އެމެރިކާގައި މި އަހަރު އޮންނަ ރިޔާސީ އިންތިހާބަށް ޗައިނާއިން ނުފުޒުފޯރުވަން މަސައްކަތްކުރާ ކަމަށް ބުނެ ދެކެވޭ ވަހަކަތައް ހުޅަނގުގެ މީޑިއާތަކުގައި ވަރަށް ގިނަ އެވެ.
މި ވާހަކަތަކަށް ރައްދުދީ އެމެރިކާގައި ހުންނަ ޗައިނާ އެމްބަސީން ބުނީ އެމެރިކާގައި އޮންނަ އެއްވެސް އިންތިހާބެއް ޗައިނާއަށް މުހިންމު ނޫން ކަމަށެެވެ.
އެމެރިކާގެ ރިޔާސީ އިންތިޚާބަށް ޗައިނާއިން އެއްވެސް ޝައުގުވެރިކަމެއް ނެތް ކަމަށާއި ނުފޫޒު ފޯރުވުމުގެ އެއްވެސް ވިސްނުމެއް ނެތް ކަމަށް ވެސް އެމްބަސީން ބުންޏެވެ.
އެމްބަސީގެ ތަރުޖަމާން ލިޔޫ ޕެންޔޫ ވިދާޅުވި ގޮތުގައި ޗައިނާއޭ ކިޔައިގެން ކޮންމެ ބަޔަކަށް ވެސް ވާހަކައެއް ދެއްކިދާނެ އެވެ. އެކަމަކު އެއީ ހަގީގަތާ ވަރަށް ދުރު ވާހަކަތަކަށް ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އެމެރިކާގެ ވެރިކަން ބަދަލުވުމަކުން ޗައިނާއަށް ވާނެ ވަކި މޮޅެއް ނެތް ކަަމަށް ވެސް ތަރުޖަމާން ވިދާޅުވި އެވެ.
ރިޕޯޓްތައް ބުނާ ގޮތުން އެމެރިކާގެ ރައިސްގެ މަގާމަށް ޑޮނަލްޑް ޓްރަމްޕް ވަޑައިގަތް ނަމަވެސް، ޗައިނާއަށް އާ ކަމަކަށް ނުވާނެ އެވެ. ޗައިނާ ވަނީ މީގެ ކުރިންވެސް ޓްރަމްޕްގެ ވެރިކަމެއް ތަޖުރިބާކޮށްފައި ކަމަށް ރިޕޯޓްތައް ބުނެ އެވެ.
އެމެރިކާގެ ރިޔާސީ އިންތިޚާބަށް ވުރެ ޗައިނާއަށް މުހިންމީ އެއަށް ވުރެ ދަށް އިންތިޚާބުތައް ކަމަށް ސިޔާސަތު ދިރާސާކުރާ މީހުން ބުނެ އެވެ.
ޗައިނާއިން މިހާރު ވެސް ވަނީ އެމެރިކާގެ ސިޓީތަކުގެ ފެންވަރުގައި ގުޅުން ހަރުދަނާކޮށްފައި ކަމަށް ޗައިނާގެ މި އަމަލުތައް ރަނގަޅަށް ދަންނަ މީހުން ބުނެ އެވެ. އެމެރިކާގެ ތެރެއަށް ޗައިނާގެ ސިޔާސަތު ފަތުރާލުމަށް -- ރިޔާސީ އިންތިޚާބަކަށް ވުރެ ލޯކަލް އިންތިޚާބުތައް މުހިންމު ކަމަށް ރިޕޯޓްތައް ބުނެ އެވެ.
އެމެރިކާއިން އިގުތިސާދީ ގޮތުން ޗައިނާއަށް ދަތިކުރި ނަމަވެސް، އެ ދަތިކަމެއްގެ އުނދަގޫ އެމެރިކާގެ ރައްޔިތުން ވެސް ތަޖުރިބާކުރަން ޖެހެ އެވެ.
ވިޔަފާރި ދިރާސާކުރާ މީހުން ބުނާ ގޮތުން ޗައިނާއިން އެމެރިކާއަށް އެތެރެކުރާ މުދަލުން ނަގާ ޓެކްސްތައް އިތުރުކުރި ވަރަކަށް އާންމުންގެ ޚަރަދު މައްޗަށް ދާނެ އެވެ.
ދެ ގައުމުގެ މަސްރަހު މިހެން އޮތުމުން އެމެރިކާއިން ޗައިނާއާ ތޮޅެންޖެހޭނީ ވަރަށް ވިސްނައިގެން ރައްކާތެރިކަމާ އެކު ކަމަށް ސިޔާސީ ތަޖުރިބާކާރުން ބުނެ އެވެ.