ކްރިމިނަލް ކޯޓް

މިދިޔަ އަހަރު މުއްދަތު ޖެހީ 86 މީހުންނަށް

Feb 6, 2022

ތަފާތު ކުށްތަކުގެ ތުހުމަތުގައި ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖެހުމަށް މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހާޒިރުކުރި 86 މީހުންނަށް ބަންދުގެ މުއްދަތު ދީފައިވާ ކަމަށް ކޯޓުން ހާމަކޮށްފި އެވެ.

ކްރިމިނަލް ކޯޓުން އާންމުކޮށްފައިވާ މިދިޔަ އަހަރުގެ ތަފާސްހިސާބުތަކަށް ބަލާއިރު 2،722 މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް މިދިޔަ އަހަރު ކޯޓަށް ހާޒިރުކޮށްފައިވެ އެވެ. މީގެތެރެއިން 86 ޕަސަންޓް މީހުންނަށް ބަންދުގެ މުއްދަތު ދީފައިވާއިރު 14 ޕަސަންޓް މީހުން ވަނީ ދޫކޮށްލާފަ އެވެ.

ތަފާތު އެކި މައްސަލަތަކުގައި ކްރިމިނަލް ކޯޓަށް ހުށަހަޅައިގެން މިދިޔަ އަހަރު 1،529 ކޯޓު އަމުރެއް ހޯދަން އެދުނުއިރު 103 އަމުރު ނެރެދީފައެއް ނުވެ އެވެ.

ނެރެފައިވާ އަމުރުތައް

  • ބަލައި ފާސްކުރުމުގެ އަމުރު - 405
  • ހައްޔަރުކުރުމުގެ އަމުރު - 399
  • ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރު - 112
  • ޒާތީ މުއާމަލާތުގެ ކޯޓު އަމުރު - 54
  • އެކައުންޓް ފްރީޒް ކުރުމުގެ އަމުރު - 19
  • އަމުރު މުރާޖާއާ - 2
  • ކަފާލާތުގެ ފައިސާ ދޫކުރާ އަމުުރު - 2
  • އަމުރު ބާތިލްކުުރުން - 2
  • އެހެނިހެން ކޯޓު އަމުރު - 525

ކްރިމިނަލް ކޯޓުން މިދިޔަ އަހަރު 23،398 ކުށުގެ ރެކޯޑް ސާފުކޮށްދީފައިވެ އެވެ. އެންމެ ގިނައިން ސާފުކޮށްދީފައިވަނީ ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) މެދުވެރިކޮށް ކުށުގެ ރެކޯޑް ސާފުކުރަން ހުށަހެޅި މައްސަލަތަކުގަ އެވެ.

ކްރިމިނަލް ކޯޓަށް ހުށަހަޅާ މައްސަލަތައް ނުނިމި ދިގުލައިގެން ދިއުމާއި އަޑުއެހުންތައް ތާވަލްކުރުމަށްފަހު ކެންސަލް ކުރުމަކީ އާންމުކޮށް ހިނގާ ކަމަކަށްވާތީ އެއީ އާންމުންގެ މެދުގައި އަބަދުވެސް ކަންބޮޑުވުން އޮންނަ މައްސަލަ އެކެވެ.

ކްރިމިނަލް ކޯޓުން ބުނާ ގޮތުގައި ބައެއް މައްސަލަތައް ދިގުލައިގެން ދަނީ ހަމައެކަނި ކޯޓުގެ އިހްމާލަކުން ނޫނެވެ. މައްސަލައިގައި ހިމެނޭ ދެ ހަސްމުންގެ ތެރެއިން ހަސްމަކު އެދޭ ނުވަތަ ހުށަހަޅާ ކަމެއްގެ ސަބަބުން ވެސް މައްސަލަތައް ދިގުލައިގެންދާ ކަމަށް ކޯޓުން ބުނެ އެވެ.