެސް މިއަދު ވިދާޅުވީ ކޭޕާކްގެ މަސައްކަތަށް އެޗްޑީސީ މުއްދަތު އިތުރުކޮށް ދޭން އާންމު ސިޓީއެއް ދީފައިވާ ކަމަށާއި ކޭޕާކްގެ މަސައްކަތުގައި މިހާތަނަށް ދިމާވި ހުރިހާ ގޮންޖެހުމެއްގެ ތެރޭގައި ވެސް އެޗްޑީސީން ވަރަށް ބޮޑު އެހީތެރި ކަމަކާއި އެއްބާރުލުމެއް ދެމުން އައިސްފައިވާ ކަމަށެވެ.

ކޭޕާކް ކޮންޑޮމީނިއަމްގެ ބައެއް ސިފަ

  • ޑޭ ކެއާ ސެންޓަރުތަކާއި ޖިމްތައް ހުންނާނެ
  • ކޮރެއަން ސްޓައިލްގެ ފްރެންޗައިސް ރެސްޓޯރެންޓް ހުންނާނެ
  • އެޕާޓްމެންޓްތައް ހުންނާނީ އިންޝުއަރެންސް ކޮށްފައި
  • އެޕާޓްމަންޓްތައް ހުންނާނީ ސެމީ ފާނިޝްކޮށްފައި
  • އެޕާޓްމަންޓްގައި ހުންނާނީ ކޮރެއާގެ ބްރޭންޑްތައް
  • އިމާރާތް ދިއްލާ ލިފްޓް ބޭނުން ކުރާނީ ސޯލާ ހަކަތައިން
  • ސްޓްރެޗާ ލިފްޓެއް ހިމެނޭ ގޮތަށް ފަސް ލިފްޓް
  • ޓައިލްސް އާއި ބިއްލޫރި މޫސުމާ އެއްގޮތަށް ފިނިހޫނު މިން ހިފަހައްޓާނެ
  • ޓެރަސްގައި ސްވިމިން ޕޫލާއެކު އިވެންޓް ސްޕޭސް
  • އެޕާޓްމަންޓެއްގެ އަގު ތިން މިލިއަނާއި ހަ މިލިއަން
  • ބީއެމްއެލް މެދުވެރިކޮށް ފައިސާ ދެއްކޭނެ


"އަޅުގަނޑު ވަރަށް ބޮޑަށް އެޗްޑީސީގެ އެހީތެރިކަން ފާހަކުރަން ޝުކުރުވެސް ދަންނަވަން، އެކަމަކު މިންވަރުގެ ހައިއެންޑް ކޮންޑެމީނިއަމެއް ނިންމައި ޑެލިވާ ކުރުމުގައި ގޮންޖެހުންތައް ހުރޭ... ކޮވިޑާއެކު ބައިވަރު ސަބަބުތައް އައިސްގެން ލަސް ވެއްޖެ، އެކަމާ އަޅުގަނޑުމެން ވަރަށް ބޮޑަށް މާފަށް ވެސް އެދެން، އެހެންވެސ އެޗްޑީސީގެ އެހީއާއެކު މަސައްކަތް މި ކުރަނީ މި އަހަރު ތެރޭގައި އެޕާޓްމަންޓް ގަތް ފާރާތްތަކަށް އެޕާޓްމަންޓަށް ވަދެވި ދިރިއުޅެން ފެށޭވަރުކޮށްދޭން" މަންޑޭ ވިދާޅުވި އެވެ.

އަޅުގަނޑު ޔަގީންކަން ދެން ހަމްބޯއިން ޕްރޯމިސް ކުރި ޕްރޮޑަކްޓް އެ ފެންވަރުގައި ޑެލިވާ ކޮށްދޭނެ ކަމަށް،
ހަސަން މަމްދޫ | މެނޭޖިން ޑިރެކްޓަރު ، ހަމްބޯ

ކޭޕާކް އިމާރާތުގެ ކޮންސްޓްރަކްޝަން ހުރިހާ މަސައްކަތެއް ނިންމާފައި ވަނިކޮށް ފިނިޝިންގެ މަސައްކަތް ހުއްޓުނު އިރު ޕްރޮޖެކްޓް މަސައްކަތުގެ 95 ޕަސެންޓް ވަނީ މުޅީން ނިމިފަ އެވެ. ކަސްޓަމަރުން ދައްކާލުމަށް ތައްޔާރު ކުރި މޮކަޕް އެޕާޓްމަންޓް ވެސް މަސައްކަތް ވެސް ނިންމާފައި ވެއެވެ.

"އަޅުގަނޑު ޔަގީންކަންދެން ހަމްބޯއިން ޕްރޯމިސް ކުރި ޕްރޮޑަކްޓް އެ ފެންވަރުގައި ޑެލިވާ ކޮށްދޭނެ ކަމަށް"