ޗައިނާގެ އަގު ވައްޓާލައި އިގުތިސާދަށް އަރައިގަތުމަށް އެމެރިކާ ކުރާ މަސައްކަތްތައް ކުށްވެރިކުރާ ކަމަށް ޗައިނާ އިން ބުނެފި އެވެ.
ޗައިނާ ހާރިޖީ ވުޒާރާގެ ތަރުޖަމާން ލިން ޖިއާން ވިދާޅުވި ގޮތުގައި ޗައިނާގެ އުފެއްދުންތެރިކަން ހުއްޓުވުމުގެ މަގުސަދުގައި އެމެރިކާ އިން ކުރާ ކޮންމެ މަސައްކަތަކަށް ބަދަލުހިފާނެ އެވެ.
އެމެރިކާގެ ރައީސް ޖޯ ބައިޑަން މިދިޔަ ހަފުތާގައި ސޮއިކުރައްވައި ގާނޫނަކަށް ހެއްދެވި ބިލެއްގެ ސަބަބުން ޗައިނާގެ ޑިޖިޓަލް އުފެއްދުންތަކަށް ދަތިތަކެއް ކުރިމަތިވާނެ އެވެ.
އެމެރިކާގައި ޓިކްޓޮކް ބޭނުންކުރުން ހުއްޓުވުމަށްޓަކައި ގާނޫނެއް ފާސްކުރުމުގެ ބޭނުމަކީ ޗައިނާގެ ކުރިއެރުން ހުއްޓުވުން ކަމަށްވެސް ޗައިނާއިން ބުނެ އެވެ.
ޓިކް ޓޮކް އަކީ ކުރު ވީޑިއޯ ޝެއާކުރުމަށް އާންމުންގެ މެދުގައި އެވަރެއް ނެތް ވަރުގެ މަގުބޫލު ޕްލެޓްފޯމެކެވެ. އެމެރިކާ ބުނާ ގޮތުން ޗައިނާގެ އުފެއްދުމެއްގެ ގޮތުގައި ޓިކް ޓޮކް އެ ގައުމުގައި ބޭނުމެއް ނުކުރެވޭނެ އެވެ.
ޓިކް ޓޮކް މިހާރު އޮތް ގޮތަށް ދަމަހައްޓަން އެދޭ ނަމަ އޮތް އިތިްހޔާރަކީ އެހެން ކުންފުންނަކަށް ވިއްކާލުން ކަމަށްވެސް އެމެރިކާ ބުނެ އެވެ.
ކުރިއަށް އޮތް 12 މަސް ދުވަހުގެ ތެރޭގައި ޓިކް ޓޮކް ވިއްކާ ނުލައިފިނަމަ، މި ޕްލެޓްފޯމް ހިންގާ ޗައިނާގެ ބައިޓް ޑާންސްއަށް ދަތިކުރަންވެސް އެމެރިކާއިން ވަނީ ކަނޑައަޅާފަ އެވެ.
އެމެރިކާގެ ރައީސް ޖޯ ބައިޑަން ދެކެވަޑައިގަންނަވާ ގޮތުގައި ޗައިނާގެ އެއްވެސް އުފެއްދުމެއް އެމެރިކާގައި ބޭނުންކޮށްގެން ނުވާނެ އެވެ.
ޗައިނާގެ ވެރިންނަކީ އަހްލާގީ ގޮތުން ދަށް އަދި އެއީ އެމެރިކާ މީހުން މުއާމަލާތް ކުރާ ވަރުގެ ބައެއް ނޫން ކަމަށްވެސް ބައިޑަން ވިދާޅުވި އެވެ.
ބައިޑަންގެ މި ވިދާޅުވުމަށް ޗައިނާ ވަނީ ރައްދު ދީފަ އެވެ.
ޗައިނާ ބުނާ ގޮތުން އެމެރިކާ އަކީ ހަސަދަވެރި، ގޮތެއް ނެތް އަދި ކިބުރުވެރި ބަޔަކު ހިންގާ ސަރުކާރެއް އޮތް ގައުމެކެވެ. އެ މީހުންނަކީ ވާދަވެރިންނަށް ވެސް ވާން ނޭނގޭ ބައެއް ކަމަށް ޗައިނާގެ ތަރުޖަމާން ވިދާޅުވި އެވެ.
ޗައިނާގެ ރައީސް ޝީ ޖިންޕިން ވެސް ވަނީ މި މޭރުމުން ބަސްވިދާޅުވެފަ އެވެ. އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި ޗައިނާއާ އެމެރިކާ އަކީ ދުޝްމަނުން ގޮތުގައި ވެގެން ނުވާނެ އެވެ. އަދި ވާދަވެރިންނަށް ވުމަށް ވުރެވެސް ބައިވެރިންނަށް ވުމަކީ ދެ ގައުމަށް ވެސް ފައިދާ ބޮޑު ގޮތް ކަމަށްވެސް ޝީ ޖިންޕިން ވިދާޅުވި އެވެ.